އާސެނަލަށް ގެންނަން މަސައްކަތްކުރި މުޑްރިކް ޗެލްސީއަށް ސޮއިކޮށްފި

މިކައިލޯ މުޑްރިކް ޗެލްސީ ޖާޒީގައި--

ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކްއަށް ކުޅޭ މިކައިލޯ މުޑްރިކްގެ ސޮއި ހޯދުމާ އިނގިރޭސި ކުލަބް އާސެނަލް ގާތްވެފައިވަނިކޮށް ޗެލްސީއިން އޭނާގެ ސޮއި ހޯދައިފިއެވެ.

ޗެލްސީއިން މުޑްރިކްގެ ސޮއި ހޯދައިފައިވަނީ 100 މިލިއަން ޔޫރޯގެ ޕެކޭޖަކަށެވެ. އެ ޕެކޭޖުގައި ހިމެނިފައިވަނީ 70 މިލިއަން ޔޫރޯގެ އިތުރުން އެޑްއޮންގެ ގޮތުގައި 30 މިލިއަން ޔޫރޯ އެވެ.

އުމުރުން 22 އަހަރުގެ، ޔޫކްރޭންގެ ފޯވާޑް ޗެލްސީއާ ގުޅުނީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އޭނާ ޗެލްސީއަށް ސޮއިކުރުމަށްފަހު ބުނީ އެފަދަ ބޮޑު ކުލަބަކަށް ކުޅެން ފުރުސަތު ލިބުމުން އުފާވާކަމަށެވެ. މީގެ އިތުރުން ޕްރިމިއާ ލީގަކީ ވަރަށް ބޮޑު ލީގެއްކަމަށާއި، އޭނާގެ ކެރިއަރުގައި ޕްރިމިއާ ލީގުގައި ކުޅެލަން ލިބުމަކީ ލިބުނު ފަހުރެއްކަމަށް ވެސް މުޑްރިކް ބުންޏެވެ.

"ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަން ލިބުމުން ވަރަށް އުފާވޭ. ގްރަހަމް ޕޮޓާގެ ދަށުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަން ވަރަށް ބޮޑަށް އުއްމީދުކުރަން،" މުޑްރިކް ބުންޏެވެ.

މި ސީޒަންގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީއަށް މި ޓްރާންސްފާ މާކެޓުގައި ވަނީ މޮނާކޯގެ ބެނޯއީ ބަޑިއާޝިލޭއާއި، މޯލްޑޭ އަށް ކުޅޭ އައިވަރީ ކޯސްޓުގެ ފޯވާޑް ޑޭވިޑް ޑާޓްރޯ ފޮފާނާއާއި، ބްރެޒިލްގެ ވަސްކޮޑަގާމާގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ސަންޓޯސްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ޔާއޯ ފެލިކްސް ގެނެސްފައެވެ.

ފެލިކްސް ޗެލްސީއަށް ގެނައީ ލޯނު އުސޫލުން މި ސީޒަން ނިމެންދެކަށެވެ. މިދިޔަ ހަފުތާގައި އޭނާ ޗެލްސީ ޖާޒީގައި ފުރަތަމަ މެޗު ކުޅުނު އިރު އެ މެޗުގައި ދެއްކި ރަތް ކާޑެއްގެ ސަބަބުން ފެލިކްސް ވަނީ ތިން މެޗަށް ސަސްޕެންޑުކޮށްފައެވެ.

ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ 10 ވަނައިގައެވެ.

comment ކޮމެންޓް