"މައިންބަފައިންނަކީ ކިހާވަރެއްގެ ބޮޑު ނިއުމަތެއްކަން އެނގޭނީ އެމީހުން ދުނިޔެ ދޫކޮށް ދިޔުމުންނެވެ. ކަރުނަ އަޅާ ހިތާމަ ކުރިޔަސް ފާއިތުވި ދުވަސްތަކެއް އެނބުރި ނާންނާނެއެވެ. މައިންބަފައިން ދެކެ ލޯބިވަންޏާ ދުނިޔޭގައި ތިބިހިނދު ހައްގުތައް އަދާކުރާށެވެ. އެކަކުވެސް މައިންބަަފައިން ފަދައިން އަޅައެއްނުލާނެއެވެ. ހަޔާތުގެ ބައިވެރިންނާއި އެކުވެރިންގެ ބަދަލުގައި އެހެން ބަޔަކު ލިބިދާނެއެވެ. އެކަމަކު މައިންބަފައިންނަކީ ފަހަރެއްގައިވެސް ބަދަލުކުރެވޭނެ ބަޔެއް ނޫނެވެ."
***
އަދާރާ ފެންވަރާލުމަށް ފަހު ގަޔަށް ދޫކޮށް އޮތް ހެދުމަކާއި ބޮޑުބުރުގާއެއް އެޅިއެވެ. މޮއިސްޗަރައިޒާއެއް ލުމުން މޫނު އޮމާންކަމުން ވިދަންފެށިއެވެ. އިތުރު މޭކަޕެއް ކުރަން އޭނަ ބޭނުމެއްނުވިއެވެ. މިދެއަހަރުތެރޭ އޭނަގެ ހެދުންތަކަށް އަނެއްކާ ބަދަލުއައިސް ހެދުންތައް ދިގުކޮށްލާ ނިވާކަން ބޮޑުކޮށް ބުރުގާވެސް އަޅައެވެ. ފެންޑާއަށް ނުކުތްއިރު ފެނުނު މަންޒަރަކުން އޭނަ ކަންބޮޑުވިއެވެ. ފެންޑާގައި އެލުވާފައި ހުރި ޕޮޓްތަކުގައި ހުރި މާގަސްތަކުން ގޮފިކޮޅު ބިދެލައިގެން ކޮތަޅަކަށް އެޅުމުގައި އޭނަގެ މަންމަ އަވަދިނެތި އުޅެއެވެ. ކޮންމެ ދުވަހަކުހެން ގޮފިކޮޅެއް އުފުރަމުންގޮސް ހުރިހާ މުށިތަކެއްހެން ފަޅުވާން ކައިރިވެއްޖެއެވެ.
"މަންމަވެސް އެއާޕޯޓަށް ދާނަންތަ؟"
"މަންމަގެ ލޯބިވާ ދަނބިދަރިކަލުން ބަލާ ނުދަންޏާ ދެން ކާކު ދާނީ؟ޝުވޭކާރު ބުނީ އާރިސްއަށް ޖެހުނު ނަފްސާނީ މައްސަލަތަކުން އަރާ މުޅިން ރަގަޅުވެއްޖެއޭ. މަންމަ ހާދަ ވަރަކަށް ނަދުރުބުނެ ދުޢާކުރީމޭ..އެހެން ހުއްޓާ އެ ޚަބަރު ލިބުމުން އުފަލުން ރޮވުނު. ތުރުކީ ހަލްވާ އިން ސަދަގާތް ކުރަން ރައްޓެއްސަކު ތުރުކީއަށް ފުރިއިރު ބުނިން ހަލްވާވެސް ގެނެސްދޭށޭ. މަންމައަށް ލިބުނީ ހަމަ ރަން ދަރިއެއް. ފަޚުރުވެރިވާހާ ފުރިހަމަ........."
"ތީ މަންމަ ދެކޭގޮތް. އެންމެންގެ ނިންމުން އެއްގޮތް ނުވެދާނެ.މި ކައިވެނީގައި އިޚުލާސްތެރިކަމެއްނެތީމަ މިގޭގައި ހުންނަން ގިލްޓީވޭ..މިއީ އެހެންނޫނަސް އަހަރެމެންނާއި އެކަށީގެންވާ ފެންވަރެއްވެސް ނޫން. މިހާރު އެކަން އިހުސާސްކުރެވެނީ..އިޓްސް ނޮޓް ރައިޓް. އައި ފީލް ބޭޑް. އެހެންވެ އެ އާއިލާ އެންމެން އައީމަ ގެއަށް ބަދަލުވާން ވިސްނަނީ...."
"އަދާރާ އާރިސްދޫކޮށްލާފައި މިގެއިން ނުކުތިއްޔާ ދެފައިި ބިންދާލާނަން.."އަރޫޝާ ރުޅިއައިސް ރަތްވެފައި މޫނު ރަތްކޮށްލައިފިއެވެ. އޭނަގެ މޫނަކީ ހިތުގެ ހުރިހާ ޖަޒުބާތެއް ފެންނަން ހުންނަ ލޯގަނޑެކެވެ.
"އަދާރާއަށް އާރިސްފަދަ ފިރިއެއް ލިބުމުން ހިސާބު އެންމެން ހަސަދަލައިގެން އެކަމާއި އަސަރުކޮށްފައި ތިބެނީ. ވީމަ އެފަދަ ބޮޑު ނިއުމަތެއް އަޅަކަށް ދެއްވީމަ އެނިއުމަތުގައި ކޮޅުފައިން ޖަހަން ހެޔޮވާނެތަ؟ އެންމެ ރަގަޅު.އަދާރާ އަމިއްލަ ނަފުސާއިމެދު ނުވިސްނިޔަސް މި ނިކަމެތި މައިމީހާއަށް ހަމަޖެހިގެން އުޅުނަދީބަލަ. އެފަދަ ކުޑަ އުފަލެއްވެސް ލިބުނަނުދޭން ބޭނުންވަނީ؟ އޭނ؟ ތައްޔާރުވޭ އެއާޕޯޓަށްދާން...."
"މިހިރީ ތައްޔާރުވެގެން.."
"ތިހެން ހުރެ؟ރައީސުންގެ ދަރިން މީހުންގެ ކުުރިމައްޗަށް ދާންވާނީ ތަންކޮޅެއް ރީތިވެ ކުޑަކޮށް މޭކަޕްވެސް ކޮށްލައިގެން. ތަންކޮޅެއް ރީއްޗަށް ހެދުން އަޅަން ފަށާފައި މުސްކުޅިންގެ ސްޓައިލަށް އަނެއްކާ ބަދަލުކުރީ..ޝުވޭކާރު ކިހާ ރީތިކޮށް އެ އުމުރުގައިވެސް އެހުންނަނީ. ހެދުން އެޅުމުގެ ނަމޫނާއެއް..."
"މަންމަ އުމްރާއަށް ދިޔައީމެއްނު އަލްހަމްދުލިﷲ. އެބިމަށް ދެވުމަކީ ކިހާ ބޮޑު ނިއުމަތެއް. ވީއިރު މަންމަވެސް ދީނީ ނަޒަރަކުން ވިސްނަން ޖެހެނީ. ހެދުން އަޅަން ވަކި މިންގަނޑެއް އޮވޭ. މުސްލިމް އަންހެންކުދިން މޮޑެސްޓްކޮށްތިބެން އަންގަވާފައިވަނީ. ހަށިގަނޑު ނިވާވާގޮތަށް އަދި ޒީނަތްތެރިކަން ފާޅުނުކުރަން ގުރުއާންގައި އަންގަވާފައި ނުވޭތަ؟ މަންމަ އަތުގައި ގުރުއާނުގެ ދިވެހި ތަރުޖަމާ އެބައޮތް. ވީއިރު އެއާޔަތްތައް ކިޔާލީމަ އެނގޭނެ. އެއީ ﷲގެ ވަހީބަސްފުޅު. އޭގެ މަތިން އެހެން މީހަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެ...."
"މަންމަ އަދި ތަރުޖަމާ ނުކިޔަން..."
"ޝެލްފް ރީތިކުރަން އެންމެން އެހެން ބާއްވާފައިކަން ނޭގޭ އޮންނަނީ..."އަދާރާ ދެރަވިއެވެ. އުމްރާއަށް ދިޔަސް މީހުންގެ ހިތް ބަދަލުވެ އީމާންކަން ފުރިހަމަ ނުވަންޏާ އަޅުކަމަށް ސަމާލުކަމެއް ނުދޭނެއެވެ.
"އަދާރާ އަނެއްކާ ދާނިޔާގެ ސަބަބުން ހަރުކަށި ފިކުރަށް އެނބުރެނީތަ؟"އަރޫޝާ ލޯ ތަންމިނަށް ބޮޑުކޮށްލީ ބިރެއް ފެނިގެންހެންނެވެ."އެކުއްޖާ މަދީނާގައި ކިޔަވަން ހުރެފައި ނިގާބުވެސް އެޅީމަ އެކަހަލަ އެއްޗެއް ހީވިއޭ..ހޫމް ދެން ކޮންމެގޮތެއް ވިޔަސް އަދާރާއަކީ މިއަދު ވެރިމީހާގެ އާއިލާއަށް ނިސްބަތްވާ ޝާހީ އާއިލާގެ ޅީދަރިއެއް. އެކަން ދަނެގެން ޝާހީކޮށް އުޅުނީމަ އެވީ..."
"ޝުވޭކާރުއަކީ ވެރިމީހާގެ އަނބިކަނބަލުން. އެލެގެންޓް ޝާހީ ބޭފުޅެއް. އަހަރެމެންނަކަށް ދުވަހަކު އެދަރަޖައެއް ނުލިބޭނެ.."
"މަތީ މަގާމާއި ރީތި ނަމަކީ އަމިއްލައަށް ހޯދީމަ ލިބޭ އެއްޗެއް.."
"މަންމަ ހާސްނުވޭ. އަދި އަހަރެންވެސް ފަސްޓްލޭޑީއަށް ވާނަން. ރައީސް އިސްތިއުފާ ދެއްވީމަ އާރިސްއަށް ރައީސްކަން ލިބޭނެ...." އަދާރާ ބުމަކައިރިކޮށްލަމުން ބުނީ ޖެއްސުމަކަށްކަން އަރޫޝާ ދެނެގަތެވެ.
"އިންޝާﷲ..ތިކަން ވާނެ އިންޝާﷲ...."
"މަންމާ. އާރިސްއަކީ ސްކިޒޮފްރީނިއާ ޕޭޝަންޓެއް. ދުނިޔޭގެ އެއްވެސް ލީޑަރަކީ މެންޓަލް މީހެއްތަ؟ ނުވާނެ. ކިހިނެއް މޮޔައަަށް ވެރިކަން ކުރެވޭނީ..އަހަންނާއިމެދު މަންމަމެން ނުވިސްނާ. އޭނައާއިއެކު ކޮޓަރިއެއްގައި ކުޑައިރުކޮޅަކު ހުންނަންވެސް ބިރުގަނޭ. އެކަހަލަ މީހުން މީހަކު މަރަންވެސް ޖެހިލުމެއްނުވާނެ. ބޮލުތެރޭ އެރި އިންނަ މީހާ ބުނާނެ ގޮސް މަރައިލާށޭ. އޭނަ ހިތުން އެއީ ކޮންމެހެން ކުރަން ޖެހޭ ވާޖިބެއް.މަންމާ. ސީރިޔަސްކޮށް އަހަންނަކަށް އާރިސްއާއެކު އުޅޭކަށް ފަސޭހައެއްނުވާނެ. މިގޭތެރޭގައި ކުރިން އުޅުނުހެން މިނިވަންކޮށް ހަމަޖެހިގެނެއް ނޫޅެވޭނެ. އެންމެން އެނބުރި އައީމަ މިގޭގައި ދިރިއުޅުމަކީ....ދެން ނޭގޭ. އަބަދަށް މިހެން ނޫޅެވޭނެ....." އަދާރާ ސޯފާގައި އިށީދެ ފޯނާއި ކުޅެންފެށިއެވެ. އާރިސްއާއި އޭނަގެ ކައިވެންޏަކީ ތާކުން ތާކުނުޖެހޭ ކުޅިގަނޑެކެވެ. ބައެއްފަހަރު ހިތް އެދެނީ އާރިސްއަށް އެހީތެރިވެ އެކީ ދިރިއުޅުން ފަށަން މަސައްކަތްކުރުމަށެވެ. ނަމަވެސް ސްކިޒޮފްރީނިއާގެ ވާހަކަތައް ކިޔަމުން ދިޔަވަރަކަށް އޭނަގެ ހިތުގައި ބިރުވެރިކަން ހިނގައިގަނެއެވެ. ހަގީގަތުގައި ސްކިޒޮފްރީނިއާއާއިއެކުގައިވެސް ބައެއް މީހުންނަށް އާދައިގެ ރީތި ދިރިއުޅުމެއް ހޯދިދާނެއެވެ. އެއީ މޮޔައިންކަމަށް ލޭބަލް ކުރަން އޭނަވެސް ދެކޮޅެވެ. މަންމަކައިރީ އާރިސް މޮޔައެކޭ ކިޔައިގެން ވާހަކަދައްކަނީ އަދި އެހެން މަގުސަދެއްގައެވެ.
"އަދާރާ ދޮގުހަދަންވީ ސަބަބެއްނެތް. ބޭސްފަރުވާއާއި ތެރަޕީއަށްފަހު އާރިސްގެ ހާލު ރަގަޅުވެ ވަޒީފާވެސް އަލުން ފެށިކަމަށް ޝުވޭކާރު ބުނި...." އަރޫޝާ ގަސްތައް އަޅާފައި ހުރި ކޮތަޅު އެއްފަރާތުގައި ބެހެއްޓުމަށްފަހު އަދާރާގެ ގާތުގައި އިށީދެލިއެވެ."އަދާރާހެން މަށަށް ހީވަނީ މޮޔައީ. އެހެން އަންހެންކުއްޖަކަށް ތި މަގާމު ލިބުނުނަމަ ފިރިމީހާ ޕެރެލައިޒްވެފައި ކޮށް މަސްގަނޑެއްހެން އޮތަސް ދުރަކަށް ނުދާނެ..."
"ސްކިޒޮފްރީނިއާއަކީ ރަގަޅުވާ ބައްޔެއްނޫން. ދޭތެރެއަކުން ހަމަޔަކަށް އެޅުނަސް އަދި މީހާ ބަލިން އެއްކޮށް ރަގަޅުވީއެއްނޫން. ބޭސްތައް ކަންޏާ ސިމްޕްޓޮމްސްތައް ލުއިވެދާނެ. އެއީ އަދި އެހެން ވާހަކައެއް...ހުރިހާ އެއްޗަކީ އުފަލަކީ ފައިސާއެއްނޫން މަންމާ......"
"ތިހެން ލަފުޒުތަކަކުން ލިޔެފައި އޮތަސް އަދި ހަގީގަތް ތަފާތު. ފައިސާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑުބާރު. އެބާރުގެ ކުރިމަތީގައި އެންމެން ކުޑަކަކޫޖައްސުވާނެ. ފައިސާއަކީ ހުރިހާ އެއްޗެއް..ހުރިހާ އުފަލެއްވެސް އެ ނޫޓުތަކާއެކީގައިވަނީ. ފައިސާނެތް މީހަކަށް އެ ހުރިހާ އުފާތަކެއް ނުލިބޭނެ....."
"އާނ ތިކަން އެނގޭ. ނިކަމެތިންނަށް ހުރިހާ ދެރަގޮތްތަކެއްހަދަނީ....."
"އަދާރާ ހަނދާން ކުރާތި، މިގެއިން ނެރޭނީ އަދާރާގެ ފުރާނަ ނެތް މަސްގަނޑު. ނޫނީ އަހަރެން ދުވަހަކު ހިތް ހެވެއް ނުކުރާނަން...މި ދުލުން ބަދުދުޢާނޫން އެއްޗެއް ނުކުރާނަން......."އަރޫޝާގެ ޖުމްލައިން އަދާރާގެ ހިތަށް ބުނަން ނޭގޭފަދަ އުދަގޫތަކެއްވިއެވެ. މަންމަވެސް ދުވަނީ ފައިސާއާއި ޖާހުގެ ފަހަތުންނެވެ. އަމިއްލަ ދަރިފުޅުގެ އުފާތަކަށްވުރެ މަންމައަށް މުހިއްމީ ފައިސާއާއި އިއްޒަތެވެ.
***
ހުސާމްއާއި ޖުއާނާއާއި ދެކުދިން ކާރުން ފޭބި މަންޒަރު ބަލަން އަދާރާ ހުރީ ކުޑަދޮރުގެ ފަރުދާތައް ދުރުކޮށްލައިގެންނެވެ. އަނެއް ކާރުން މައިމޫންއާއި ޝުވޭކާރު މިނަލްއާއި މާކްއެވެ. ފަހަތުގައި އޮތް ކާރުން އައްޔާޝްއާއި އާރިސް ފޭބުމުން އޭނަގެ ނަޒަރު އާރިސްއަށް ދަތުރުކުރިއެވެ. މުށިކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ބެކްޕެކް ކޮނޑުގައި އަޅުވާލައިގެން ހުރެ ހިނިތުންވަމުން އައްޔާޝްއާއި ވާހަކަދައްކަމުން ކާރުން ފޭބިއިރު އެމޫނުމަތިން މޮޔަކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ކުރިއަށްވުރެ ހަރުގޮތެއް ހުރީ ތުނިކޮށް ފަޅާފައިވާ ތުނބުޅިއާއި މަތިމަހުން ކަން ނޭގެއެވެ. އައްޔާޝްވެސް ތުނބުޅި މަތިމަސް އަދި އިސްތަށިގަނޑުވެސް ދިގުކޮށްލާފައިވާއިރު ވަރަށް ހިތްގައިމެވެ. މާކްއާއި މިނަލްވެސް އިސްކޮޅުން ދިގުވެ އިސްތަށިގަނޑުގެ ސްޓައިލްވެސް ތަފާތުވެއްޖެއެވެ. ޚާއްސަކޮށް ކުޑަކުދިންކޮޅު ލޯބިކަމުން އަދާރާގެ ލޯވެސް ތަރަތަރަޖަހައިގެން ދިޔައެވެ. ދުނިޔޭގެ ކަމެއްހެންވެސް ހިޔެއްނުވެއެވެ. މިނަލް އެތަނުން ކުއްޖަކު އުރައިލުމަށްފަހު ދޮނެއް ދިނެވެ. ސިކިއުރިޓީއިން ދޮރު ހުޅުވާލަދީ އެ އާއިލާއަށް އަޅާލުން ދެމުން ދިޔަގޮތުން އެމީހުންގެ ޝަރަފާއި މަތިވެރިކަން އަންގައިދެނީއެވެ. އަދާރާއަށް އެވަގުތުކޮޅު އޭނަގެ ނިކަމެތިކަން އިހުސާސްކުރެވޭގޮތްވިއެވެ.
ތިރިއަށް ފައިބާ އެ މީހުންނާއި ބައްދަލުކޮށް މަރުހަބާ ކިޔާނެ ހިތްވަރެއް ނުލިބުނެވެ. ދުރަށް ދާން ހިނގައިގަތްތަނާ އޭނަގެ މަންމަ އަރޫޝާ ދެއަތް ފުޅާކޮށް ހިނގާލާފައިގޮސް ޝުވޭކާރުގެ ދެއަތުގައި ހިފައިގަތްގޮތަށް ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ދެން ފެނުނީ ހުސާމްގެ ކުދިންގާތަށް ތިރިވެ އެކުދިންނާއި ވާހަކަދައްކަން ފެށިތަނެވެ. ފަހަރަކު ކުއްޖަކު އުރާލާފައި ބޮނޑިކޮށްލާ ބޮސްދިނެވެ.
"މަންމަ ދެން ހަމަ މި ޝާހީ ފެމިލީއަށް އޮބްސެސްވެފައި..އެ ހުސާމް އަކީ އެހާ ބޮޑާމީހެއް. އޭނަގެ ކުދިންގައިގާ އެހެން މީހުން އަތްލާން ބޭނުމެއްވެސް ނުވާނެ އެކަމަކު މަންމަދެން އެވަރު ނުވިސްނާ އެއުޅެނީވެސް ކިހިނެއް...."
އަދާރާ މޭޒުމަތީގައި ހުރި ޖޫސްތަށި ހިފައިގެންގޮސް ސޯފާގައި އިށީދެ ބޯންފެށިއެވެ.ކޮންމެވެސް މީހަކު ދޮރު ހުޅުވާލުމުން ސިހިފައި ބަލައިލެވުނެވެ.
"ހެލޯ އަދާ. އަހަރެމެން މިއައީ....ކީއްވެ ފިލައިގެން ތިއައީ؟ އެއާޕޯޓަށްވެސް ނުދަމެއްނު............"މިނަލް ޝަކުވާކުރިއެވެ. ނޫޖިންސަކާއިއެކު ޓޮޕެއްލައިގެން ބޭރުން ކާޑިގަންއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ރީތި ސްޓައިލަކަށް ކޮށައިލާ މިނިވަންކޮށް ދޫކޮށްލާފައެވެ.
"ދުވަސްކޮށްލާފައި އައީމަ ފޭސްކުރަން ފަސޭހައެއްނޫން.."
"އެވަރަށް ކީމަވެސް އަދާ ޗުއްޓީއަކަށްވެސް ނާންނަމެއްނު." މިނަލް ކުޑަދޮރު ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ." އާރިސްވެސް ވަރަށް ޗޭންޖްވެއްޖެ. ހީޒް ޓޯޓަލީ އެ ޑިފެރެންޓް ޕާސަން.. ރޫމްތައް ތައްޔާރުކޮށްފައިތަ ހުރީ؟"
"އާނ.....ހުރިހާ ކޮޓަރިތައް ގަވާއިދުން ސާފުކުރުވާފައި ހުންނާނީ..."
"ހިނގާ ތިރިއަށް. ބޭބީމެންނާއިވެސް އަދި ބައްދަލުނުވެއެއްނު. އެނގޭތަ އަދާ. ހަގީގަތުގައި ސޭމްއަށް ލިބުނީ ޓުވިންސެއްނޫން....."
"ތިބުނީ..." އަދާރާގެ ހަނދާނަށް އައީ ހުސާމްއާއި މިނަލްގެ އޮތް ހުއްދަނޫން ގުޅުމެވެ.
"ދާނިލްއަކީ މަގޭ ދަރިފުޅު. ދާނިޝްއަކީ ޖޫނީގެ....މަންމަމެންގެ އަގު ވެއްޓިދާނެތީ ދަރިފުޅަށް މަންމައާއި ބައްޕައަކި ހޯދަދިނީ އެހެން މީހުންނަށް އެއްވެސް ގޮތަކަށް ޝައްކުނުވާހާ މޮޅަށް. އަދި އަހަންނަށްވެސް ހިތްހަމަޖެހުން ލިބެނީ އަބަދު ދާނިލް ކުރިމަތީގައި ފެންނަން ހުންނާނެތީ. ސޭމްގެ ރީތި އަޅި ދެލޯ ވާރުތަވުމުގެ ނަސީބު ދެކުދިންނަށް ލިބުނު. ދޭ އާ އެޑޮރަބްލް. ސޯ އެޑޯރަބްލް. އަދާއާއި ބައްދަލުކުރުވާ ހިތުން ކެތްވެސް ނުކުރެވޭނެ....." މިނަލް އަދާރާގެ އަތުގައި ހިފައިގެން ދަމަމުން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަދާރާ ޖެހިލުންވެ ކަންބޮޑުވާންފެށިއެވެ. މިނަލްވެސް މެންޓަލް މައްސަލައެއް ހުރީހެއްޔެވެ؟
ސިޓިންރޫމްގައި އެވަގުތު ފިރިހެންވެރިން ނެތްކަމީ އަދާރާގެ ނަސީބެވެ. ޖުއާނާއާއި ޝުވޭކާރު އަދި އޭނަގެ މަންމައާއި ކުޑަދެބެން ފިޔަވާ އިތުރު މީހެއްނެތުމުން ތެޅެމުން ދިޔަ ހިތްވެސް މަޑުޖެހިލައިފިއެވެ. ހުސާމްގެ ދެކުދިންގެ ސިފަ ތަފާތުވިޔަސް ދެކުދިންވެސް އެހާ ނަލައެވެ. ދާނިޝް ބޮޑަށް ވައްތަރީ އޭނަގެ މަންމައާއެވެ. އިސްތަށިގަނޑުވެސް ޖުއާނާއާއި ތަފާތެއްނެތެވެ. އެކަމަކު ދެކުދިންގެ ރީތި ދެލޮލަކީ ހުސާމްއެވެ. ހުސާމްގެ ދަރިންކަން ބަލާފައިވެސް އެނގޭނެއެވެ.
