ބީއެމްއެލްއިން ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓާއި، ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ފަސް ޕަސެންޓަށް ދަށްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، ކިޔަވާ ކުދިންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓާއި ފައިނޭންސިން ރޭޓް ފަސް ޕަސެންޓަށް މިއަދުން ފެށިގެން ދަށް ކުރަން ނިންމާފައިވާއިރު، މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް މި ރޭޓް ކަނޑައަޅާފައިވާ ކަމަށެވެ.

ކިޔަވާކުދިން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ބީއެމްއެލްއިން ގެނައި މި ހެޔޮ ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ކުޑަވާނޭކަމަށް ގައުމީ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ ގައުމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތައް ހިމެނޭހެން ކިޔެވުމުގެ ޚަރަދުތަކުގެ 75 ޕަސެންޓާ ހަމަޔަށް މިހާރު ފައިނޭންސް ލިބޭނޭ ކަމަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

ކިޔަވާ ކުދިން ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓްތައް ބީއެމްއެލްއިން ދަށްކޮށްފައިވާއިރު، އެ ބޭންކުން މި ފަހަކުން ވަނީ، އަމިއްލަ އެކި ބޭނުންތަކަށް ބީއެމްއެލްއިން ނަގާ ލޯނުތަކުގެ ތެރެއިން 1.2 މިލިއަނަށް ވުރެ ދަށް ލޯނުތަކުގައި ރަހުނެއް ބަަހައްޓަން ނުޖެހޭނެ ގޮތަށްވެސް ހަދާފައެވެ.

comment ކޮމެންޓް