''ޗާލު މިސްކިތް'' ފަންޑުގެ ފުރަތަމަ އެހީ އާސަހަރާ މިސްކިތަށް

އާސަހަރާ މިސްކިތް މަރާމާތު ކުރަން ފެށުން / ފޮޓޯ: ސިޓީ ކައުންސިލް

ކުރިއަށް އޮތް ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ "ޗާލު މިސްކިތް" ފަންޑް ރައިސިން ހަރަކާތުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ ހަވާލުކުރީ މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާ ނުލާ ކަމަށް ވުމުންނެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2021 ވަނަ އަހަރާއި މިދިޔަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

އޭގެ ބޭރުން އެ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިދިޔަ ހަފުތާ ބަންދުގައި ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެހަރަކާތުން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން މި ހަރަކާތުން ޖުމްލަ 744،713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.

"ޗާލު މިސްކިތް" ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނީ (އާސަހަރާ މިސްކިތް) އެވެ. ސިޓީ ކައުންސިލުން މިއަދު ވަނީ އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް ކޮށްފައެވެ.

އާސަހަރާ މިސްކިތް މަރާމާތު ކުރަން ފަށާފައިވަނީ އަމިއްލަ ފަރާތަކުން އެހީގެ ގޮތުގައި އެ މިސްކިތުގެ މަރާމާތަށް ހަދިޔާކޮށްފައިވާ ފައިސާއިންނެވެ.

މިސްކިތްތަކަށް ފައިސާ ހޯދުމުގެ ހަރަކާތް ނިމިފައިވީ ނަމަވެސް އެހީވާން ބޭނުންވާ މީހުންނަށް ސިޓީ ކައުންސިލުން ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

comment ކޮމެންޓް