ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ކްލޮޕް

ޖާގެން ކްލޮޕް---

ލިވަޕޫލްގެ ކޯޗުކަމުގެ މަގާމު ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމު ދޫކޮށްލާނީ އެ މަގާމުން އޭނާ ބޭރުކުރުމުން އެކަނިކަމަށެވެ.

ކްލޮޕް ބުނީ މިވަގުތަކީ ޓީމުގެ ހާލަތު ރަނގަޅު ކުރަން ހުރި ކަންކަން ބަލައި އެކަންކަން ރަނގަޅުކުރަންވީ ވަގުތުކަމަށެވެ.

ޓީމު ވަރުގަދަކުރަން އިތުރު ކުޅުންތެރިން ގެންނާނެކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ. ނަމަވެސް ކޮންމެ ކޮންމެ ކުޅުންތެރިއަކު ޓީމަށް ނުގެނެވޭނެކަމަށާއި، އަދި ކޮންމެ ކޮންމެ ކުޅުންތެރިއަކު ޓީމުން ފޮނުވާ ނުލެވޭނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަންގައި ލިވަޕޫލުން ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން އެ ޓީމުގެ ގިނަ ސަޕޯޓަރުން އަންނަނީ ކްލޮޕް ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުން ދުރުކުރުމަށް ގޮވާލަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގު ތާވަލު މިހާރު އެތުރިފައިވާ ގޮތުން ލިވަޕޫލަށް ލިބެނީ ތާވަލުގެ ނުވަ ވަނައެވެ. އެ ޓީމު ކުޅުނު 18 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ އަށް މެޗުންނެވެ.

ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ލިވަޕޫލް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2019/20 ވަނަ ސީޒަންގެ ޕްރިމިއާ ލީގު އަދި 2018/19 ވަނަ ސީޒަންގެ ޗެމްޕިއަންސް ލިގު ތަށި ލިވަޕޫލުން ވަނީ އުފުލާލައިފައެވެ.

comment ކޮމެންޓް