ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށް ޒަވީގެ ކޯޗްކަމުގައި ބާސާއިން ފުރަތަމަ ތަށި އުފުލާލައިފި

ސްޕެނިޝް ސުޕަ ކަޕްގެ ތަށި ބާސާއިން އުފުލާލަނީ----

ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން 14 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗް ބާސާއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސެލޯނާއިންނެވެ. އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ބާސާއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ބޭރުން ރޮބާޓް ލެވަންޑޯސްކީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ބާސާއިން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ލެވަންޑޯސްކީ ތަނަވަސްކުރި ފުރުސަތަކުން މެޗުގައި މޮޅުކުޅުމެއް ދެއްކި ބާސާގެ ޒުވާން މިޑްފީލްޑަރު ޕަބްލޯ ގަވީ ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފުރަތަމަ ހާފުގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގައި ބާސާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ގަވީގެ އެހީއާއެކު ލެވަންޑޯސްކީ ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށަައިގެން ވެސް ބާސާއިން ދިޔައީ އިތުރު ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އަލެހަންޑްރޯ ބަލްޑޭ ޖައްސާލި ޕާހެއްގެ ބޭނުން ހިފައިގެން ރެއާލް އޭރިއާތެރޭގައި ހުސްކޮށްހުރެ އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކޯޓުއާއެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ބާސާއިން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އޭރިއާތެރެއިން ގަވީ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، ޕެޑްރީ ޖެހި ގޯލެކެވެ.

ފައިނަލުގެ އެ މޮޅާއެކު ބާސާއަށް ލިބުނު ތައްޓަކީ ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވިފަހުން ލިބުނު ފުރަތަމަ ތައްޓެވެ. އަދި ވޭތުވެދިޔަ 18 އަހަރު ތެރޭގައި މެސީއާ ނުލާ ބާސާއިން ހޯދި ފުރަތަމަ ތައްޓަކީ ވެސް ރޭ ބާސާއިން ކާމިޔާބުކުރި ސްޕެނިޝް ސުޕަ ކަޕްގެ ތައްޓެވެ.

comment ކޮމެންޓް