ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް، ދެ ބިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަަސައްކަތް ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިފުތިތާހްކުރުމުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު އިފުތިތާހްކޮށްދެއްވީ، އެކަމަށްޓަކައި މިރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ. އެ މަޝްރޫއު އިފުތިތާހުކުރުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިއީ 136.6 މިލިއަން އެމެރިކާ ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިފުތިތާހްކުރުމުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. އަންނަ އަހަރު މި މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނޭ ގޮތުގެ ނަމޫނާއެއް -- ފޮޓޯ/ އިކޮނޮޮމިކް މިނިސްޓްރީ

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދަތުރުކުރާނެއެވެ.

comment ކޮމެންޓް