އޮމަދޫ ބަނދަރު މަރާމާތު ކުރުން އެމްޓީސީސީއަށް

އދ. އޮމަދޫ ބަނދަރު މަރާމާތު ކުރުމާއި އއ. ރަސްދޫ ބަނދަރުގައި ބޮޑު ހިލަ ޖެހުން އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އދ. އޮމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާއިން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އޮމަދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލުކުރީ 630 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. ދައުލަތުގެ ބަޖެޓުން 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ އާ ބަނދަރު ފުން ކުރުމާއި 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 398 މީޓަރު ބްރޭކް ވޯޓާ ޖެހުމާއި އެއްގަމު ތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އެ މަސައްކަތުގެ އިތުރުން، އއ. ރަސްދޫ ބަނދަރުގައި ބޮޑު ހިލަ ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޓަކައި 64 މީޓަރު ބްރޭކްވޯޓާއާއި 224 މީޓަރު ގްރޮއިން ޖަހާނެއެވެ. އަދި 1763 ރިވެޓްމަންޓް ގާއިމްކުރާނެއެވެ.

މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 86 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.

comment ކޮމެންޓް