"ދާނިލްއަކީ ހަމަ ސޭމް. ދެން މިހިރީ ސީދާ މަންމަގެ ޅައިރުގެ ކޮޕީއެއް އެކަމަކު ފޮޓޯތަކުން ލޮލުގެ ކުލަ އެޑިޓްކޮށްލަން ޖެހޭނެ.." ޖުއާނާ ދާނިޝް ގެނެސް މޭގައި ޖައްސައިލާ ބޮނޑިކޮށްލައިފިއެވެ. އޭރު މިނަލް ހުރީ ދާނިލް އުރާލައިގެންނެވެ."މިއީ މަގޭ ދަރި........................"
އަދާރާ ހިންދިރުވައިލިއެވެ.
އެންމެނަށް ހަގީގަތް އެނގޭބާވައެވެ. ހިތުގައި އެވަގުތުވެސް ހުސާމްއަށްޓަކާ ނަފްރަތުގެ ކަނި ޖަހައިލިއެވެ. މިނަލް މަގޭ ދަރިއޭ ކިޔައިގެން އެންމެން ކުރިމަތީގައި އުޅޭގޮތުން އެހެން މީހުންނަށް އެނގޭފަދައެވެ.
"އަސްލުވެސް ޑެވިލްއެއް.....އޭނަދެކެ މިވާ ފޫއްސެއްގެ ބޮޑުކަމާއެކުވެސް އޭނަ ފެނުމުން ހިތް ތެޅިގަންނަނީ ކީއްވެ؟ އާރިސް ފެނުނީމަ މަށަށް އެއްވެސް ގޮތެއްނުވޭ. އާރިސްދެކެ ލޯބިވެވުނުނަމަ ނަފްސާނީ މައްސަލައެއް ހުއްޓަސް މަށަށް އޯކޭވީސްކަން ނޭގޭ. ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ މިހެންވެ.މިތިބަ ދެކުދިންނަކީ މަގޭ ކުދިންނަށް ކިރިޔާ ނުވެ ތިބި ކުދިން...ހުސާމް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވިނަމަ...." އަދާރާގެ ހިތުގެ ޝުއޫރުތައް އޭނަގެ އަމިއްލަ ނަފުސުގެ ހަމަޖެހުން ނަގައިލިއެވެ. ޖުއާނާމެންގެ އުފާވެރިކަމުން ހިތަށް ތަދުވިއެވެ. އެފަދަ ނިއުމަތެއް އޭނައަށްވެސް ދެއްވާނެނަމައެވެ.
އެއްމާބަނޑު ދެކުދިންނަކީވެސް ނިއުމަތެކެވެ. ހަގީގަތަކީ ދާނިލްއާއި ދާނިޝްގެ ހަގީގަތް ދުނިޔެއަށް އޮޅުވާލާފައިވާކަމެވެ. އެ އާއިލާގެ އެންމެން އެ ހަގީގަތަށް ފަސްއަޅާ ފޮރުވައިލީ އޭނައަށްވެސް އަންގާނުލައެވެ. މިނަލްގެ މައުސޫމްކަމުން އޭނައަށް ހުރިހާ ހަގީގަތެއް ފައުޅުކުރީއެވެ.
***
"އަދާ. އާރިސްއާއި މީޓްކުރުވާނަން. ހިނގާ..." މިނަލް ކުރުނުކޮށްގެން އެންމެފަހުން އަދާރާ މިނަލްއާއެކު ހިނގައިގަތެވެ. ހަމަލާއެއް އަޔަސް އޭނަ އެކަންޏެއްނުވާނެއެވެ. ދެއަހަރު ފަހުން އާރިސްއާއި ކުރިމަތިލާން ޖެހޭކަން ހިތަށް އެރުމުން އަދާރާގެ ހިތް ފިނިވެލައިފިއެވެ.
ނުނިމޭ