އެޕްރީލް 14 އަކީ ދިވެހިންގެ ސަގާފީ އާ އަހަރު ފަށާ ދުވަސް: އަބްދުއްރަޝީދު ހުސައިން

އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --

އެޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ރާއްޖޭގެ ސަގާފީ އައު އަހަރު ފެށޭ ދުވަސްކަމަށް ރާއްޖޭގެ މަޝްހޫރު ގައުމީ ޅެންވެރިޔާ އަދި ކުރީގެ މިނިސްޓަރު އަބްދުއްރަޝީދު ހުސައިން ވިދާޅުވެއްޖެ އެވެ.

މިއީ ދިވެހިން ފާހަގަކޮށް އުޅުނު އަދި ފަހުގެ ތާރީހުތަކުގައި އެދުވަހެއް ފާހަގަ ނުކޮށް ދޫކޮށްލާފައިވާ މި ދުވަހާ ބެހޭ ގޮތުން ރާއްޖޭގޭ އިސް ރައްޔިތަކު އާންމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަބްދުއްރަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިދިއަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަ ކުރަން ފެށި ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ގުޅުމުގެ ރައީސް އަދި ގައުމީ އިނާމް ކޮމެޓީގެ ޗެއަރމަން އަބްދުއްރަޝީދު ވިދާޅުވީ ދިވެހިންގެ ސަގާފީ އައު އަހަރު ފެށޭ ދުވަހަކީ އައްސިދަ ނަކަތުގެ ހަތްވަނަ ދުވަސް ކަމަށާއި އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މިދުވަހު ރާއްޖެއަށް ވާރޭ ވެހޭ ކަމަށެވެ.

"މިދިއަ އަހަރު މިދުވަހު ވާރޭ ވެހުނު. މި އަހަރު ވެސް މިދުވަހު ވާރޭ ވެހިއްޖެ، އަޅުގަނޑުމެން ބެލި ބެލުމުން ހަމަ ކޮންމެ އަހަރަކުމެ މިކަން މިގޮތަށް ހިނގާ،" ދަންޑަހެލުގެ ގޮތުގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވެވަޑައިގެންފައިވާ އަބްދުއްރަޝީދު ވިދާޅުވި އެވެ.

މިއަދަކީ ދިވެހިންގެ ސަގާފީ އައު އަހަރު ފެށޭ ދުވަހުގެ އިތުރުން ދިވެހިބަހުގެ އެންމެ އިސް އުސްތާޒު އަދި އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އުފަން ދުވަސް ކަމުން ދިވެހިންގެ އަމިއްލަވަންތަކަމުގެ ރަމްޒު ކަމުގައިވާ ދިވެހި ބަހުގެ ދުވަހެއް ފާހަގަ ކުރަން މިއަށްވުރެ ވަކިން އެކަށީގެންވާ ދުވަހެއް ކޮބައިތޯ ވެސް، ދިވެހި ބަސް ކޮމެޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަޝީދު ސުވާލު ކުރެއްވި އެވެ.

ދިވެހިން ސަގާފީ އާ އަހަރު ފާހަގަ ކުރުން ހުއްޓާލާފައި ވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅާ ހަމައިން ރާއްޖެއަށް އައި ސިޔާސީ ބޮޑެތި ބަދަލުތަކުގެ ތެރޭގަ އެވެ. މި ދުވަހަށް އިހުގައި ދިވެހީން ކިޔައިފައިވާ ނަންތަކުގެ ތެރޭގައި "މުލަބައިސާގު" އާއި "ބިހުރޯޒު" ހިމެނެ އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އިން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ މެންބަރު އަދި ކުރީގެ ލިޔުންތެރިޔާ ޑރ. ޢަލީ ޝަމީމް (އެލިޝް) އެވެ.

އެލިޝްގެ ގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އަދި މީސްކޮޅު މަދު ގައުމެއްގައި އަމިއްލަ ބަހަކާއި އެ ބަސް ލިޔާނެ އަމިއްލަ އަކުރެއް އޮންނާތީ ބޭރުގެ ވަރަށް ގިނަ ބަޔަކު ހައިރާންވާ ކަމަށާއި އަދި ދިވެހިންގެ އަމިއްލަ އަކުރަކީ ދިވެހިންގެ އުފެއްދުންތެރިކަން ދައްކައިދޭ ކަމެއް ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. އަދި މިއީ ދިވެހިން ފަޚުރުވެރިވުން ހައްގު ކަމެއް ކަމަށް ވެސް އެލިޝް ވިދާޅުވި އެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރ ޏާނޭޝްވަރު މުލޭ ވެސް މި ޖަލްސާގައި ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މުލޭގެ ވާހަކަފުޅުގައި ދިވެހި ބަހަށް ސަމާލުކަން ދިނުމަކީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައި ފާހަގަ ކުރައްވައި، ދިވެހިން ދިވެހި ބަހަށް ފަރުވާ ކުޑަކޮށްލައިފިނަމަ އެހިސާބުން ގައުމީ ވާޖިބު އަދާ ކުރުމުގައި ދިވެހިން ފޭލި ވީ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިޔާގެ ރަށެއް ކަމުގައިވާ މަލިކުގައި ވެސް ދިވެހި ބަހުން ވާހަކަ ދައްކާކަން ފާހަގަކުރައްވައި މަލިކުގައި ރާއްޖޭގައި ބަހަށް އަންނަމުންދާ ފަދަ ހަލުވި ބަދަލުތަކެއް ނާންނަކަން ވެސް ވިދާޅުވި އެވެ.

ދުވަހުގެ ޝަހުސިއްޔަތު، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވީ އާދަމް ނަޞީރު އިބްރާހީމެވެ. އޭނާގެ ވާހަކައިގައި ޞަލާހުއްދީނުގެ އިލްމީ މަސައްކަތްޕުޅުތަކާއި އެމަނިކުފާނުގެ އިބާރާތްކުރެއްވުމުގެ ހުނަރާއި ވަސީލަތް މަދު އެފަދަ ޒަމާނެއްގައި ކުރައްވައިފައިވާ އިލްމީ ހިދުމަތްތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވައިލެއްވި އެވެ.

މީގެ އިތުރުން މި ޖަލްސާގައި "ދިވެހިބަހާއި އިރުމަތީގެ އެހެން ބަސްބަހާ ހުރި ގާތްކަމު"ގެ މައްޗަށް ލިންގުއިސްޓެއް ކަމުގައިވާ އިޔާޒު ނަސީމް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ބޭރު މީހުން އެމީހުންގެ ބަސް ދެކެ ލޯބިވާ ފަދައިން ދިވެހިން ވެސް ދިވެހި ބަސް ދެކެ ލޯބިވާން ޖެހޭކަމަށެވެ. އަދި ކުރިމަގުގައި ދިވެހި ބަހުގެ ދުވަހަކީ މުޅި ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަހެއްކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު، މަޒުމޫނު ލިޔުމާ ބެހޭ ގޮތުން ލިޔުއްވި ފޮތެއް ނެރެދެއްވުން ވެސް މިއަދު ބޭއްވި ޖަލްސާގައި އޮތެވެ. ފޮތް ނެރެދެއްވީ ޝަރަފުވެރި މެހުމާނު އެލިޝް އެވެ.

comment ކޮމެންޓް