ޝިއާއުގެ މަރު: ވަކީލަކު ހޯދަން ޝާހިލްއަށް ފުރުސަތު ދީފި

މިއަދުގެ އަޑުއެހުމަށް ޝާހިލް ހާޒިރުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ހ. ޝީރީންވިލާގައި އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފައެވެ. އެހެންކަމުން މި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު މިސްބާހު ވަނީ އެ ފުރުސަތު ޝާހިލްއަށް ދީ، މިއަދުގެ އަޑުއެހުން ނިންމާލާފައެވެ. ވަކީލެއް ހޯދަން ޝާހިލް އަށް ވަކި މުއްދަތެއް ދީފައެއްނުވެއެވެ.

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ.

ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު އިތުރު މީހަކަށް ތުހުމަތެއް ނުކުރެއެވެ.

ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.

ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފަހުން ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް