އެފްއޭކަޕްގައި އާސެނަލް ނިކުންނާނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް: އަޓޭޓާ

އާސެނަލް ސިޓީ އާ ދެކޮޅަށް ކުޅުނު މެޗެއްގައި ކޯޗް މިކޭލް އަޓޭޓާ-- ފޮޓޯ/އާސެނަލް

އިނގިރޭސި އެފްއޭކަޕް ހަތަރު ވަނަ ބުރުގައި ހޮނިހިރު ދުވަހު އާސެނަލް ނިކުންނާނީ، ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށްކަމަށް އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނެފިއެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ނިކުންނަ މެޗަށް އިޝާރާތްކޮށް ނޫސްވެރިންނާ ވާހަކަދައްކަމުން އަޓޭޓާ ބުނީ، އެ މެޗަކީ އާސެނަލްއަށް ވަރަށް ރަނގަޅު އިމްތިހާނަކަށް ވާނޭކަމަށެވެ. އަދި އެއީ އާސެނަލްއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެ މެޗުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އަޓޭޓާ ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި ސިޓީއަކީ މިހާރު އެންމެ މޮޅު ޓީމް. ސިޓީ އާއެކު ކުޅޭ މެޗުން އަހަރެމެން މި ތިބި ހިސާބު، ވަރަށް ރަނގަޅަށް އެނގޭނެ،" އަޓޭޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، މެންޗެސްޓާ ސިޓީއަކީ އާސެނަލްއާ އެންމެ ވާދަވެރި ޓީމެވެ. ޕްރިމިއާ ލީގް ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އާސެނަލް އުޅޭއިރު، ފަސް ޕޮއިންޓްގެ ތަފާތަކުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ.

އަޓޭޓާ ބުނީ އެފްއޭކަޕްގައި އާސެނަލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ ގޭމް ވަރަށް ތަފާތުވާނެ ކަމަށާއި، އެފްއޭކަޕްގައި އެޓީމް ކުޅެނީ ޕްރިމިއާ ލީގްގައި ކުޅޭ ސްޓައިލަށްވުރެ މުޅިން ތަފާތު ސްޓައިލަކަށް ކަމަށެވެ.

އަޓޭޓާ ބުނީ އެފްއޭކަޕް މެޗެއް ނަމަވެސް، ސިޓީއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވުމަކީ އާސެނަލްއިން އެންމެ އިސްކަންދޭނޭ ކަންތައް ކަމަށާއި، އާސެނަލްއިން އަބަދުވެސް ބަލަނީ މެޗަކަށްވުރެ މެޗެއް ކުޅުން ރަނގަޅުކުރުމަށް ކަމަށެވެ.

އެފްއޭކަޕްގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނިކުންނައިރު، އާސެނަލް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި މިހާތަނަށް ކުޅުނު 19 މެޗުން އާސެނަލް ބަލިވީ އަދި އެންމެ މެޗަކުންނެވެ.

މީގެ އިތުރުން އާސެނަލް ވަނީ ލީގްގައި އެންމެފަހުން ސްޕާސް އާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުތަކުންވެސް މޮޅުވެފައެވެ.

އިނގިރޭސި އެފްއޭކަޕްގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެމެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލްއެވެ.

އިނގިރޭސި އެފްއޭކަޕްގެ ތާރީޚަށް ބަލާއިރު، އާސެނަލް ވަނީ މި މުބާރާތް މިހާތަނަށް 14 ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ އެފްއޭކަޕްގެ ރެކޯޑެކެވެ. އާސެނަލްއާ ވާދަވެރި މެންޗެސްޓާ ސިޓީއަށް އެފްއޭކަޕް ކާމިޔާބުކުރެވިފައިވަނީ ހަ ފަހަރެވެ.

comment ކޮމެންޓް