ހަނިމާދޫ އެއާޕޯޓް ތަރައްގީ މި ކުރަނީ ފައިސާ ހުރެގެން, މިކަމެއް ނުހުއްޓޭނެ: ރައީސް

ހދ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހް ވާހަކަދައްކަވަނީ--- ފޮޓޯ/ރައީސް އޮފީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށަނީ ފައިސާ ހުރެގެންކަމަށާއި، މި މަޝްރޫޢު މޫދުގަ އަޅާފަދަ ރޮގަކަށް ނުވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތީ ވަރަށް ހަރުދަނާ ވިސްނުމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، މޫދުގަ އަޅާ ރޮނގެއްހެން މިކަން އަވަހަށް ފިލައިގެން ނުދާނޭކަމަށެވެ.

ކޮންމެ ކަމަކަށްމެ ދެމެހެއްޓެނިވި ވިސްނުންތެރި ޕްލޭނަކާއި ފެންހިފޭ ޕްލޭނެއް އޮންނަން ޖެހޭނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރަން ބަލާއިރު، އެންމެ މުހިއްމު އެއްޗަކީ ފައިސާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހި ނިމިފައިކަމަށެވެ.

އެހެންކަމުން ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދެން ދާނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.

"ހުއްޓި އޮވެ ފަހަތަށްގޮސް ގެއްލި ހުސްނުވާގޮތަށް. މިގޮތަށް ފެށީމައި ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށް ނުދާނެ،" ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ހދ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތީ ވަރަށް ހަރުދަނާ ވިސްނުމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، މޫދުގަ އަޅާ ރޮނގެއްހެން މިކަން އަވަހަށް ފިލައިގެން ނުދާނޭކަމަށެވެ. ކޮންމެ ކަމަކަށްމެ ދެމެހެއްޓެނިވި ވިސްނުންތެރި ޕްލޭނަކާއި ފެންހިފޭ ޕްލޭނެއް އޮންނަން ޖެހޭނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް މި ފެށީ ގަލަމު ތުނޑުން ނިކަން ރަނގަޅަށް ދިރާސާކޮށް ހިސާބު ކިތާބުން ނަތީޖާ ހޯއްދެވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، އެ އެއާޕޯޓް ވެގެންދާނީ ބޮޑު ތިލަދުއްމައްޗާއި އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ފަހްރުވެރިވާނޭފަދަ އެއާޕޯޓަކަށް ކަމަށެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރާނޭ ގޮތުގެ ނަމޫނާއެއް

ރައީސް ވިދާޅުވީ މިރޭ ފެށުނު މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރަށް މިއިން ދުވަހަކުވެސް ނާންނަވަރުގެ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީވުމުން އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖައްސައި، ދުނިޔޭގެ އެކި ބައްރުތަކުން އުތުރަށް ފަތުރުވެރިން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި މަޝްރޫޢުގެ ސަބަބުން އެތައްހާސް ވަޒީފާތަކެއް އުފެދިގެންދާނެ. ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކާއި ރިސޯޓްތަކުގެ އެނދުތައް ބޮޑުތިލަދުއްމަތީގައި އެތައްގުނައެއް އިތުރުވެގެންދާނެ. ވިޔަފާރިތައް އެކި ދާއިރާތަކުން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ އެއާޕޯޓަކީ ތަރައްޤީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވިސްނާލުމުން ދޭހަވާކަމަށެވެ. މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން ދިއުމުން ބޮޑުތިލަދުއްމަތި ވެގެންދާނީ ތަރައްޤީގެ އިޤްތިސާދީ ހަބަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރާނޭ ގޮތުގެ ނަމޫނާއެއް

ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް އެންމެ ފުރަތަމަ އެ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއިހެދި އެ މަޝްރޫޢުގެ މަސައްކަތްވަނީ ކުރިއަށްދާގޮތް ނުވެފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސް ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިއަށް ގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫޢުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް