އިޓަލީގެ އެންމެ ނުރައްކާތެރި ގޭންގު ލީޑަރު ފިލައިގެން އުޅޭތާ 30 އަހަރު ފަހުން ހައްޔަރުކޮށްފި

އިޓަލީގެ އެންމެ ނުރައްކާތެރި މާފިއާ ގޭންގުގެ ލީޑަރު، މަޓިއޯ މެސީނާ ޑެނާރޯ ފިލައިގެން އުޅޭތާ 30 އަހަރު ފަހުން ހައްޔަރުކޮށްފި -- ފޮޓޯ/ ރޮއިޓާސް

އިޓަލީގައި ރާވައިގެން ކުށްކުރާ މާފިއާ ޖަމިއްޔާއެއްގެ ލީޑަރެއް ކަމަށްވާ، މަޓިއޯ މެސީނާ ޑެނާރޯ ފިލައިގެން އުޅޭތާ 30 އަހަރު ފަހުން އެ ގައުމުގެ ސިޓީއެއް ކަމަށްވާ ސިސިލީއިން ހައްޔަރުކޮށްފިއެވެ.

ޑެނާރޯ އަކީ ސިސިލީގެ މަޝްހޫރު ކޯސާ ނޯސްޓްރާ މާފިއާގެ ލީޑަރެއް ކަމަށް އިޓަލީގެ ފުލުހުން ތުހުމަތު ކުރެއެވެ. އަދި އީޔޫގެ ތަންފީޒީ އިދާރާ ޔޫރޮޕޯލްއިން ވަނީ އޭނާއަކީ ޔޫރަޕްގައި ފިލައިގެން އުޅޭ އެންމެ ނުރައްކާތެރި މީހުންގެ ތެރެއިން އެކަކު ކަމަށް ބުނެފައެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ޑެނާރޯ ހިފަހައްޓާފައި ވަނީ ސިސިލީގެ ވެރިރަށް ޕަލެރްމޯގެ ޕްރައިވެޓް ކްލިނިކެއްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމުގައި ސަލާމަތީ ފައުޖުތަކުގެ 100އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ޑެނާރޯގެ މައްޗަށް ބަޔަކު މެރި ކަމުގެ ދައުވާކޮށް، އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ ޝަރީއަތަކަށް ފަހު 2002 ވަނަ އަހަރު އިޓަލީގެ ކޯޓަކުން ވަނީ އޭނާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

ޑެނާރޯގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި އޭނާގެ މާފިއާއާ ދެކޮޅަށް މަސައްކަތް ކުރި ދެ ޕްރޮސެކިއުޓަރަކު މެރުން ހިމެނެއެވެ. އެ މީހުން މަރާލީ 1992 ވަނަ އަހަރެވެ. އަދި 1993 ވަނަ އަހަރު މިލާން އާއި ފްލޮރެންސް އާއި ރޯމްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ އިތުރުން، މާފިއާގައި އުޅުމަށް ފަހު ދައުލަތުގެ ހެކިވެރިއަކަށް ވާން އެއްބަސްވި މީހަކު ރަހީނު ކުރުމަށް ފަހު މެރުމުގެ ދައުވާ ވެސް ޑެނާރޯގެ މައްޗަށް ސާބިތުވިއެވެ.

އެފަދަ މައްސަލަތައް ބަލާ ގިނަ އަދަދެއްގެ ޕްރޮސެކިއުޓަރުންނާއި އިންފޯމެންޓުން ގަބޫލު ކުރާ ގޮތުގައި މާފިޔާއިން ހިންގި އެންމެ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވި މީހުންގެ ހުރިހާ މައުލޫމާތާއި ނަންތައް ޑެނާރޯއަށް އެނގޭނެއެވެ.

ޑެނާރޯ އަކީ 1993 ވަނަ އަހަރުން ފެށިގެން ސަލާމަތީ ބާރުތަކަށް ފިލައިގެން އުޅޭ މީހެއް ނަމަވެސް، މިހާތަނަށް ވެސް އޭނާ ގެންދިޔައީ އޭނާގެ ދަށުން މަސައްކަތް ކުރާ މީހުންނަށް އިރުޝާދު ދެމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އިޓަލީގެ އިންވެސްޓިގޭޓަރުންނަށް ޑެނާރޯ ހައްޔަރުކުރުމަށް ފުރުސަތުތައް ލިބުނެވެ. އެއީ އޭނާއާ އެންމެ ގާތް މީހުން މޮނިޓާކޮށްގެންނެވެ. މިކަމުގެ ތެރޭގައި 2013 ވަނަ އަހަރު އޭނާގެ ކޮއްކޮ ޕެޓްރިޒިއާ އާއި އޭނާގެ ގާތް އެހެން ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ޑެނާރޯއާ ގުޅުން ހުރި އަގުހުރި ވިޔަފާރިތައް ވެސް އަތުލާފައިވެއެވެ. ނަމަވެސް އޭނާގެ ފޮޓޯ ނުލިބޭތީ އޭނާ ހައްޔަރުކުރުމުގައި ދަތިތައް ދިމާވިއެވެ.

އިޓަލީގެ ފަނޑިޔާރެއް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލެއް ކަމަށްވާ ޖިއަން ކާލޯ ކަސެލީ ވިދާޅުވީ މެސީނާ ޑެނާރޯ ހައްޔަރުކުރުމަކީ ތާރީހީ ކަމެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމުން، 1993 ވަނަ އަހަރު އިޓަލީގައި ދިން ބޮމުގެ ހަމަލާތަކުގެ ތަހުގީގުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެނާރޯ ހައްޔަރު ކުރުމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ މިއީ ދައުލަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި "މާފިއާ ކްރިމިނަލް ގްރޫޕްގެ އެންމެ މުހިންމު މެންބަރު" ބަންދުކުރުމުގައި ސިފައިން ކުރި މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް