ދެ ކްރޫޒްލައިނާއަކުން އައްޑުއަށް 1،200އަށް ވުރެ ގިނަ ފަތުރުވެރިން

ރާއްޖެ އައި ކްރޫޒް ލައިނާއެއް--- ސަން ފޮޓޯ/ ސަދޫފް

ދެ ކްރޫޒްލައިނާއަކުން 1،200އަށް ވުރެ ގިނަ ފަތުރުވެރިން، މިއަދު އައްޑުއަށް ހިނގައްޖެއެވެ.

ޖަރުމަނުގެ 'އާޓޭނިއާ' ކްރޫޒްލައިނާ އާއި އޮސްޓްރޭލިއާގެ 'ކޮރަލް އެކްސްޕެޑިޝަން' އިން ދިޔަ އެ ފަތުރުވެރިން ވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ ފޭދުއަށް ފައިބައިފައެވެ. އެ ދެ ކްރޫޒްލައިނާ އަކީ ވެސް ރާއްޖެއިން ފުރުމުގެ ކުރިން އައްޑުއަށް ޓްރާންސިޓުކުރި ދެ ކްރޫޒް ލައިނާއެވެ.

އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު މުޙައްމަދު ފައިސަލް ވިދާޅުވީ އެ ސިޓީގެ ތިން ރިސޯޓަކަށް ފަތުރުވެރިން ގޮސްފައިވާ ކަމަށެވެ. އެގޮތުުން ގަމުގައި ހިންގާ އީކުއޭޓާ ވިލެޖާއި، ސައުތު ޕާމް ރިސޯޓާއި ކެނެރީފް ރިސޯޓަށް ފަތުރުވެރިން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މަރަދުއާއި މަރަދޫފޭދުއަށް ވެސް ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ.

'ސަން'އާ ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލް މެމްބަރު، އާމިނަތު ސަލްމާ ވިދާޅުވީ އެ ކްރޫޒްލައިނާތަކުން ދިޔަ ފަތުރުވެރިން ބަހުގައި އެ ސިޓީގެ އެކި ތަންތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނޭޗާ ޕާކާއި، ގެސްޓްހައުސްތަކަށް ވެސް ފަތުރުވެރިން ދިޔަ ކަމަށް ސަލްމާ ވިދާޅުވިއެވެ.

ސަލްމާ ވިދާޅުވީ މިއަދު އިރުއޮއްސި 06:30ގައި ދެ ކްރޫޒްލައިނާ ވެސް ފުރާފައިވާ ކަމަށެވެ.

ކްރޫޒް ލައިނާތައް ރާއްޖެ އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. މި އަހަރު ނުވަ ކްރޫޒް ލައިނާއިން 12،000 އެއްހާ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

comment ކޮމެންޓް