އައްޑޫގެ ކުލަނުވި ހުވަފެން: ފަތުރުވެރިކަމެއް ނުދިރުނު

ޝައްގްރިއްލާ ރިސޯޓް -- ފޮޓޯ: ވިލިންގްޓަން

އައްޑޫއަށް އޮތީ ކުލަނުވާ ހުވަފެނެކެވެ. އެ ސިޓީގެ ފަތުރުވެރިކަން ދިރުވާ، އުޖާލާކުރަން ވެރިން ދެއްކި ފޮނި ހުވަފެނެވެ. އެކަން ކުރަން އާ މާ މޮޅު ގޮތްތައް ކޮންމެ އިންތިޚާބެއްގައި ވެސް ދައްކައެވެ. އެކަމު އަދާހަމައަށް ވެސް އެ ހުވަފެން އޮތީ ހަގީގަތަކަށް ނުވެއެވެ. ކުލަ ނުޖެހިއެވެ.

އެތައް ވެރިކަމެއްގައި އެތައް ވެރިންނެއް އެތަނުގައި ފަތުރުވެރިކަން ދިރުވަން މަސައްކަތް ކުރެއްވިއެވެ. އެކަމަކު، އެތާގެ ފަތުރުވެރިކަން އޮތީ ނުދިރިއެވެ.

ހަމަގައިމު އައްޑޫ ހަޑިއެއް ނޫނެވެ. ރީތި ގޮނޑުދޮށްތަކާއި މޫދެއް ނެތީއެއް ނޫނެވެ. ފަތުރުވެރިން ގަޔާވާ މާހައުލެއް ނެތީއެއް ނޫނެވެ. ވެގެން އުޅެނީ މުޅިން އެހެން ގޮތެކެވެ. އެތާ އެކަން ދިރުވާނެ ހަރުދަނާ ސިޔާސަތެއް ނެތީއެވެ. ފަތުރުވެރިކަމަށް އެންމެ އެކަށޭނެ އަދަދަށް އެތަނުގައި އެނދެއް ނެތެވެ. ފަތުރުވެރިންނަށް އެތަނަށް ދެވޭނެ ގޮތެއް ނެތެވެ.

އައްޑޫގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލެއާ ދުރުވުމެވެ. ފަތުރުވެރިންނަށް އަވަހަށް، ފަސޭހައިން އެ ސިޓީއަށް ނުދެވުމެވެ. އެކަމަށް އިތުރު ވަގުތާއި ފައިސާ ބޭނުންވާތީއެވެ. މިއީ އެންމެން ދަންނަ ވާހަކަތަކެވެ. ނުދަނެގެން، ނުވެގެން އުޅެނީ ހައްލެވެ. ތަންފީޒެވެ.

އައްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ގަބޫލުކުރައްވާ ގޮތުގައި އެކަމަށް ހައްލެއް އަންނާނީ ސީދާ ރާއްޖެއިން ބޭރުން ޑައިރެކްޓް ފްލައިޓްތައް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުންނެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަޝްރޫއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ފަތުރުވެރިން މިތަނަށް އަންނަން ޖެހޭ ސަބަބެއް ވެސް އޮންނަން ޖެހޭ. ވާހަކަތަކެއް އަބަދުވެސް ދެކެވިފައި މިއޮތީ، އެކަމަކު އަދިކިރިޔާ މި މަސައްކަތް ކުރިއަށްދަނީ. ސަރުކާރުން ވެސް ކައުންސިލުން ވެސް އަދި އެހެނިހެން ފަރާތްތަކުންވެސް މަސައްކަތް ފެށިގެން ކުރިއަށްދަނީ." އޭނާ ވިދާޅުވިއެވެ.

އައްޑޫއަށް ދިއުން ބުރައަކަށް

އައްޑޫއަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވެން ޖެހެއެވެ. އެ ސިޓީގައި އޮތް އިހުގެ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، އެތަން ޒަމާނީ ފެންވަރަށް ގެންނަން ޖެހެއެވެ. އެ ނޫން ގޮތަކަށް އެތާންގެ ފަތުރުވެރިކަން ކުރިއެއް ނާރާނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

ހަމައެއާއެކު ފަތުރުވެރިން އަންނަން އައްޑޫ ތައްޔާރު ވެސް ވާންޖެހެއެވެ. ބޭރު ގައުމުތަކުން ސީދާ އައްޑޫއަށް ފަތުރުވެރިން އަންނައިރު، އެ ފަތުރުވެރިން ގެންގުޅެވޭނެ ގޮތެއް އެތަނުގައި ފަހިވާން ޖެހެއެވެ. އެކަމަކު އެ ކެޕޭސިޓީއެއް އަދި އައްޑޫއަކު ނެތެވެ.

"ހަގީގަތަކީ އައްޑޫގެ އެނދުތައް އެ އަދަދަކަށް މިއަދަކު ނެތުން. ހަގީގަތަކީ މާލެއިން އައްޑޫއަށް ކުރާ ދަތުރު އަގު ހެވެެއް ނޫން. ހަމަ ބޮޑު އަގުގައި މިކުރަނީ. ހާއްސަކޮށް ބޭރު މީހުން ހަމަ ބޮޑު އަގުގައި މިދަތުރު މިކުރަނީ." ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިން އައްޑޫއަށް ދާން ޖެހެނީ 300/400 ޑޮލަރު ޚަރަދު ކޮށްގެނެވެ. އެއީ އެ މީހުން ރާއްޖެ އަންނަން ވެސް ކުރާ ހޭދައެވެ. އެހެންވެ، އެމީހުން އެއް ޚަރަދުދާން އޮތް ތާކަށް ދެ ޚަރަދު ކުރާނެ ކަމަށް ދެކުމީ ވެސް ގޯހެކެވެ.

އައްޑޫގެ ފަތުރުވެރިކަން އޮތީ އަލުންބަލުން ފަށާ ހިސާބެއްގައި ނޫނެވެ. އެތާ ކުރަން އޮތީ ކުޑަ މަސައްކަތެކެވެ. އެކަމަކު އޭގެން ނުހަނު ބޮޑު ނަތީޖާއެއް ނުކުންނާނެއެވެ. އައްޑޫގެ ހުވަފެނުގައި ކުލަ ޖެއްސޭނެއެވެ.

"ދަތުރަށް ބޭނުންވާ މައިގަނޑު ކަންކަން އެބަހުރި އައްޑޫގައި ހަމަޖެހިފައި. ރާއްޖޭގައި ނެތްވަރު ދިގު ރަންވޭ އެއް އެބައޮތް. އެކަމަކު އެ އެއާޕޯޓު ފަހުގެ ތާރީހެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތުގައި ހިންގާ ގޮތަކަށް ނެތް މުޅިން ފުރިހަމަ ވެފައެއް." ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އެފައްޓަވާ ރީޑިވަލޮޕްމަންޓް މަޝްރޫއުން އެކަން ފުރިހަމަވެގެންދާނެއެވެ. އައްޑޫ އެއާޕޯޓު ޒަމާނީވެ، ފަތުރުވެރިންނަށް ސީދާ އައްޑޫއަށް އާދެވޭނެއެވެ.

ސަރުކާރުގެ އުންމީދަކީ އަހަރު ނިމުމުގެ ކުރިން ފްލައިދުބާއި އާއި ސްރީލަންކަން ފަދަ ބޮޑެތި އެއާވޭސްތަކުގެ ބޯޓުތަކުގެ ސީދާ ދަތުރުތައް އައްޑޫއަށް ހަމަޖެއްސުމެވެ. މައުސޫމް ވިދާޅުވި ގޮތުގައި އޭރުން ފަތުރުވެރިން އެ ހިސާބަށް ނުދިއުމުގެ މައްސަލަ ހައްލުވާނެއެވެ. އަދި އެތަނުގެ ފަތުރުވެރިކަމަށް ދިރުމެއް އަންނާނެއެވެ.

"ސީދާ އެރަށަށް ނުދެވެންޏާ އިތުރު ޚަރަދާއި އިތުރު ވަގުތު އެބަދޭ. އެއީ ފަތުރުވެރިކަމަށް އެހާ ފަހި ދޭއްޗެއް ނޫން." އޭނާ ވިދާޅުވިއެވެ.

"ބެޑް ރެންޓް ކުޑަކުރެވިއްޖެ، އިންވެސްޓަރުން ޝައުގުވެރިވާނެ"

އައްޑޫގެ ފަތުރުވެރިކަން ދިރުވަން ސަރުކާރުން ކުރި މައިގަނޑު އެއް ކަމަކީ އެރަށުގެ ކުލި ކުޑަކުރުމެވެ. އެތާ ފަތުރުވެރިކަމުން ނަގާ ބެޑް ރެންޓް ކުރިން އަށް ޑޮލަރުގައި ހުއްޓާ 2020ވަނަ އަހަރު ވަނީ އެ އަދަދު ދެ ޑޮލަރަށް ބަދަލުކޮށްފައެވެ. އިންވެސްޓަރުން އައްޑޫއަށް ޝައުގުވެރިކުރުވަން އެންމެ މުހިއްމު ފިޔަވަޅަކީ އެއީ ކަމަށް މައުސޫމް ގަބޫލުކުރައްވައެވެ.

ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަރުކާރުން ކުރަން ފަހި ކުރުމުގެ ގޮތުން ކުރަންޖެހޭ މައިގަނޑު ކަންތައްތައް އެއޮތީ ފުރިހަމަ ވެފައި." އޭނާ ވިދާޅުވިއެވެ.

އެކަމުގެ ހެއްކެއް އޭނާ ދެއްކިއެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ފަތުރުވެރިކަމަށް ހުޅުވާލި ބިންތަކަށް ޝައުގުވެރިކަން ހުރެގެން މީހުން އެބިންތައް ނަގައިފިއެވެ. އެމީހުންނަށް އެބިންތައް މިހާރު ހަވާލުވެސް ކުރެވިއްޖެއެވެ.

"ދިވެހިން އެބަތިބި ކަން ކުރާހިތްވާ. އެމީހުންނަށް ފައިނޭންސް ހޯދައިދިނުން. އެ މަސައްކަތް މިހާރު އަޅުގަނޑުމެން މިކުރަނީ." މައުސޫމް ވިދާޅުވިއެވެ.

ނަތީޖާ ސާފެއް ނޫން، އޮތީ ޓެކްސް ކުޑަކުރުން

ކުޑަކުރި ބެޑް ރެންޓުން މާބޮޑު ދިރުމެއް އެހިސާބުގެ ފަތުރުވެރިކަމަށް އައިކަމަށް މުޅިން އިއްތިފާގު ވެވޭކަށް ނެތެވެ. އެކަމަށް ދެ އަހަރުވީއިރު، މިހާތަނަށް އެތަނުގެ ފަތުރުވެރިކަމަށް މާބޮޑު އިންވެސްޓްމެންޓެއް ކޮށްފައެއް ނުވެއެވެ. އެއީ ކަން ވާނެވެސް ގޮތެވެ. އެތާ ހިންގާ ރިސޯޓުތައް ހިންގަނީ މުޅިން ގެއްލުމުގައެވެ.

އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ގަބޫލުކުރައްވާ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ދިރުވަން އޮތީ ސާފު އެއް ގޮތެވެ. އެއީ، ފަތުރުވެރިކަމުން ނަގާ ޓެކްސްތައް އެތަނުގައި ކުޑަކުރުމެވެ.

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޓީޖީއެސްޓީ މިދައްކަނީ އަންނަ ޓޫރިސްޓުންގެ އަތުން. މިސާލަކަށް އެތަނަށް މީހަކު ނާންނަންޏާ ނުވެސް ލިބޭނެ. އޭގެ ބަދަލުގައި އެތަން ތަރައްގީކުރަން ހަތަރު ވަރަކަށް ޕަސެންޓުގެ ޓީޖީއެސްޓީއެއް ދީފިކަމުގައި ވާނަމަ އަގުތަކާއި އެއްޗެހި ކުޑަ ވީމާ ދަތުރުފަތުރު ކުރަން ފަށާނެ އެތަންތަނަށް. އެއީ ވަރަށް ސިމްޕަލް ކަމެއް." އޭނާ ވިދާޅުވިއެވެ.

މާލެކައިރީގައި ހުރި ރިސޯޓުތަކުގައި ވިއްކާ އަގުތަކުގައި އައްޑޫގެ ފަތުރުވެރިކަމެއް ނުވިއްކޭނެއެވެ. އެއީ ފަތުރުވެރިކަން މަސައްކަތް ކުރާ ގޮތެއް ވެސް ނޫނެވެ.

ފަތުރުވެރިކަމަކީ އެއްބަޔަކު އައިސް، އެ މީހުން އަލުން އައިސް، އެމީހުންގެ ފަރާތުން އަޑުއިވި، ދަސްވެ އިތުރު މީހުން އައިސްގެން ދިރޭ އެއްޗެކެވެ. ފަތުރުވެރިކަން އެންމެ ބޮޑަށް މާކެޓް ވަނީ އެގޮތަށެވެ. އެހެންވެ، އައްޑޫގައި ފަތުރުވެރިކަން ދިރުވަން ވެސް އެތަނަށް ފަހި ގޮތްތަކެއް ހޯދަން ޖެހެއެވެ.

"ބެޑް ރެންޓުން ކިތަންމެ ބޮޑު އެއްޗެއް ކުޑަ ކުރިޔަސް އެއަކުން ނާންނާނެ ނަތީޖާއެއް. އެކަމަކު [ޓެކްސް ކުޑަކުރުމުން] ފަތުރުވެރިންނަށް ސީދާ އެބަ އެނގޭ ޓެކްސް ކުޑަކަން އެ ސަރަހައްދުގައި، އެތަނުގައި އެތިބޭ އޮޕަރޭޓަރުންނަށް ވެސް އެ އަގުގެ މަންފާ ކުރާނެ. ޓެކްސް ކުޑަވީމާ ޕެކޭޖުތަކުގެ އަގު ކުޑަކުރަން ވެސް ފަސޭހަ ވާނެ." ފިރާގު ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ދިރުވޭނީ ޓެކްސް ކުޑަކޮށް، ހެޔޮ އަގުގައި އެތަނަށް ފަތުރުވެރިން ގެންގޮސްގެނެވެ. އެހެންވެ، އޮތީ ފަތުރުވެރިކަން ދިރެންދެން އައްޑޫގައި ނަގާ ޓެކްސްތައް ކުޑަކުރުމެވެ.

މުޅި މައްސަލައަކީ ސިޔާސީ އިހުމާލެވެ. ފަތުރުވެރިކަން ސިޔާސީކުރުމުން، އޭގެ ގެއްލުމާއި ބޮނޑި ލިބުނީ އައްޑޫ ރައްޔިތުންނަށެވެ. އެތާގެ ފަތުރުވެރިކަން ނުދިރިގެން އުޅެނީ އެކަން ކުރާނެ ހަރުދަނާ ޕްލޭނެއް ނެތީމައެވެ. އެކަން ކުރަން ހުރި އިދާރާތަކާއި ކުންފިނަތައް އެއްގަލަކަށް ނާރައިގެންނެވެ.

އިގްތިސާދީ، އިޖްތިމާއީ މިފަދަ ބޮޑެތި ކަންކަން، ހާއްސަކޮށް ރައްޔިތުންނާ ސީދާ ގުޅޭ ކަންކަން ސިޔާސީ ނުކުރާންވީ އެހެންވެއެވެ. އިގްތިސާދީ ކަންކަން އެންމެ ފަހިކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ރާވަން ޖެހެއެވެ. އައްޑޫގެ ކުލަނުވި ހުވަފެނުގައި ވެސް ކުލަ ޖެހޭނީ އޭރުންނެވެ. އެކަން ކުރުމުގެ ސާފު ނިޔަތުގައި ބަޔަކު އެ މަސައްކަތް ކޮށްގެނެވެ.

comment ކޮމެންޓް