ފަހަތުންއަރައި ސިޓީ ބަލިކޮށް ޔުނައިޓެޑު ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުންއަރައި މެންޗެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިތުބާރު ހޯދައިފިއެވެ.

ޔުނައިޓެޑު އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ. އަދި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ސިޓީންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެކް ގްރީލިޝްއެވެ. އެ ގޯލު އޭނާ ޖެހީ އޭރިއާތެރެއިން ސިޓީގެ ކެވިން ޑިބްރޭނާ ނެގި ހުރަަހަކަށް ހުސްކޮށް އަރައެވެ.

ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މެދުތެރެއިން ޔުނައިޓެޑްގެ ކަސެމީރޯ ތަނަވަސްކުރި ފުރުސަތަކުން ބުރުނޯ ފަނާންޑޭޒް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ސިޓީގެ އޭރިއާތެރެއިން ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ނެގި ހުރަހަކުން އެ ގޯލު ޖެހީ މާކޮސް ރަޝްފޯޑެވެ.

އެ މޮޅާއެކު ޔުނައިޓެޑު ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑު ތިންވަނައިގައި އޮތީ ކުޅުނު 18 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވިނަމަވެސް ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 18 މެޗުން ހޯދި 39 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 17 މެޗު ކުޅެ 44 ޕޮއިންޓު ހޯދައިގެންނެވެ.

comment ކޮމެންޓް