ލޯނު އުސޫލުން ވެގޯސްޓު ޔުނައިޓެޑަށް

ވެގޯސްޓް ޔުނައިޓެޑަށް ސޮއި ކުރަނީ---

ތުރުކީގެ ބެސިކްޓަސްއަށް ކުޅެމުންއައި ނެދަލޭންޑްސްގެ ފޯވާޑް ވޯޓް ވެގޯސްޓް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެއެވެ.

އިމުރުން 30 އަހަރުގެ ވެގޯސްޓު ޔުނައިޓޭޑާ ގުޅުނީ ލޯނު އުސޫލުގެ ދަށުން މި ސީޒަން ނިމެންދެނެވެ. އޭނާ ބެސިކްޓަސްއަށް ވެސް ކުޅެނީ ލޯނު އުސޫލުންނެވެ. ވެގޯސްޓް އަކީ ބާންލީގެ ކުޅުންތެރިއެކެވެ.

އެހެންކަމުން ވެގޯސްޓް ބަސިކްޓަސްއާއެކު ވެފައިވާ ލޯނު އެއްބަސްވުން އުވާލުމަށް 2.5 މިލިއަން ޕައުންޑު ޔުނައިޓެޑުން ވަނީ ހުށަހަޅާފައެވެ. އަދި ޓްރާންސްފާ ފީއެއްގެ ގޮތުގައި ބާންލީއަށް 2.6 ޕައުންޑު ވެސް ޔުނައިޓެޑުން ވަނީ ދައްކައިފައެވެ.

ވެގޯސްޓަކީ ނެދަލޭންޑްސް ގައުމީ ޓީމުގަައި ވެސް ތަފާތު ދައްކާ ގޯލާ ރައްޓެހި ފޯވާޑެކެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވެ ،މީޑިއާއާ ވާހަކަދައްކަމުން ބުނީ ސީޒަން ނިމެންދެން ބުރަކޮށް މަސައްކަތްކޮށް ފުރަތަމަ އެގާރައިން ފުރުސަތު ހޯދާނެކަމަށެވެ.

"އަހެރެން ވަރަށް ފަހުރުވެރިވޭ ޔުނައިޓެޑުގެ ޝަރަފްވެރި ޖާޒީ ލާން ލިބޭތީ" ވެގޯސްޓު ބުންޏެވެ.

އޭނާއަކީ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ގެނައި ކުޅުންތެރިއެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހުން ހުސްވި ޑިސެމްބަރު މަހުގެ 20ވަނަ ދުވަހަށް ގަތަރުގައި ކުރިއަށްދިޔަ ވޯލްޑްކަޕްގައި ޕޯޗުގަލްއިން ކުޅުނު ފުރަތަަމަ މެޗު ފެށެން 24 ގަޑިއިރަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި އެ ޓީމުން އޭނާ ދޫކޮށްލިކަން އިއުލާނުކޮށްފައެވެ.

ޔުނައިޓެޑުން ބޭނުންވީ ބޮޑު ހަރަދެއް ނުކޮށް ޓީމުގައި ތަފާތު ދެއްކޭނެ ކުޅުންތެރިއަކު ޓީމަށް ގެންނާށެވެ. އެގޮތުން އެ ޓީމުން ވަނީ އެތުލެޓިކޯ މެޑްރިޑްގެ ޔާއޯ ފެލިކްސް ހޯދުމަށް ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް