ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުމެއް މި މަހު 19ގައި

ރޮނާލްޑޯއާއި މެސީ --

ފުޓުބޯޅައިގައި މި ޖީލު ދުށް އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމުގައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި، މިފަހުން އާޖެންޓީނާއާއެކު ވޯލްޑް ކަޕުގެ ޓްރޮފީ އުފުލާލި ކެޕްޓަން ލިއޮނެލް މެސީ، ކުލަބު ފެންވަރުގައި ކުރިމަތިލާނެ މެޗެއް ތާވަލުކޮށްފިއެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށް މިދިޔަ 2022 ވަނަ އަހަރުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓުބޯޅަ ކުލަބާ ރޮނާލްޑޯ ގުޅުމުން، ގިނަ ބަޔަކު ގަބޫލުކުރީ ފުޓުބޯޅައިގައި ދެން މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު ނެތްކަމަށެވެ.

އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން، މިޑް ސީޒަންގައި ޕީއެސްޖީން ކުޅެން ރާވާފައިހުރި އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން މެޗެއްގައި ރޮނާލްޑޯގެ އަލް ނަސްރާއި މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީން މެޗެއް ކުޅޭނެއެވެ. މި މެޗު އެންމެފުރަތަމަ ކުޅުމަށް ތާވަލުކުރީ މިދިޔަ ސީޒަނުގެ ތެރޭގައެވެ. އެހެންނަމަވެސް ކޮވިޑުގެ ސަބަބުން ހުރި ގޮންޖެހުންތަކާއެކު މި މެޗު މި ސީޒަނުގެ މިޑް ސީޒަން ބްރޭކުގެ ތެރޭގައި ކުޅުމަށް ތާވަލުކުރީއެވެ.

މި މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު ސައުދީގައެވެ.

މިއީ މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް އަނެއްކާވެސް ބަލާލަން ބޭނުންވާ ފަރާތްތަކަށް ލިބުނު ބޮޑު އުފާވެރިކަމަކަށް ވާނެއެވެ.

މީގެކުރިން މި ދެ ކުޅުންތެރިން 36 ފަހަރަށް ކުރިމަތިލާފައިވެއެވެ. އެއީ މެސީ ސްޕެއިންގެ ބާސެލޯނާއަށް ކުޅުނު ދުވަސްވަރުގައި އަދި ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ޖާޒީގައި ފެނިގެންދިޔަ ދުވަސްވަރެވެ. މެސީ ޕީއެސްޖީއަށް ބަދަލުވިފަހުން މި ދެ ކުޅުންތެރިން އަދި ވާދަކޮށްފައެއް ނުވެއެވެ.

މި 36 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވަނީ ރޮނާލްޑޯ އެ ޓީމަކަށް ކުޅުނު ޓީމުތަކެވެ. އަދި މެސީ ހިމެނޭ ޓީމުތައް ވަނީ 16 ފަހަރަށް މެޗު ކާމިޔާބުކޮށްފައެވެ. ބާކީ ނުވަ މެޗުވީ އެއްވަރެވެ،

އެންމެފަހުން މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިފައި ވަނީ 2020 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގައެވެ. އެ މެޗު މެސީގެ ބާސެލޯނާއާ ދެކޮޅަށްކުޅެ 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޮނާލްޑޯ ކުޅެމުންއައި އިޓަލީގެ ޔުވެންޓަސްއެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ.

comment ކޮމެންޓް