އިންތިޚާބުގެ މަސައްކަތަށް އީސީން 200އަށްވުރެ ގިނަ ވަޒީފާ

ނިމިދިޔަ މަޖިލީސް އިންތިޚާބުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ މަސައްކަތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ.

ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އެކި މަސައްކަތްތަކަށް އީސީން ވަގުތީ ވަޒީފާތަކަށް ހުޅުވާލައެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ މަސައްކަތަށް ވެސް މިހާރު ވަނީ 265 ވަޒީފާއަށް ހުޅުވާލައިފައެވެ.

އިސީން މިހާރު ހުޅުވާލައިފައިވާ ވަޒީފާތަތަކުގެ ތެރޭގައި ހިމެނެނީ:

  • 203 އޮފިސަރުން
  • 39 ސީނިއާ އޮފިސަރުން
  • އަށް މެނޭޖަރުން
  • އެއް ސީނިއާ އޮފިސަރު (މީޑިއާ)
  • ތިން ޓެކް އޮފިސަރުން
  • ތިން ގްރެފިކްސް ޑިޒައިނަރުން
  • ދެ އެސިސްޓެންޓް މާސްޓާ ޓްރެއިނަރުން
  • ހަ މަސައްކަތުގެ މީހުން

މި ވަޒީފާތަކަށް ނަގާ މީހުންނަކީ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ވެގެން ނުވާނެއެވެ. ހަމައެއާއެކު ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޮތް މީހެއް ނަމަ، ވަޒީފާއަށް ހޮވުމުން އެ ޕާޓީއަކުން ވަކިވާން ޖެހޭނެއެވެ.

އޮފިސަރުގެ މަގާމަށް އިލެކްޝަނުން ހުށަހަޅާފައި ވަނީ 10،000 ރުފިޔާގެ މުސާރައަކަށް ވާއިރު ސީނިއާ އޮފިސަރުގެ މަގާމަށް ހުށަހަޅާފައި ވަނީ 12،000 ރުފިޔާގެ މުސާރައެކެވެ. އަދި ނުރަސްމީ ގަޑީގައި ނިކުމެ ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް އީސީގެ އިއުލާނުގައިވެއެވެ.

އީސީން އިއުލާނު ކޮށްފައިވާ އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އެޕްރީލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން ބުނީ އެ ވަޒީފާތަކަށް ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއު ކުރުން ކޮންމެ 15 ދުވަހަކުން އޮންނާނެ ކަމަށެވެ.

އިންތިޚާބާ ދިމާކޮށް ކުރަން ހުންނަ ގިނަ މަސައްކަތްތައް ކުރުމަށް އީސީން ހުޅުވާލާ ވަގުތީ ވަޒީފާތަކާ ގުޅިގެން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު "ސަން"އަށް ވިދާޅުވީ އެ ވަޒީފާތަކަކީ އެކި ބެޗުތަކަށް ބަހާލައިގެން ހުޅުވާލާ ވަޒީފާތަކެއް ކަމަށެވެ.

"މިހާރު ހުޅުވާލާފަ އެވަނީ 265 ވަޒީފާއަށް. އަޅުގަނޑުމެންނަށް ސީދާ ފުދޭ ވަރަށް ވަޒީފާތައް މި ހުޅުވާލަނީ. އެއީ އެ މީހުން ބަހައްޓާނެ ތަނެއް ވެސް ނެތީމަ،" އޭނަ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި އެ ވަޒީފާތަކަކީ އެކި މައްދަތުތަކަށް ދޭ ވަޒީފާތައް ކަމަށެވެ. އެގޮތުން ބައެއް ވަޒީފަތަކަކީ 15 ދުވަހުގެ ކޮންޓްރެކްޓަށް ވާއިރު އެއް މަސް ދުވަހާއި ތިން މަސް ދުވަހުގެ އިތުރުން ހަ މަސް ދުވަހުގެ ކޮންޓްރެކްޓް ހިމެނޭ ވަޒީފާތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވަޒީފާތަކަށް އީސީން ބޭނުންވާ ފެންވަރުގެ މީހުން ނުލިބޭ ކަމަށެވެ. އެއީ އެ ވަޒީފާ ތަކަކީ ވަގުތީ ވަޒީފާތަކަށް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުތަކުގައި އެންމެ ބޮޑު ޚަރަދެއް ދަނީ މިގޮތަށް ހުޅުވާލާ ވަގުތީ ވަޒީފާތަކަށްވުރެ ބޮޑަށް ރިޔާސީ އިންތިޚާބު ބާއްވާ ދުވަހު އެކި ވޯޓު ފޮށިތައް ކައިރީގައި ތިބޭ އޮފިޝަލުން ނެގުމަށް ކަމަށެވެ.

މިހާރު އީސީން ހުޅުވާލާފައިވާ 265 ވަގުތީ ވަޒީފާގެ އިތުރަށް ރިޔާސީ އިންތިޚާބާ ދޭތެރޭގައި އޭގެ އިތުރު ވަޒީފާތަަކަށް ވެސް ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް