އެކައުންޓަންޓުން ތަމްރީނު ކުރަން 200 ސްކޮލާޝިޕް ފުރުސަތު

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގައި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް 200 ސްކޮލާޝިޕް ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ސްކޮލާޝިޕު އިއުލާން ކުރުމާއި ގުޅިގެން މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ހުޅުވާލި 200 ފުރުސަތަކީ ވަރަށް މުހިއްމު ފުރުސަތުތަކެއް ކަމަށާއި މިއީ ޗާޓާ އެކައުންޓެންޓުންނަށް ވުމަށްޓަކައި އެއާއި ގުޅުން ހުރި ހުރިހާ ޚަރަދެއް މިނިސްޓްރީން ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށެވެ.

"ސީމާ އަދި އޭސީސީއޭގެ ފަހު ދެ ލެވެލްގެ އިމްތިހާނު ފީއާއި އެ ނޫންވެސް އެހެނިހެން ޚަރަދުތައް ހިމެނޭގޮތަށް ދެވޭ ސްކޮލަޝިޕްގެ ބޭނުން މި ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި މި ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުން ހިއްޕަވާނެކަމަށް އަޅުގަނޑު އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އިއުލާނުކުރި 200 ސްކޮލާޝިޕް ބަހާލައިފައިވަނީ ދެ ގިންތިއަކަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ.

މިނިސްޓަރު ވިދާޅުވީ 50 ފުރުސަތު ޕަބްލިކް ސެކްޓާއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

"ފަންނީ، ގާބިލު، ތައުލީމީ ޒުވާނުން މިކަންކަމުގައި އުޅެގެން މެނުވީ އަޅުގަނޑުމެންގެ މި މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ނުކުރެވޭނެ. އަޅުގަނޑުމެންގެ މާލީ ބަޔާންތަކާއި އަޅުގަނޑުމެން މިނެރޭ އޮޑިޓް ރިޕޯޓުތަކަކީ އާންމުންނަށް އޮޅުން ނާރާނެފަދަ ގޮތަކަށް ކުށެއް ނެތް ގޮތަކަށް ކަން ކުރެވޭނެފަދަ ބަޔަކު ލިޔާ ރިޕޯޓުތަކަކަށް ވާންޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޢިޢްލާނުކުރި ސްކޮލާޝިޕް ތަކުގައި ފުރިހަމަކުރަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި، ފެންވަރު:
1. ACCA ސްކިލްސް ލެވެލް
2. ACCA ޕްރޮފެޝަނަލް ލެވެލް
3. CIMA މެނޭޖްމަންޓް ލެވެލް
4. CIMA ސްޓްރެޓީޖިކް ލެވެލް

މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިޢުލާނުކުރި ސްކޮލަރޝިޕްތަކެކެވެ. މައިގަނޑު މަޤްޞަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަދު ހުޅުވާލި ސްކޮލާޝިޕް ފުރުސަތުތަކުގައި ސަރުކާރުން ކުރާނެ ޚަރަދުތައް:

• ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
• އެނުއަލް ސަބްސްކްރިޕްޝަން ފީ
• އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
• އެގްޒާމް ފީ
• އެފްލިއޭޝަން ފީ
• މެމްބާޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭ ކަމުގައި ވާނަމަ)
• ބުކް އެލަވަންސް
• ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
• އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު

މިއީ، މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މިދިޔަ 2022ވަނަ އަހަރުވެސް ވަނީ މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލާޝިޕް ދީފައެވެ. މިދިޔަ އަހަރުގެ ސްކޮލާޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލާޝިޕްގައި ކިޔެވުން ފަށައިފައެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ. މި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ.

މި ސްކޮލާޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހެވެ.

comment ކޮމެންޓް