ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--- ސަަން ފޮޓޯ/ މުހައްމަދު ސާތިއު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރޭ ސަން ސިޔާމް މީޑިއާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިޔާތެއްގައި އެ މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީނެވެ. މުބާރާތް ހިންގާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޒަހީން ވިދާޅުވީ ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅުވިަރުކަމުގައިވާ ފުޓްސަލް ކުރިއަރުވައި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް ސަން ސިޔާމް މީޑިއާއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

"ރާއްޖޭގައި މިހާތަނަށް ބޭއްވޭ ފުޓްސަލްގެ މިފަދަ ކާމިޔާބު މުބާރާތެއްގެ ބްރޯޑްކާސްޓިންގް ޕާޓްނަރ އަކަށް ސަން ސިޔާމް މީޑިއާ އިހުތިޔާރު ކުރައްވާ ގޯލްޑަން ފުޓްސަލް އެސޯޯސިއޭޝަނުން މިފުރުސަތު އެސްއެސް މީޑިއާއަށް ދެއްވިކަމީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް،" ޒަހީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މުބާރާތުގެ ކަވެރޭޖް ވަރަށް ފުރިހަމަޔަށް ސަން ސިޔާމް މީޑިއާއިން ގެނެސްދޭނެ ކަމަށެވެ. އެ މުބާރާތުގެ އެންމެ އަވަސް އަދި އެންމެ ތާޒާ ހަބަރުތަކާއި ފޮޓޯ އަދި ވީޑިއޯތައް އެ މީޑިއާގެ ޕްލެޓްފޯމްތަކުން ފެންނާނެ ކަމަށް ވެސް ޒަހީން ވިދާޅުވިއެވެ.

ކެގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--- ސަަން ފޮޓޯ/ މުހައްމަދު ސާތިއު

އެ ރަސްމިއްޔާތުގައި ގޯލްޑެން އެސޯސިއޭޝަންގެ ރައީސް ރިލްވާން ވިދާޅުވީ ސަން ސިޔާމް މީޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އޯޑިއަންސް އޮތް މީޑީއާކަމުން އެ މުބާރާތުގެ ކަވަރޭޖް އެ މީޑީއާއެކު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ސަން ސިޔާމް މީޑިއާއާއެކު އަޅުގަނޑުމެންގެ މުބާރާތް ރާއްޖޭގެ އެންމެންނާ ހަމައަށް ދާނެ ކަމަށް،" ރިލްވާން ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން؛ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުން ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގައެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާރފު ދަނޑުގައެވެ.

comment ކޮމެންޓް