ރާއްޖެ ކޮރަޕްޝަން އިންޑެކްސްގެ 85 ވަނައިގައި، ކުރިއެރުމެއް ނުލިބޭ

އޭސީސީއިން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން

ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ ގައުމުތަކުގެ 85 ވަނައިގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބި ހިފެހެއްޓިފައިވާ ކަމަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ބުނެފިއެވެ.

މި މިންގަނޑު ކަނޑައަޅަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށް ބަލައިގެންނެވެ.

މި މިންގަނޑަށް ބަލާއިރު 40 ޕޮއިންޓާއެކު ރާއްޖެ އޮތީ 185 ގައުމުގެ ތެރެއިން 85 ވަނައިގައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުމާއި ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ މީހުންނާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ސީޕީއައިގެ މެދުމިނުގެ ގިންތީގައި ހިމެނިފައިވުމުން އަންގައިދެނީ ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް މީހުން އާންމުންނަށް ގެއްލުންވާގޮތަށް ނުހައްގުން މަންފާ ހޯދުމުގެ މައްސަލަ އޮތުން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކޮރަޕްޝަންގެ ސަބަބުން ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ލޮޅުންތައް އަރައި، ގައުމުގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ބުރޫއަރާ ކަމަށާއި، ކޮރަޕްޝަނުގެ ސަބަބުން އޯގަނައިޒްޑް ކްރައިމާއި ވައިލަންޓް ކޮންފްލިކްޓް އިތުރުވާ ފަދަ މާހައުލެއް ގާއިމްވާ ކަން ފާހަގަކޮށްފައިވެއެވެ.

ކޮރަޕްޝަން ކުޑަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ސިޔާސީ މީހުންނާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރުކުރުވަން އެސެޓް ޑިކްލަރޭޝަން ބިލް ފާސްކޮށް ނުހައްގުން މުއްސަނދި ވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުވުމަށް މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އެކުލަވާލުމަށް ހުށަހަޅާފައިވެއެވެ.

އަދި، ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާ އާއި ވަސީލަތްތައް ޚަރަދުކުރާ ގޮތާއި ބޭނުންކުރާ ގޮތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފަސޭހަކަމާއެކު ލިބެން ހުންނާނެގޮތް ހެދުމާއި، އެކަށީގެންވާ ވަގުތުގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކޮށް ވިސްލްބްލޯކުރާ މީހުން ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން، ސަރުކާރު ހިމެނޭހެން، ޒިންމާދާރުކުރެވޭނެ ގޮތްތައް މަގުފަހިކުރުމަށްވެސް ގޮވާލާފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދާއިރު، ޒިންމާދާރުކުރުމާއި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީގޮތުން ކުރަމުންގެންދާ ކަންތައްތަކާ މެދު ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ޖަމުއިއްޔާއިން ވަނީ ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ.

comment ކޮމެންޓް