އަންނަ މަހުގެ ކުރީކޮޅު ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފަށަނީ

ވިލިމާލޭގައި ބޭނުން ކުރާނެ ބަގީތައް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީއެވެ. އެއީ ހަތަރު ސީޓުގެ ތިން ބަގީ އާއި ހަ ސީޓުގެ ތިން ބަގީ އާއި 12 ސީޓުގެ އެއް ބަގީގެ އިތުރުން މުދާ އުފުލުމަށް ޚާއްސަ ދެ ބަގީ އާއި ބަލި މީހުންނަށް ޚާއްސަ އެއް ބަގީއެވެ.

އެ ހުރިހާ ބަގީއަކުން ވެސް 24ގަޑި އިރު ޚިދުމަތް ލިބޭނެއެވެ.

ވިލިމާލޭގައި ބޭނުން ކުރާނެ ބަގީތައް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އެ ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ސިޓީ ކައުންސިލުންނެވެ. އަދި ހުރިހާ ބަގީއެއްގައި ޑްރައިވަރުންގެ ގޮތުގައި ވެސް ތިބޭނީ ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.

ވިލިމާލޭގައި ފަށަން ތައްޔާރުވާ ބަގީގެ ޚިދުމަތާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ ބަގީގެ ޚިދުމަތަކީ ވިލިމާލޭ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެ ކަަމަށެވެ.

"ވަރަށް ގިނައިން ލިބޭ ފެރީއިން މުދާ އުފުލުމަށް އެއްޗެއް ނޯންނާތީ އުނދަގޫވާ ކަމުގެ ޝަކުވާ. ބަލިމީހުން ގެންދާނެ ގޮތެއް ނެތިގެން އުނދަގޫ ވާ ކަމުގެ ޝަކުވާވެސް. މި ޚިދުމަތާއެކު އެކަންކަމަށް ހައްލު ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ބަގީގެ ޚިދުމަތް ދޭނީ ރައްޔިތުންނަށް އަތް ފޯރާފަށުގައި ކަމަށާއި އެ ޚިދުމަތް ދޭނީ ޚިދުމަތް ހޯދާ މީހުންނަށް އެންމެ ލުއި ފަސޭހަ ގޮތަށް ކަމަށެވެ.

ވިލިމާލޭގައި ބޭނުން ކުރާނެ ބަގީތައް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތަކީ މީހުން ބަލައިގަންނަ އަދި ކާމިޔާބު ޚިދުމަތަކަށް ވާނެއެވެ.

ވިލިމާލޭގެ ރައްޔިތުންގެ ލުއި ފަސޭހައަށް ބަގީގެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައެވެ.

comment ކޮމެންޓް