60 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ އާބާދީ ދަށަށް

ޗައިނާ ގެ ސިޓީއެއް ކަމަށްވާ ޔުނާންގެ ދާލީގެ މާރުކޭޓެއްގައި މީހުން ވިޔަފާރި ކުރަނީ -- ފޮޓޯ/ ސީއެންއެން

ފަސްދޮޅަސް އަހަރަށް ފަހު، މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޗައިނާގެ އާބާދީ ދަށަށް ގޮސްފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އިން މިއަދު ބުނި ގޮތުގައި މިދިޔަ އަހަރު އެ ގައުމުގެ އާބާދީއަކީ 1.41175 ބިލިއަނެވެ. އެއީ އޭގެ ކުރީ އަހަރުގެ، 1.41260 ބިލިއަން މީހުންގެ އާބާދީއާ އަޅާބަލާއިރު ގާތްގަނޑަކަށް 850،000 މަދު އަދަދެކެވެ.

އެ ގައުމުގެ އެނަލިސްޓުން ބުނާ ގޮތުގައި މިއީ 1961 ވަނަ އަހަރު، ޗައިނާގެ ކުރީގެ ލީޑަރު މައޯ ޒެޑޮންގްގެ އިގުތިސާދީ ކެމްޕެއިން ކަމަށްވާ 'ގްރޭޓް ލީޕް ފޯވާޑް'ގެ ސަބަބުން ކުރިމަތިވި ބަނޑުހައިހޫނުކަމަށް ފަހުން އެ ގައުމުގެ އާބާދީ ދަށްވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ވިހެއުމުގެ ނިސްބަތް ވެސް މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް ވެއްޓިފައެވެ. މިދިޔަ އަހަރު އެ ނިސްބަތަކީ ކޮންމެ 1،000 މީހަކަށް 6.77 ކުދިންނެވެ. އޭގެ އަހަރެއް ކުރިން އެ އަދަދު ހުރީ 7.52ގައެވެ. އެއީ 1949ގައި ކޮމިއުނިސްޓް ޗައިނާ އުފެއްދި ފަހުން އެ އަދަދު އެހާވަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

ޗައިނާ ސަރުކާރުން، އެގައުމުގައި ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ދަރިން ހޯދުމަށް ހިތްވަރުދީ، ބާރުއެޅި ނަމަވެސް މިދިޔަ އަހަރު އުފަންވެފައިވަނީ ގާތްގަނޑަކަށް 9.56 މިލިއަން ކުދިންނެވެ. މިއާ ޚިލާފަށް 2021 ވަނަ އަހަރު 10.62 މިލިއަން ކުދިން ވަނީ އުފަންވެފައެވެ.

އެންބީއެސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޗައިނާގެ 1.4 ބިލިއަން މީހުންގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެތެރެއިން 60 އަހަރުން މަތީގެ މީހުންގެ އަދަދު މިދިޔަ އަހަރު 280 މިލިއަނަށް އަރާފައިވާ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ މިހާރު ޗައިނާ --- ފައިލް ފޮޓޯ/ އޭޕީ

ޗައިނާއިން މީގެ ކުރިން ތަންފީޒު ކުރި "އެއް ކުއްޖެއް" ސިޔާސަތުގެ ދަށުން ކޮންމެ ދެމަފިރިއަކަށް ހުއްދަ ދިނީ އެންމެ ދަރިއަކު ހޯދުމަށެވެ. ނަމަވެސް އޭގެ ސަބަބުން އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވެ، މަސައްކަތް ކުރާ އުމުރުގެ މީހުން މަދުވުމުން އެގައުމުން ވަނީ 2015 ވަނަ އަހަރު އެ ސިޔާސަތު އުވާލައި، ކޮންމެ ދެމަފިރިއަކަށް ވެސް ދެ ދަރިން ހޯދަން ހުއްދަ ދީފައެވެ.

އެއަށް ފަހު 2016 ވަނަ އަހަރު ވިހެއުމުގެ ނިސްބަތް ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ފަހުން އެ ނިސްބަތް ވަނީ ދަށަށް ދާން ފަށައިފައެވެ. އޭގެ ސަބަބުން 2021ގައި ޗައިނާއިން ވަނީ ސިޔާސަތަށް ބަދަލުގެނެސް، ތިން ދަރިން ހޯދަން ހުއްދަ ދީފައެވެ.

އެހެންނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް އިތުރުވުމާއި އެހެނިހެން މާލީ ގޮންޖެހުންތަކުގެ ސަބަބުން އެ ސިޔާސަތުން ވެސް އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ.

ހަމައެއާއެކު އެ ގައުމުގައި ޒުވާނުން ކައިވެނި ކުރުން ފަސްކުރުމާއި ދަރިން ނުހޯދަން އިޚުތިޔާރު ކުރުން ވެސް ވަނީ އިތުރުވެފައެވެ. އެއީ ވެސް އެ ގައުމުގެ އާބާދީ އިތުރުވުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

ޗައިނާގެ އާބާދީއާ ބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައި ވަނީ، ޗައިނާގެ އިގުތިސާދީ ކުރިއެރުން ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުގެ އިގުތިސާދު ކުރިއަރާފައި ވަނީ އެންމެ ތިން ޕަސެންޓަށެވެ. އެއީ މިދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އެގައުމުގެ އިގުތިސާދު ދަށަށް ނުދާ މިންވަރެކެވެ.

ޗައިނާގެ އާބާދީ ދަށްވަމުން ދިޔުމާއެކު، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު އަންނަ އަހަރު އިންޑިއާއިން ހޯދާނެ ކަމަށް އދ.އިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް