މަތިވެރިން ގެއްލުނު މީހާ ދިޔަކަމަށް ބެލެވެނީ މޫދަށް: ކައުންސިލް

މަތިވެރިން ގެއްލިގެން ހޯދާ މަތިވެރީ ހަސަންފުޅު

އއ. މަތިވެރިން ގެއްލިގެން ހޯދާ ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) މޫދަށް ދިޔަކަމަށް ޝައްކުކުރެވޭ ކަމަށް ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒް ވިދާޅުވެއްޖެއެވެ.

އުމުރުން 72 އަހަރުގެ މަތިވެރީ ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ ރޭ މަޣްރިބް ނަމާދަށް ފަހުއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ނާފިޒް މިއަދު ވިދާޅުވީ، އޭނާ މޫދަށް ދިޔަކަމަށް ބެލެވޭ ހެކިތަކެއް އެބަހުރިކަމަށެވެ. އެގޮތުން އޭނާ މޫދަށްދާން މާސްކު ތައްޔާރުކުރާ ގޮތައް މާސްކު ތައްޔާރުކުރިތަން ގޭގައި އުޅޭ މީހުނަށް ފެނުނު ކަމަށް ނާފިޒް ވިދާޅުވިއެވެ. އަދި މިހާރު ގޭތެރޭގައި އެ މާސްކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ އެންމެ ފަހުން ބޭރަށް ދިޔައީ ފޯނު ގޭގައި ބާއްވަފައި ކަމަށް ނާފިޒް ވިދާޅުވިއެވެ.

"އޭނައަކީ އާންމުކޮށް ދުފާއެއްޗެހި ގެންގުޅޭ މީހެއް. އެކަމަކު އެ އެއްޗެހި ވެސް ބަހައްޓާފަ ދިޔައީމަ މިހާރު ބޮޑަށް ބެލެވެނީ މޫދަށް ދިޔައީކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި ރައްޔިތުންނާއި ފުލުހުން ގުޅިގެން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނާފިޒް ވިދާޅުވީ، މަތިވެރީ ހަސަންފުޅު ހޯދުމަށް މިހާރު ރަށުގެ އެކި ސަރަހައްދުތަކާއި މޫދު ވެސް ބަލަމުންދާ ކަމަށެވެ.

އޭނާ ހޯދުމަށް އިތުރު މަސައްކަތް ކުރުމަށް މިހާރު އެމްއެންޑީއެފުން ވެސް ވަނީ އެ ރަށަށް ދިއުމަށް މިސްރާބު ޖަހާފައެވެ.

comment ކޮމެންޓް