ބްލެކް ޕެންތާ މިހާރު ސްޓްރީމް ކުރެވޭނެ

މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން މިދިޔަ އަހަރު ނެރުނު އެންމެ ފަހު ފިލްމު "ބްލެކް ޕެންތާ : ވަކަންޑާ ފޮރެވާ" އެންމެ ފަހުން ސްޓްރީމު ކުރެވޭ ގޮތް ހަދައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 15 ގައި ސިނަމާތަކުގައި ދައްކަން ފެށި ބްލެކް ޕެންތާ ފިލްމު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް ހޯދާފައިވާއިރު އެ ފިލްމު ސިނަމާތަކަށް ނެރުނު ގޮތަށް އެތައް ދުވަހެއް ވަންދެއް އާންމުންނަށް ރިލީޒްކޮށްފައެއް ނުވެއެވެ.

ނަމަވެސް އެންމެ ފަހުން ވަނީ ޝޯ ސްޓްރީމިން ސާވިސްއަށް ނެރެފައެވެ. ޑިޒްނީގެ ބެލުމުގެ ދަށުން ހިންގާ މާވެލް ފިލްމު ރިލީޒްކޮށްފައިވަނީ ކުންފުނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް އަށެވެ.

ރާޔަން ކޫގްލާ ޑައިރެކްޓްކުރި މި ފިލްމަށް ވަނީ 841.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އޭގެތެރޭގައި އެމެރިކާއިން ބޭރުން ލިބިފައިވަނީ 400 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ބްލެކް ޕެންތާ އަންނަނީ އެވޯޑު އިވެންޓުތަކުގައި ވެސް ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން މިއަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑުގައި ބްލެކް ޕެންތާއިން ވަނީ ނޯމިނޭޝަނެއް ހޯދާފައެވެ. މިއީ މާވެލްގެ ފިލްމަކުން ނޯމިނޭޝަންގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ބްލެކް ޕެންތާގައި އެކްޓަރު އެންޖެލާ ބެސެޓް ކުޅެފައިވާ ރޯލަށް ވަނީ އެންމެ މޮޅު ސަޕޯޓިން ރޯލުން ނޯމިނޭޝަން ލިބިފައެވެ.

ބްލެކް ޕެންތާގެ އާ ފިލްމުން ލީޑް ރޯލުން ފެންނާނީ އެންޖެލާ ބެސެޓް އާއި ލެޓީޝާ ރައިޓް އާއި ޓެނޯކް ހުއެރުތާ އާއި ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާއެވެ. މި ފިލްމަކީ ބްލެކް ޕެެންތާގެ ރޯލުން ފެނިގެން ގޮސްފައިވާ ޗެޑްވިކް ބޯސްމަންއަށް ޓްރިބިއުޓް ފިލްމެއްގެ ގޮތުގައި ނެރުނު ފިލްމެކެވެ. ކެންސަރު ބައްޔާ ހަނގުރާމަކުރަމުން ދިޔަ ޗެޑްވިކް ވަނީ 2020 ވަނަ އަހަރު މަރުވެފައެވެ.

comment ކޮމެންޓް