އައްޑޫގައި އަސްކަރީ ތަމްރިނު ކުރިއަށްދާތީ، ކަނޑު ދަތުރުކުރާ މީހުން ސަމާލުވާން އެދެފި

އެ ތަމްރީނުގައި ވައިގެ ސަރަަހައްދަށް ބަޑިޖެހުމަށް ވެސް ހަމަޖެހިފައިވޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މެރިންކޯގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެ ތަމްރީނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް، އައްޑޫ ސިޓީ ގަމުގައެވެ.

ތަމްރީނުތައް ކުރިއަށް ދާނީ އެ ދުވަސްތަކުގެ އިރުއޮއްސި 06:00 އިން ދަންވަރު 12:00 ޖަހަންދެނެވެ. ކޮންމެ ދުވަހަކު ވެސް ތަމްރީނު ކުރިއަށް ދާނެ ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް
1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް: އޭކޭ ސީރީޒް ރައިފަލް
2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ. ގަން

ވުމާއެކު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުއްދަތުގައި، އެ ސަރަހައްދުން ކަނޑު ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިފައިވެއެވެ. އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުގައި ވައިގެ ސަރަަހައްދަށް ބަޑިޖެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް އެ ތަމްރީނު ކުރިއަށް ދިޔަ ނަމަވެސް އެމްއެންޑީއެފްގެ އަސްކަރީ ބޮޑު ތަމްރީން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

އެ ތަމްރީނުތައް އެއްކޮށް ނިމޭނީ މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އެހާތަނަށް އެ ސިޓީގެ ހުރިހާ އަވަށެއްގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް