އޮސްޓްރޭލިއަން އޯޕަން: ސެމީފައިނަލުގެ ޖާގައެއް ޖޯކޮވިޗް ހޯދައިފި

ތިންވަނަ ސެޓް ކާމިޔާބުކުރުމަށްފަހު ޖޯކޮވިޗް، ރުބްލެވް އާ ސަލާމް ކުރަނީ-- ފޮޓޯ/ގެޓީ

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޯކޮވިޗް ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ސެމީފައިނަލުގެ ޖާގައެއް ޖޯކޮވިޗް ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި މިއަދު ރަޝިއާގެ އަންދުރޭ ރުބްލެވް އާ ބައްދަލުކުރި މެޗް ސީދާ ތިންސެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗްގެ ފުރަތަމަ ސެޓް ޖޯކޮވިޗް ގެންގޮސްފައިވަނީ، ވަރަށް ފަސޭހަކަމާއެކު ހައެއް އެކެއްގެ ނަތީޖާއަކުންނެވެ. މި ސެޓާއެކު ދިހަވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދު ޖޯކޮވިޗަށް ލިބުނުއިރު، މެޗްގެ ދެވަނަ ސެޓާއި ތިންވަނަ ސެޓުވެސް ޖޯކޮވިޗް ވަނީ ފަސޭހަކަމާއެކު ގެންގޮސްފައެވެ. މެޗްގެ ދެވަނަ ސެޓް ޖޯކޮވިޗް ގެންގޮސްފައިވަނީ ހައެއް ދޭއްގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ ސެޓް ގެންގޮސްފައިވަނީ ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޖޯކޮވިޗް ހޯދުމާއެކު މިހާތަނަށް އޭނާ ހިމެނިފައިވަނީ ރޮޖާ ފެޑްރާ ފިޔަވައި ސިންގަލްސް މުބާރާތްތަކުން އެންމެ ގިނަ ސެމީފައިނަލަށް ދަތުރުކުރި ކުޅުންތެރިޔާއަށެވެ. ރޮޖާ ފެޑްރާ ވަނީ އޭނާގެ ކެރިއަރުގައި 46 ސެމީފައިނަލް ކުޅެފައެވެ. ޖޯކޮވިޗް ވަނީ މިހާތަނަށް 43 ސެމީފައިނަލް ކުޅެފައެވެ.

ސެމީފައިނަލުގައި ޖޯކޮވިޗް ނިކުންނާނީ އެމެރިކާގެ ޓޮމޯ ޕޯލްއާ ދެކޮޅަށެވެ. ސެމީގެ ޖާގައެއް ޕޯލް ހޯދާފައިވަނީ އަމިއްލަ ގައުމުގެ ބެން ޝެލްޓަން އާ ދެކޮޅަށް ކުޅުނު މެޗް، ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ސެމީފައިނަލުގެ ފުރަތަމަ މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހުކުރުދުވަހަށެވެ.

comment ކޮމެންޓް