އެމްޓީސީސީ ބަސްތައް ޗާޖުކުރަން ވިލިމާލެއިން ކަރަންޓު ނަގަން އުޅުމުން އެ ކަން ހުއްޓުވައިފި

ވިލިމާލޭގައި ބަސް ޗާޖުކުރަން ކަރަންޓު ޕެނަލް ހަރުކުރަން މަސައްކަތްކުރަނިކޮށް ހުއްޓުވައިފައި --

އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ޓަކައި ގެނައި އިލެކްޓްރިކް ބަސްތައް ޗާޖުކުރަން ސްޓެލްކޯ މެދުވެރިކޮށް ކަރަންޓު ނަގަން އުޅުމުން މާލޭ ސިޓީ ކައުންސިލުން ފުލުހުން މެދުވެރިކޮށް އެ ކަން ހުއްޓުވައިފިއެވެ.

ކަރަންޓު ނެގުމަށް ޓަކައި ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އައީ މިއަދު ހެނދުނެވެ.

އެއާއެކު ސިޓީ ކައުންސިލުން އެ ކަން ކުރުން ހުއްޓުވީ، އެމްޓީސީސީން އެ ކަން ކުރަން ހުއްދަ ނުނަގައިކަމަށް ބުނެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒު ވިދާޅުވީ، ފުރަތަމަ ކަމަކަށް ވިލިމާލެއަށް ބަސްތަކެއް އެރުވީ ވެސް ކައުންސިލަށް އެންގުމެއް ނެތި، އެއްވެސް ހުއްދައެއް ނެތިކަމަށެވެ.

އެއީ އެ ކަން ކުރެވިގެންވާނެ ގޮތެއްް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ ރައްޔިތުންގެ ހުއްދަ ނުހޯދާ އެތާ ބަހެއް ނުދުއްވޭނެ. ތިންވަނަ ކަމަކީ އަޅުގަނޑުމެން ހުއްދަ ނުދެނީސް އެ ތަނުގެ ކަރަންޓެއް ބޭނުމެއް ނުކުރެވޭނެ،" ރަަމީޒް ވިދާޅުވިއެވެ.

އެ ކަން އެމްޓީސީސީއަށް ވެސް އިއްޔެ އަންގައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވި ގޮތުގައި އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ. އަދި އެ ފަދަ އެއްވެސް ކަމަކަށް ސިޓީ ކައުންސިލުން ފުރުސަތު ނުދޭނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް