އާސެނަލް ދަނޑުގައި ރާއްޖޭގެ ނަން

އެމިރޭޓްސް ސްޓޭޑިއަމް---

އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމް ބޭރުގައި ރާއްޖޭގެ ނަން ޖަހަން އެ ޓީމުން ނިންމައިފިއެވެ.

އާސެނަލްގެ ދަނޑުބޭރުގައި ޖަހާފައިހުރި ބިލް ބޯޑުތައް އާކުރަން ނިންމާފައިވަނީ އެ ޓީމުގެ ފޭން ބޭސްތަކުގެ ނަން ބޭނުންކޮށްގެންނެވެ.

މިއަދު އާސެނަލްއިން ވަނީ އެ ޓީމުގެ ދަނޑު ބޭރުގައި ޖަހާފައިހުރި ބިލް ބޯޑުތައް ބަދަލުކުރާނެ ގޮތް ދައްކާލައިފައެވެ.

މީގެ ކުރިން އެ ސްޓޭޑިއަމްގެ ބޭރުގައި ހުރި ބިލްބޯޑުތަކުގައި ޖަހާފައިހުރީ އެ ޓީމަށް ކުޅުނު ކުރީގެ ކުޅުންތެރިންގެ ފޮޓޯއެވެ.

އެމިރޭޓްސް ސްޓޭޑިއަމް ބޭރުގައި ރާއްޖޭގެ ނަން ޖަހާނީ ރާއްޖޭގެ އާސެނަލް ފޭން ބޭސް ރަމްޒުވާގޮތަށެވެ. އެ ޓީމުން އާންމުކުރި ޑިޒަންގައި ވާގޮތުން ބިލް ބޯޑުގައި ޖަހާފައިވަނީ "އާސެނަލް މޯލްޑިވްސް"އެވެ.

އާސެނަލްގެ ސީއީއޯ ވިނާއީ ބުނީ އާސެނަލްގެ ސްޓޭޑިއަމް ބޭރުގައި ހުރި ބިލް ބޯޑުތައް ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ އެންމެނަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބިލް ބޯޑުތައް ބަދަލުކުރުމުގެ މަސައްކަތް ނިމޭނެކަމަށް ވެސް އޭނާ ބުންޏެވެ.

މީގެކުރިން ރާއްޖޭގެ ނަން ވަނީ ސްޕެއިންގެ މަޝްހޫރު ކުލަބް ސެލްޓާ ވީގޯ ޖާޒީގައި ވެސް ޖަހައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކްން އިނދަޖެހިފައި ވަނިކޮށް އަލުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިސްނަގައިގެން 2020 ވަނަ އަހަރު ސެލްޓަ ވީގޯ ޖާޒީގައި ޖަހާފައިވަނީ ވިޒިޓް މޯލްޑްވިސްއެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ.

comment ކޮމެންޓް