ސީޒަން ނިމޭއިރު އާސެނަލް އޮންނާނީ ތިން ވަނައިގައި، ތަށި ނަގާނީ ސިޓީން: ގެރީ ނެވިލް

ގެރީ ނެވިލް----

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަން ނިމޭއިރު ލީގު ކާމިޔާބުކުރާނީ މެންޗެސްޓާ ސިޓީންކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ތަރި އަދި ފުޓުބޯޅަ ޕަންޑިތު ގެރީ ނެވިލް ބުނެފިއެއެވެ.

ސްކައި ސްޕޯޓްސްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ނެވިލް ބުނީ މިހާރު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް ސީޒަން ނިމޭއިރު އޮންނާނީ ތާވަލުގެ ތިން ވަނައިގައި ކަމަށެވެ.

ނަމަވެސް އޭނާ ބޭނުން ވަނީ އާސެނަލް ޕްރިމިއާ ލީގުގެ ތަށި އުފުލާލަން ކަމަށާއި އާސެނަލް ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ލީގު އިތުރަށް ވާދަވެރިވާނެ ކަމެއް ކަމަށް ވެސް ނެވިލް ބުންޏެވެ.

އާސެނަލްއަށް ވުރެ ކުރީގައި ތާވަލުގެ ދެ ވަނައިގައި އޮންނާނީ މެންޗެސްޓާ ޔުނައިޓެޑު ކަމަށް ވެސް ގެރީ ނެވިލް ލަފާކުރެއެވެ.

"އަހަރެން ވަރަށް އުފާވާނެ ޔުނައިޓެޑުން ލީގު ކާމިޔާބުކޮށްފިއްޔާ. އެކަމަކު ހަގީގަތުގައި ޔުނައިޓެޑަށް ލީގު ކާމިޔާބެއް ނުކުރެވޭނެ" ގެރީ ނެވިލް ބުންޏެވެ.

ނެވިލް އެހެން ބުނި ކަމުގައި ވީނަމަވެސް ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވޭނެކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފައެވެ. އޭނާ ބުނީ ލީގު އޭނާއަށް ކާމިޔާބު ނުކުރެވޭނެކަމަށާއި، ލީގަށް އޭނާގެ ފޯކަސް ނެތް ކަމަށެވެ.

މިހާރު އިނގިރޭސި ޕްރިމިއާ ލީގު ތާވަލު އެތުރިފައިވާ ގޮތުން އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުގައެވެ. 18 މެޗު ކުޅެ އާސެނަލް ވަނީ 47 ޕޮއިންޓު ހޯދައިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ސިޓީ 18 މެޗު ކުޅެގެން ލިބުނީ 39 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި ނިއުކާސަލް އޮތީ 19 މެޗު ކުޅެ 38 ޕޮއިންޓު ހޯދައިގެންނެވެ. އަދި ތާވަލުގެ ހަތަރު ވަނައިގައި ޔުނައިޓެޑު އޮތީ 18 މެޗު ކުޅެ 38 ޕޮއިންޓު ހޯދައިގެންނެވެ.

comment ކޮމެންޓް