ކުޑަކުއްޖަކު ރޭޕްކުރި މީހަކަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކުޑަކުއްޖަކު ރޭޕްކޮށް، އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވި މީހަކަށް 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާ ހިނގީ 2018ވަނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހެވެ.

އެ އަންހެން ކުއްޖާ ރޭޕްކުރީ ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރޭގައެވެ. އެ ތަނަށް އެ ކުއްޖާ ގެންދިއުމަށްފަހު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ އެކަން ކުރި މީހާ ވަނީ ނަގައިފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލީ އެ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހެވެ.

މި މައްސަލައިގައި ދައުވާ އުފުލައިފައިވަނީ ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލައިފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވެ އިއްވައިފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް ވަނީ އިއްވާފައެވެ.

ޝަޒްލީފަށް އިއްވި 40 އަހަރުގެ ޖަލު ހުކުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ދެ އަހަރާއި އެއް މަސް ދުވަހާއި 14 ދުވަސް ވަނީ އުނިކޮށްފައެވެ.

comment ކޮމެންޓް