އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑު މަގާމުން ވަކިކޮށްފި

ފްރޭންކް ލަމްޕާޑު--- ފޮޓޯ/ގެޓީ

އިނގިރޭސި ޕްރިމިޔާ ލީގްގެ ކްލަބް އެވަޓަންގެ ކޯޗުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑު މަގާމުން ވަކިކޮށްފިއެވެ.

ލަމްޕާޑު މަގާމުން ވަކިކޮށްފައި ވަނީ، އެވަޓަނުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި އެންމެފަހުން އެވަޓަން، ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންވެސް އެ ޓީމް ވަނީ 0-2ގެ ނަތީޖާއަކުން ބަލިވެފައެވެ.

ލީގްގައި މިހާތަނަށް އެވަޓަން 20 މެޗް ކުޅެފައިވާއިރު، މޮޅުވެފައިވަނީ ތިން މެޗުންނެވެ. ޕްރިމިއާ ލީގްގައި މި ސީޒަނުގައި އެވަޓަން 13 މެޗުން ބަލިވެފައިވާއިރު، ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

އެވަޓަންގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. އެއީ އޭރު އެވަޓަންގެ ކޯޗުގެ ގޮތުގައި ހުރި ރަފައެލް ބެނިޓޭޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެވަޓަންގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވުމަށްފަހު އޭނާ ވަނީ، މިދިޔަ ސީޒަނުގައި އެވަޓަން ރެލިގޭޝަނުން ސަލާމަތްކޮށްދީފައެވެ.

އެވަޓަންގެ ކޯޗުގެ މަގާމުން ލަމްޕާޑު ވަކިކޮށްފައިވާއިރު، ލަމްޕާޑު އެންމެފަހުން މަސައްކަތްކުރި ޗެލްސީންވެސް އޭނާ ވަކިކޮށްފައިވަނީ ނަތީޖާ ދަށްވުމުގެ ސަބަބުންނެވެ. ކުޅުންތެރިއެއްގެ ގޮތުގައި ލަމްޕާޑު ވަނީ ޗެލްސީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި ލަމްޕާޑަށް މާބޮޑު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް