ސަލްމާން މިސްކިތުގެ އޭސީތައް ހަދައި ނިމޭނެ ކަމަށް ބެލެވެނީ އަންނަ މަހު: މިނިސްޓްރީ

"ކިންގް ސަލްމާން މިސްކިތަކީ" ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު މިސްކިތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް، އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލް އަފްރާހު ވިދާޅުވީ އޭސީ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ފެބްރުއަރީގައި މަސައްކަތް ނިންމާލެވޭނެ ކަމަށް،" އަފްރާހު ވިދާޅުވިއެވެ.

އެ މިނިސްޓްރީން ކުރިން ބުނީ ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ނުލިބުނު ކަމަށެވެ. އޭގެ ފަހުން އޭސީ މަރާމާތުކުރަން ތާރީޚަކަށް ފަހު ތާރީޚެއް އިސްލާމިކް މިނިސްޓްރީން ދީފައިވެއެވެ.

ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރުމަށް ތުރުކީގެ އެކްސްޕާޓުންނާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

އެ މަސައްކަތް ލަސްވުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ އޭސީ މަރާމާތުކުރާ މީހުންގެ ތެރެއިން އެއްބަޔަކު މިދިޔަ ހަފުތާ އާދިއްތަ ދުވަހު ރާއްޖެއައި ކަމަށެވެ.

އެ މީހުން އޭސީތައް މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކުރިކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އިތުރު ގުރޫޕެއް މި ހަފުތާ ކުރީކޮޅު އައިސް މައްސަލަ ހައްލު ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ރީތި، ތަނަވަސް، ސަލްމާން މިސްކިތަށް އާއްމުކޮށް ވެސް ނަމާދަށް ގިނަ ބަޔަކު އަރައެވެ. ޚާއްސަކޮށް ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެ މިސްކިތަށް ދެއެވެ. އެ މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ ތިން މަސް ދުވަސް ވެފައިވާއިރު ވެސް އެކަން ހައްލު ނުވެ އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ކިންގް ސަލްމާން މިސްކިތަކީ، ރައީސް ޔާމީން ސަރުކާރުގައި ސައުދީ އަރައްބިއްޔާގެ ފަރާތުން ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ހަ ފަންގިފިލާގެ އިމާރާތެކެވެ.

comment ކޮމެންޓް