ޑީއާރުޕީ އުވާލި މައްސަލަ ބޭރުކޮށްލުމުން، އާ ޕާޓީއެއް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން ނިންމި ނިންމުން ބާތިލުކުރުމަށް އެ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލައިފިއެވެ.

މެންބަރުންގެ އަދަދު ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި މެންބަރުން ހަމަނުކުރެވުނު ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލައިފައެވެ.

ޑީއާރުޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ޕާޓީގައި ތިބި 10،000އަށްވުރެ ގިނަ މެންބަރުން އުސޫލާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އީސީގެ ނިންމުމުގެ ސަބަބުން ޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން ލިބިދީފައިވާ ހައްގަކަށް ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،000އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއަށް ރުޖޫޢަކޮށްދޭން އެޕާޓީގެ ފަރާތުން ވަނީ އެދިފައެވެ.

އެކަމަކު، ރަޖިސްޓަރާގެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި އެކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހެޅޭނެ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ޕާޓީގެ ދަފުތަރަށް ގެނައުމަށް އެދޭ ބަދަލެއް އީސީން ގެނައުމަށް އިންކާރުކުރުން ފަދަ މައްސަލަތައް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ޑީއާރުޕީގެ ފަރާތުން ހުށަހަޅާފައިވަނީ އެފަދަ މައްސަލައެއް ނޫން ކަމަށް ވަނީ ނިންމައިފައެވެ.

މިކަމާ ގުޅިގެން ޑީއާރުޕީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމާނީ ގާނޫނީ ވަކީލުންގެ ޓީމުން ކަމަށެވެ. ނަމަވެސް، މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދަނީ އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިކަމާ [މައްސަލަ ބޭރުކޮށްލުމާ] ގުޅިގެން ވަކި ގޮތެއް ނިންމާނީ ގާނޫނީ ވަކީލުން. އަޅުގަނޑު މި ވަގުތު އެންމެ އިސްކަމެއް ދެނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތަށް. އެކަމުގައި މިއުޅެނީ." ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ތައްޔާރުވަމުން ގެންދާ ކަމަށެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ ޖުލައި 15، 2005 ގައެވެ. އޭރު އެ ޕާޓީއަކީ އެންމެ މަގުބޫލު ޕާޓީއެވެ.

ނަމަވެސް، އެޕާޓީގެ ކުރީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޕާޓީގެ ލީޑަރުކަމަށް އަހުމަދު ތަސްމީން އަލީ އިސްކުރެއްވުމަށް ފަހު، އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި މައުމޫން ވަނީ އެޕާޓީ ދޫކޮށްލައްވާ، ޕީޕީއެމް އުފައްދަވަައިފައެވެ. އެމަނިކުފާނާއެކު ޑީއާރުޕީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕީޕީއެމަށް ބަދަލުވެފައެވެ.

comment ކޮމެންޓް