މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވޯލްޑް ބޭންކް ގުޅިގެން، އެކުލަވާލާފައިވާ 10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ.
މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ.
އެޑިއުކޭޝަނުން ބުނީ އޭއީޑީޕީގެ މައިގަނޑު މަގުސަދަކީ، ސާނަވީ ތަޢުލީމު ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، އެ ގްރޭޑުތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
އެގޮތުން އެ ޕްރޮޖެކްޓަކީ ސްޓެމް އެޑިއުކޭޝަން ތައާރަފުކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމަށް ފަރުމާ ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެއީ ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ސާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެޑިއުކޭޝަނުން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިންސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް ވަސީލަތްތައް ފުރިހަމަ ރިސޯސް ސެންޓަރު ގާއިމް ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ސާނަވީ މަރުހަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަގުސަދުގައި ސްކިލް އަދި ސްޓެމް ލެބް ގާއިމު ކުރުމަށް އެ ޕްރޮޖެކްޓްގައި ޕްލޭން ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ތިމާވެއްޓާއި ރައްޓެހި، 'ގްރީން ކޮންސެޕްޓް' ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއް ވަނީ ފެށިފައި،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މުދައްރިސުންނަކީ ތައުލީމީ ހުރިހާ މަސައްކަތެއް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އޭއީޑީޕީގެ ދަށުން މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އޭއީޑީޕީގެ މައިގަނޑު މަގުސަދަކީ، ސާނަވީ ތަޢުލީމު ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، އެ ގްރޭޑުތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުން ކަމަށް--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އެގޮތުން މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަސީލަތްތައް ތައްޔާރުކުރުމަށް މުދައްރިސުންނަށް އެހީތެރިކަން ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އެހީގެ ސަބަބުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުންހިފައި، ދަރިވަރުންނާ އެކު އިތުރަށް ގުޅިގެން ކިޔަވާދެވޭނެ މާހައުލެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ތައުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވެސް އޭއީޑީޕީގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަން އެޑިއުކޭޝަނުން ފާހަގަކުރެއެވެ.
"ޕްރޮޖެކްޓް އިންޓަވެންޝަންތަކުގެ ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން، އާންމު ތައުލީމީ ނިޒާމުގައި ތައުލީމުގެ ކޮލިޓީ އެޝުއަރަންސަށް މި ޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއް ދޭ،" މިނިސްޓްރީން ބުންޏެވެ.
އެގޮތުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓާނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީ ވެސް އެ ޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ސާނަވީ ގްރޭޑްތަކުގެ ޕްރޮޖެކްޓްގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ މަސައްކަތުގެ ދަށުން ސްކޫލް ރިވިއު ރިޕޯޓުގައި ފާހަގަ ކުރެވޭ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒު ކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށް ވެސް މަސައްކަތް ކުރެވޭނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.