އިރާގުގައި އޮތް ގަލްފް ކަޕްގެ ފައިނަލް މެޗުގެ ކުރިން ހަމަނުޖެހުން ހިނގައި، ހަތަރު މަރު

މުބާރާތުގެ ފައިނަލް މެޗު ބަލަން ޓިކެޓް ނެތް އެތައް ހާސް ސަޕޯޓަރުންނެއް ބަސްރާގެ ދަނޑަށް ވަންނަން މަސައްކަތް ކުރުން -- ފޮޓޯ/ ރޮއިޓާސް

އިރާގުގެ ބަސަރާގައި މިރޭ ކުރިއަށްދާ ގަލްފް ކަޕްގެ ފައިނަލް މެޗުގެ ކުރިން، އެ މެޗު ބާއްވާ ދަނޑުގެ ބޭރުގައި ހަމަނުޖެހުންތަކެއް ހިނގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ހަތެއް ޖެހިއިރު ފެށި އެ މެޗުގެ ގަޑިއެއްހާއިރު ކުރިން، ޕާމް ޓްރަންކް ސްޓޭޑިއަމް ބޭރުގައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އެ މެޗު ބެލުމަށް ޓަކައި މިއަދު ފަތިހުން ފެށިގެން ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ކައިރިއަށް އެއްވެފައެވެ. އޭގެ ތެރޭގައި ޓިކެއްޓެއް ނެތް އެތައް ހާސް މީހުން ތިބި ކަމަށާއި އެ މީހުން ވެސް ސްޓޭޑިއަމްއަށް ވަންނަން މަސައްކަތް ކުރި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެމީހުންގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވީ، އެ ސަރަހައްދުގައި މީހުން ގިނަވެ، ފިތި ބާރުވެގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކުން ބައެއް މީހުން އެއްވެސް ހަރަކާތެއް ނެތި، ބިންމައްޗަށް ވެއްޓިފައިވާ ތަނާއި އެކަކަށް ސިއްހީ ކުއްލި ފަރުވާ ދޭ މަންޒަރު ފެނެއެވެ.

މެޑިކަލް އަދި ސެކިއުރިޓީ މަސްދަރުތަކުން ބުނާ ގޮތުގައި މި ހާދިސާގައި ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސްއެވެ. އަދި އިރާގުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނާ ގޮތުގައި އެ ހާދިސާގައި 80 މީހަކަށް އަނިޔާވެ، 20 މީހަކަށް ނޭވާހިއްލުމުގެ މައްސަލަ ދިމާވިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ހާދިސާ ހިނގި ސްޓޭޑިއަމްގައި ސަލާމަތީ ބާރުތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިރާގުގެ ދެކުނުގެ މައި ސިޓީ ކަަމަށްވާ ބަސްރާގެ ފުޓްބޯޅަ ދަނޑު ބޭރުގައި މީހުންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ/ އަލްޖަޒީރާ

އެ ހާދިސާ ހިނގި ނަމަވެސް، އިރާގުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ތާވަލާ އެއްގޮތަށް ފައިނަލް މެޗު ބާއްވާފައެވެ. އެ މެޗުގައި ވާދަ ކުރަނީ އިރާގާއި އޮމާންއެވެ.

ބަސަރާގެ ސްޓޭޑިއަމްގައި ތޮއްޖެހުން މަދުކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން ވަނީ އެ މެޗު ބެލޭނެހެން އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓާފައެވެ.

މި ހާދިސާއާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ވަނީ އެ ސިޓީގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ބަސަރާއަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި އެ ސަރަހައްދުގެ ގަވަރުނަރާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް