މިނިވަންކަމުގެ ހިޔާވަހިކަން ހޯދުން

މިއީ މި ކޮލަމުގައި މީގެ ކުރީން ވެސް އަޅުގަނޑު ދައްކައިފައި ވާ ވާހަކައެކެވެ. ހާލަތުގެ ގޮތުން، އަނެއްކާވެސް މި ވާހަކަ ތަކުރާރުކޮށް ދެއްކުމުގެ މުހިއްމުކަން ބޮޑު ވެގެން ދައްކައިލަނީއެވެ.

އިންސާނާގެ ނިސްބަތުގައި މިނިވަންކަމަކީ ޠަބީއީ ކަމެކެވެ. ފިޠުރީ ކަމެކެވެ. އަޅުވެތިކަމަށް ނުރުހުންތެރި ވުމާއި، އަޅުވެތިކަމަށް ނަފްރަތު ކުރުމާއި، އަޅުވެތިކަމުގެ ކަސްތޮޅުތައް ދެކެ ބިރު ގަތުމަކީ އިންސާނާގެ ޒަރޫރީ ސިފައެކެވެ. ކީރިތި ޤުރްއާނުން ވެސް އަޅުގަނޑުމެންނަށް މި މަފްހޫމު ނެގެއެވެ. ﷲ ސުބުޙާނަހޫ ވަ ތަޢާލާ އާދަމްގެފާނާއި ޙައްވާގެފާނު ޚަލްޤު ކުރައްވައި، ބަގީޗާގެ ތެރޭގައި ލެއްވުމަށް ފަހު، އެ ދެކަނބަލުންނަށް ޓަކައި އެންމެ ފުރަތަމަ ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ ވެސް މިނިވަންކަމުގެ ކަނޑައެޅުއްވުމެވެ. ޚާއްސަ ކުރެވުނު ވަކި ގަހެއް ފިޔަވައި، ބަގީޗާގެ އެހެން ކޮންމެ ގަހަކުން ފަރީކުޅުއްވައި، ބަގީޗާގެ ތެރޭގައި ހާއުފާވެރިކަމާ އެކު ދިރިއުޅުއްވުމުގެ ފުރިހަމަ މިނިވަންކަން އޮތް ކަމުގެ ކަނޑައެޅުއްވުމެވެ.

މިނިވަންކަމަކީ ތިމާގެ ހިތަށް އައިހައި ބަހެއް ބުނެ އިއްވައި، ތިމާގެ ހިތަށް އެރިހައި ކަމެއް ކޮށް ދައްކައި، ތިމާގެ ހަވާނަފުސުގެ ކޮންމެ ގޮވައިލުމަކައިގެން އާސްމާނަށް އަރައި އުދުހިގެން ދިޔުން ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. އެމީހުންގެ ދީނަކީ ހުޅަނގުގައި ތަޢާރަފު ވެގެން އުޅޭ ލިބަރަލިޒަމާއި ހިޔުމަނިޒަމާއި ޕޮޒިޓިވިޒަމާއި ފެމިނިޒަމް ފަދަ ބާޠިލު ފިކުރުތަކެވެ. ނަމަވެސް މިއީ ކުށް ވިސްނުންތަކެވެ. މިނިވަންކަމުގެ އިންތައް ކޮއްޕަމުން، ފުޅާ ކުރަމުން ދާ ހުޅަނގުގެ ގައުމުތަކުގައި ވެސް، މަޝްހޫރު އެތައް މުފައްކިރުންނެއް މި ދެންނެވި ހަގީގަތަށް އިއުތިރާފު ވެވަޑައިގަންނަވައެވެ. އެގޮތުން، އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށް ވާ ޖޯން ޑެލްބަރގް އެކްޓަން ވިދާޅުވާ ގޮތުގައި، "މިނިވަންކަން ނުވަތަ ހުއްރިއްޔަތަކީ ތިމާގެ ހިތަށް އެރިހައި ކަމެއް ކުރުމުގެ ބާރާއި އިޚްތިޔާރު އޮތުމެއް ނޫނެވެ. މިނިވަންކަމަކީ އެއީ ހެޔޮ ގޮތް މަތީން، ހެޔޮކަމުގެ މަގުގައި ތިމާ ކުރާން ޖެހޭ ކަންކަން ކުރުމުގެ ހައްގާއި އިޚްތިޔާރު ކަށަވަރު ވެފައި އޮތުމެވެ."

އިސްލާމީ ސިޔާގެއްގައި މި މަފްހޫމު އިތުރަށް ފުރިހަމަ ވެގެން ދެއެވެ. އިސްލާމް ދީނުގެ މަތިވެރި ފިކުރުގައި، މިނިވަންކަމަކީ ﷲ ސުބުޙާނަހޫ ވަ ތަޢާލާ ދެއްކެވި ހެޔޮ މަގުގައި އިންސާނާ ކުރާ ދަތުރުގައި އިބްލީސާއި އޭނާގެ ޝައިޠާނިއްޔަތުގެ އަޅުވެތިކަމުން، އަދި ހަވާނަފުސާއި ފާސިޤުކަމާއި ފަސާދަ އާއި އަނިޔާވެރިކަމުގެ އެންމެހައި ބާރުތަކުގެ އަޅުވެތިކަމުން އިންސާނާ ނެއްޓި، އޭނާގެ ހެޔޮ ބުއްދި އާއި ހެޔޮ ޟަމީރު އެހީގައި ޝަރަފުވެރި އަދި ކަރާމާތްތެރި ގޮތެއްގައި ދިރިއުޅުން ބައްޓަން ކޮށް ބިނާ ކުރުމުގެ ހައްގާއި ބާރާއި އިޚްތިޔާރު އޭނާއަށް ފުރިހަމަ ގޮތުގައި ލިބިފައި އޮންނަ އޮތުމެވެ.

މިނިވަންކަމުގެ ވައްތަރުތައް ބަހައިލެވޭނޭ އެއް ގޮތަކީ، ކޮންމެ އިންސާނަކަށް ނުވަތަ ކޮންމެ ފަރުދަކަށް ތަބީއީ ގޮތުން ހައްގު ވެގެން ވާ ފަރުދީ މިނިވަންކަމަކީ އެއް ވައްތަރު ކަމަށް، އަދި މުޖުތަމަޢަކަށް ނުވަތަ ގައުމަކަށް ސިޔާދަތާއި މުސްތަގިއްލުކަމުގެ އަސާސްތަކުގެ މަތީގައި ލިބިގެން ދާ މިނިވަންކަމަކީ އެއް ވައްތަރު ކަމަށް ބެލުމެވެ. މީގެ ތެރެއިން، ޤައުމުތަކުގެ މިނިވަންކަމާ މެދު ބައެއް ވާހަކަތައް ދައްކައިލަމާ ހިންގަވާށެވެ!

ދަތުރެއް

ހަގީގީ މިނިވަންކަމަކީ ޕިކްނިކެއް ނޫނެވެ. އެއީ ނާޗަރަންގީގެ މެހެފިލެއް ނޫނެވެ. ކުޅިމަޖާގެ މަސްކަރެއް ނޫނެވެ. ބެރުދުންމާރި ތާޅަފިލީގެ ޖުލޫސެއް ނޫނެވެ. މިނިވަންކަމަކީ ދަތުރެކެވެ. ގަދަ ކަނޑެއްގައި، ގިނަ ފަހަރު އޮޔާއި ވަޔާ ދެކޮޅަށް، ބަނޑަށް ދަމައިލައިފައި އޮންނަ ބޯ ކަޅުވިލާތަކުން ވެހޭ ވާރެއާއި ޖަހާ ގުގުރިއާއި ވިދާ ވިދުވަރުގެ ތެރޭގައި ކުރާން ޖެހޭ ދަތުރެކެވެ. ޚާއްސަކޮށް، އަދަދު މަދު، ބަލިކަށި، ފަގީރު ސައްތައިން ސައްތަ މުސްލިމު ގައުމަކަށް މި ޒަމާނުގައި ކަން އޮންނާނީ މިހެންނެވެ.

އަޅުގަނޑު މި ދަންނަވަނީ މިނިވަންކަމުގެ މުނާސަބަތު ފާހަގަ ނުކުރާށެކޭ ނޫނެވެ. އެއީ ފާހަގަ ކުރާން ޖެހޭ މުނާސަބަތެކެވެ. މިނިވަންކަމުގެ ހަގީގީ މަފްހޫމާއި މަތިވެރިކަމާއި ހައިބަތު ގެއްލިނުދާނެ ފަދަ ގޮތެއްގެ މަތީން، މިނިވަންކަމުގެ މުނާސަބަތު ފާހަގަ ކުރާން ވާނެއެވެ. އެ ދުވަހުގެ އަސަރުތަކާއި ކުލަތައް، އަޅުގަނޑުމެންގެ ޅަދަރީންނަށް ދައްކުވައިދޭން ވާނެއެވެ. ނަމަވެސް، މިނިވަންކަމަކީ ކުޅިމަޖާގަނޑެއްކަމުގެ ފިކުރު ޅަދަރީންގެ ހިތްތަކުގައި އުފެދޭ ގޮތަށް މިނިވަން ދުވަސް ފާހަގަ ކުރުން ފަދަ ކަންކަމަކީ ގޯހެއްކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

ގައުމެއް ނުވަތަ ދައުލަތެއްގެ ނިސްބަތުގައި މިނިވަންކަން ފުރިހަމަ ވަނީ ބޮޑުވަޒީރު ނުވަތަ ރަސްގެފާނު ނުވަތަ ރައީސުލްޖުމްހޫރިއްޔާ، އިސްތިއުމާރީ ބާރުގެ ވެރީންނާ އެކު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާ ހިސާބަކުން ނޫނެވެ. އެއީ ގައުމެއްގެ މިނިވަންކަމުގެ ދަތުރު ފެށޭ ހިސާބެވެ. މިނިވަންކަން ފުރިހަމަ ކުރުމުގެ، މިނިވަންކަމުގެ ތަސްވީރުގައި ކުލަ ޖެއްސުމުގެ މަސައްކަތް ފެށޭނީ އޭގެ ފަހުންނެވެ.

ގައުމެއްގެ މިނިވަންކަން ފުރިހަމަ ވެގެން ދާނީ އެ މިނިވަންކަމުގެ އަސާސީ އުންސުރުތައް ފުރިހަމަ ވުމުންނެވެ. އެ އުންސުރުތައް ރައްކައުތެރިކަމާ އެކު ދެމިހުރުމަކީ މިނިވަންކަން ފުރިހަމަ ވެ ދެމިއޮތުމުގެ އަސާސީ ޝަރުތެކެވެ. އަޅުގަނޑުގެ ނަޒަރުގައި، މިނިވަންކަމުގެ މި ދަންނަވާ އަސާސީ އުންސުރުތައް ފަސް ކަމެއްގެ ގޮތުގައި ގުނައިލެވިދާނެއެވެ. ފުރަތަމަ އުންސުރަކީ ސިޔާސީ މިނިވަންކަމެވެ. ދެވަނަ އުންސުރަކީ ފިކުރީ މިނިވަންކަމެވެ. ތިންވަނަ އުންސުރަކީ ސަގާފީ މިނިވަންކަމެވެ. ހަތަރުވަނަ އުންސުރަކީ އިގުތިސާދީ މިނިވަންކަމެވެ. ފަސްވަނަ އުންސުރަކީ ގައުމުގެ ރައްޔިތުންނަށް ފުރިހަމަ މާނައިގައި މިނިވަންކަމުގެ މޭވާ ލިބިގެން ވުމާއި އިޖުތިމާއީ އަދާލަތު އެ ތަނެއްގައި ގާއިމު ކުރެވިފައި އޮތުމެވެ.

ސިޔާސީ މިނިވަންކަން

ސިޔާސީ މިނިވަންކަމަކީ، މުސްތަގިއްލު ދައުލަތެއްގައި ފުރިހަމަ ވުން ލާޒިމު ހަތަރު ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ދައުލަތެއްގެ އެއް ރުކުނަކީ އެ ދައުލަތުގެ ރައްޔިތުންނެވެ. ދެވަނަ ރުކުނަކީ އެ ދައުލަތުގެ ޖުޣުރާފީ ސަރަހައްދެވެ. ތިންވަނަ ރުކުނަކީ ޝަރުއިއްޔަތު ލިބިގެން ވާ ސަރުކާރެވެ. ހަތަރުވަނަ ރުކުނަކީ ސިޔާސީ މިނިވަންކަމެވެ.

ސިޔާސީ މިނިވަންކަމަކީ ދައުލަތުގެ އިސްތިގުލާލާއި ސިޔާދަތު ކަށަވަރު ވެގެން ވާ ހާލު، އެ ދައުލަތެއްގެ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ނަންމަތީގައި، ރައްޔިތުން ގަބޫލު ކުރާ ދީނާއި ފަލްސަފާތަކާއި އަގުތަކާ އެއްގޮތަށް، އެ ދައުލަތެއްގެ ދާޚިލީ އެންމެހައި ކަންކަން ހިންގުމާއި، އެ ދައުލަތެއްގެ ޚާރިޖީ އެންމެހައި ގުޅުންތަކާއި މުއާމަލާތުތައް ވެސް މި ދެންނެވި ބީދައިން ކުރިޔަށް ގެންދިޔުމުގެ ހައްގާއި ބާރާއި އިޚްތިޔާރު ފުރިހަމަ މާނައިގައި އެ ދައުލަތަކަށް ލިބިފައި އޮތުމެވެ. އަދި މި ކަންކަމުގައި ބޭރުގެ އެއްވެސް ފަރާތެއް ނުވަތަ އެހެން ދައުލަތެއްގެ އަމުރާއި ކިޔަމަނުގެ ދަށުގައި ނުވަތަ ސިޔާދަތީ އަދި ޤާނޫނީ އިޚްތިޞާޞުގެ ދަށުގައި އެއްވެސް ސިފައެއްގައި، އެއްވެސް މިންވަރަކަށ އެ ދައުލަތް ނެތުމެވެ.

ފިކުރީ މިނިވަންކަން

މިއަދު އަޅުގަނޑުމެންގެ ގައުމަކީ ފިކުރީ ގޮތުން މިނިވަން ގައުމެއްތޯ، މި ސުވާލަކީ ކޮންމެ ދިވެއްސަކު ވެސް ކޮށްލާން ޖެހިފައި ވާ ސުވާލެކެވެ.

އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އަޅުގަނޑުމެންނަކީ ހަގީގީ މާނައިގައި އިންސާނާ މިނިވަން ކޮށްދޭ ދީނުގެ އަހުލުވެރީންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ދަރީން ކިޔަވަނީ އިލާހަކު ވޮޑިގެން ވާ ކަން ގަބޫލު ނުކުރާ މީހުން "މަކުނު ތިއަރީގެ" މައްޗަށް ލިޔެފައި ހުރި ފޮތްތަކުންނެވެ. ދުނިޔެ ދުށް އެންމެ ބޮޑު އަނިޔާ އަކީ އެޑޮލްފް ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި "ހޮލޮކޯސްޓް" ކަމަށް ބުނާ ފޮތްތަކުންނެވެ. ސައެންސާއި ފަލްސަފާ އާއި ބޭސްވެރިކަމުގެ އަސްލާއި ފަސްލު އޮތީ ޔޫނާނާއި ޔޫރަޕުގައި ކަމަށް ބުނެ ކަނޑައެޅިގެން ތާރީޚު އޮޅުވައިލާ ފޮތްތަކުންނެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއޭ ކިޔައިގެން ހުޅަނގުން ފަތުރާ ޕްރޮޕެގެންޑާ ރަންގިރިޓީ ކޮށްދޭ ފޮތްތަކުންނެވެ.

މިނިވަންކަމަށް ފަންސާސް އަހަރު ފުރިގެން ދިޔަ އިރު، އެއްވެސް ދާއިރާއަކުން ދުނިޔޭގެ ފެންވަރުގައި ތައުލީމު ދެވޭ ޔުނިވަރުސިޓީއެއް މި ގައުމުގައި ނެތެވެ. އަމިއްލަ ކުރިއެރުމާއި ތަރައްގީއަށް ޓަކައި ކުރާން ޖެހޭ ދިރާސާތައް ކުރެވޭ ވަރުގެ ދިރާސާ މަރުކަޒެއް ނުވަތަ ރަސްދުޚާނާއެއް ފަދަ އެއްވެސް ތަނެއް ނެތެވެ. ޕޮޒިޓިވިޒަމާއި އިލާހަކު ގަބޫލު ނުކުރުމުގެ ބާތިލު ފަލްސަފާގެ މައްޗަށް ބިނާ ކޮށްފައި ވާ ހުޅަނގުގެ މުގައްރަރެއްގެ މައްޗަށް އަޅުގަނޑުމެންގެ ދަރީންގެ ސާނަވީ އަދި މަތީ ސާނަވީ ތައުލީމުގެ ނިޒާމު ބިނާ ކުރެވިފައި އޮތް އިރު، އެ ކުދީން ހަދާ އިމްތިހާނުތައް ގެންނަނީ އިނގިރޭސި ވިލާތުންނެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ޕައުންޑެއް އެކަމަށް ޚަރަދު ކޮށްގެންނެވެ.

އަމިއްލަ ބަހުން، އަމިއްލަ އަގީދާ އާއި އަމިއްލަ އަގުތަކާ އެއްގޮތަށް ތައުލީމާއި އިމްތިހާނުގެ ނިޒާމެއް ތަރައްގީ ކޮށްފި ނަމަ، އަޅުގަނޑުމެންގެ ދަރީންނަށް ބޭރުގެ ޔުނިވަރުސިޓީއަކުން ފުރުސަތު ނުލިބިދާނެޔޭ ބުނެ ވާހަކަ ދައްކާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. އިލްމީ ގޮތުންނާއި ފިކުރީ ގޮތުން އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދު ވުމުން، ދުނިޔެ ހަގީގަތުގައި އަޅުގަނޑުމެންނަށް ކުރާނީ އިތުރު ގަދަރާއި އިހުތިރާމު ކަމެއް އެމީހުން ނުދަނެއެވެ. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފަޚުރުވެރި ވެވޭނީ، އަޅުގަނޑުމެންގެ ދަރީންނަށް އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ޓަކައި އަޅުގަނޑުމެންގެ އަމިއްލަ ޔުނިވަރުސިޓީތަކަށް ދެވޭ ދުވަހެއް އައިސްގެން ކަމެއް އެމީހުން ނުދަނެއެވެ.

މިއަދުގެ ދުނިޔޭގައި، ޚާއްސަކޮށް އިސްލާމީ ޤައުމުތަކަށް އޮތް ގޮތަކީ، ފިކުރީ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި ބޮޑެތި ޤުރުބާނީތަކެއް ވުމެވެ. ކަށީން ހިތްވަރު ނެރެގެން ހިންމަތް ކުރުމެވެ. ފިކުރީ މިނިވަންކަމުގެ ގަސް ދިރުވައި އާލާ ކުރެވޭނީ ޤައުމުގެ ލެއިން ފެން ދީގެންނެވެ.

މިއަދުގެ ދުނިޔޭގައި، ޚާއްސަކޮށް އިސްލާމީ ގައުމުތަކާ ދެކޮޅަށް ހުޅަނގުން ގެންގުޅެނީ ފިކުރީގޮތުން އަޅުވެތި ކުރުމުގެ ސިޔާސަތެވެ. ހަށިގަނޑު ހުރި ގޮތަށް ހުއްޓައި، ސިކުނޑި އަތުލައިގަނެ އަމިއްލަ ކޮށްލުމުގެ ސިޔާސަތެވެ. މިއީ ހުޅަނގުގެ ގައުމުތަކުން އެހެން ނަސްލުތަކާއި ދީންތަކުގެ މީހުންނާ ދެކޮޅަށް ވަރަށް ކުރީއްސުރެ ބޭނުން ކުރަމުން އަންނަ ހަތިޔާރެކެވެ. މި ހަތިޔާރު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރި އެއް ބަޔަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދޮން މީހުންނެވެ. ކަޅު މީހުންނާ ދެކޮޅަށެވެ. އެ ގައުމުގައި ކަޅުމީހުން އަޅުވެތި ކޮށްގެން އުޅުނު ޒަމާނުގެ ރިކޯޑުތަކުން އެނގޭ ގޮތުގައި، އެމެރިކާގެ ވެސްޓް ވަރޖީނިއާގައި އުޅުނު ކަޅު އަޅުން މާބޮޑަށް "ސިޔާސަ ވެގެން" ދިޔުމާ ގުޅިގެން އެމީހުން މައިތިރި ކުރާނެ ގޮތަކާ މެދު ލަފާ ހޯދުމަށް ޓަކައި ވެސްޓް ވަރޖީނިއާގެ ދޮން ސާހިބުން ވެސްޓް އިންޑީޒަށް ނިސްބަތް ވާ ވިލީ ލިންޗް ކިޔާ މާ ވަރުގަދަ މީހެއްގެ މަޝްވަރާ ހޯދިއެވެ.

މީނާ އަކީ ކަޅު އެތައް އަޅުންނެއް ގެންގުޅުނު، އަދި އަޅުން މައިތިރި ކޮށްގެން ގެންގުޅުމަށް ވަރަށް ކުޅަދާނަ ކަމަށް މަޝްހޫރު މީހެކެވެ. ލިންޗް ވެސްޓް ވަރޖީނިއާއަށް ގޮސް ދިން މަޝްވަރާގައި ބުނެފައި ވަނީ ކަޅު އަޅުން ޖިސްމާނީ ގޮތުން ވަރުގަދަކޮށް ބެއިތިއްބުމަށާއި، އެކަމަކު އެމީހުންގެ ހިތްތަކަށް ބިރުވެރިކަމާއި ނިކަމެތިކަމުގެ ޝުއޫރު ވައްދައި، ނަފްސާނީ ގޮތުން ބަލިކަށި ކޮށް، މައްޗަށް ކޮންމެ ކަމެއްގައި މެ ދޮން ސާހިބުންނަށް ރޭރު ވާ ބައެއްގެ ގޮތުގައި ބެހެއްޓުމަށެވެ. އޭނާގެ މަންހަޖަކީ ކޮބައިކަން ޚުލާސާ ޢިބާރާތަކުން ބުނެދޭން އޭނާ ބޭނުން ކުރި ޖުމުލަ އަކީ "ކީޕް ދަ ބޮޑީ، ޓޭކް ދަ މައިންޑް" މިހެންނެވެ. މާނައަކީ، ހަށިގަނޑު ބަހައްޓައިފައި ސިކުނޑި އަތުލައިގަންނާށޭ މިއެވެ.

މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހާލަތާ މެދު ވިސްނައިލުމުން، ވިލީ ލިންޗުގެ މަންހަޖުގެ މަތީން ހަނދާން ކުރާން ޖެހެއެވެ. އަޅުގަނޑުމެންގެ ހަށިގަނޑުތައް ދިވެއްސެވެ. އެކަމަކު އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅަނގު ވެއްޖެއެވެ. އެ ސިކުނޑިތަކުން އިސްލާމް ދީނާއި، ދިވެހި ޘަޤާފަތާއި، ދިވެހިވަންތަކަން ފޮހެވެމުން ދަނީއެވެ. މުޅި ޤައުމުގައި ފެތުރެމުން ދަނީ ނިއޯ-ކޮލޯނިއަލިޒަމްގެ ވިހަތަކެވެ.

ސަގާފީ މިނިވަންކަން

ސަގާފީ މިނިވަންކަމާ ބެހޭގޮތުން ވެސް މާ ދިގުކޮށް ވާހަކަ ނުދައްކައި، އެންމެ މިސާލެއް ނަގަމާ ހިންގަވާށެވެ.

ދިވެހި ބަހަކީ ދިވެހީންގެ ސަގާފަތުގެ އެންމެ އަސާސީ އެއް އުންސުރެވެ. ބަހަވީ ގޮތުން ބަލާ އިރު، ދިވެހި ބަހަކީ އެ ބަހުގެ އަސްލުތަކާއި އަސާސްތަކާއި އަސާސީ އޮނިގަނޑު ނުހަނު ވަރުގަދަ ބަހެކެވެ. ރީތި އަދި މުއްސަނދި ބަހެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ބަހެކެވެ. ދިވެހި ބަހާ މެދު ވިސްނައިލާ އިރު، އަޅުގަނޑުމެން ކުރާން ޖެހޭ އޮތީ މައިގަނޑު ހަތަރު މަސައްކަތެކެވެ. އެއް މަސައްކަތަކީ ދިވެހި ބަހުގެ ގަވާއިދު އިލްމީ ހަމަތަކާ އެއްގޮތަށް އަލުން ހޯދައި، ބަހުގެ ގަވާއިދުގެ އިލްމު ފުރިހަމަ ކުރުމެވެ. ދެވަނަ މަސައްކަތަކީ ދިވެހި ބަހަށް "ކްރިއޯލް" ސިފަތައް ކޮންމެވެސް ވަރަކަށް ވަދެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ތިންވަނަ މަސައްކަތަކީ ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދި ކުރުމެވެ. ހަތަރުވަނަ މަސައްކަތަކީ ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އަރުވައި ތަރައްޤީ ކުރުމެވެ.

މި ދެންނެވި ކަންކަމީ ނުހަނު ފަސޭހައިން، މާބޮޑު ޚަރަދުތަކެއް ނުކޮށް، ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ބަހާ މެދު ކަން ކުރަނީ ކޮން ގޮތަކަށްތޯ ބަލައި ވިސްނައިލުމުން، މި ގައުމާއި މި ގައުމުގެ ޝަޚްސިއްޔަތަށް ލޯބި ކުރާ ކޮންމެ ދަރިއެއްގެ ލޮލުން ކަރުނަ އަންނާން ޖެހޭ މަންޒަރުތައް ނޫނީ، އެއްވެސް ދިމާޔަކުން ނުފެނެއެވެ.

ދިވެހި ހުކޫމަތުގެ އިދާރާތަކާއި މުއައްސަސާތަކަށް މަގާމުތަކަށް ގިނަ ފަހަރު ނަން ކިޔަނީ އިނގިރޭސި ބަހުންނެވެ. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހި ބަހުގެ ދަރަޖަ އަކީ ވަރަށް އިހާނެތިކޮށް ހިތޭ ދެވަނަ ދަރަޖައެކެވެ. ގިނަ އަދަދެއްގެ ދިވެހި މައިންބަފައިން އެމީހުންގެ ދަރީންނަށް ދިވެހި ބަސް ދަސް ކޮށްދޭން ބޭނުން ނުވެ، ދަރީންނާ އިނގިރޭސި ބަހުން މުއާމަލާތު ކުރާ އިރު، އެއީ ގައުމީ މައްސަލައެއް ކަމަށް މަދު މީހަކު ނޫނީ ނުދެކެއެވެ. ދިވެހި ނޫސްވެރީން ދިވެހި ބަހަށް ހަދަނީ ހަދާނެ ގޮތެކެވެ.

ހަތަރު ލައްކައެއްހައި މީހުން ތިބި ގައުމެއްގައި، އަމިއްލަ ބަހެއް އޮވެ، އެ ގައުމުގެ ރައްޔިތުންގެ ހިކުމަތާއި މިންނަތުން އެ ބައެއްގެ ބަސް ތަރައްގީ ކޮށް ކުރިއަރުވައިފި ނަމަ، ދުނިޔޭގެ ކުރިމަތީގައި އެ ސާބިތު ކޮށްދެވުނީ އެ ގައުމަކީ އާދަޔާ ޚިލާފު ގާބިލިއްޔަތެއްގެ ވެރި ގައުމެއް ކަމެވެ. އެ ބަސް އެއްލައިލައި، ބިދޭސީ ބަހެއްގެ ތައްޕާހަށް ވެއްޓިގަތުމުން، މުޅި ދުނިޔޭގެ ކުރިމަތީގައި އެ ސާބިތު ކޮށްދެވުނީ، އެ ބައެއްގެ އުރައްޕެއް ނެތް ކަމެވެ. އެ ބައެއްގެ ސިކުނޑިތައް އަޅުވެތި ވެފައި ވާ މިންވަރެވެ. ގައުމެއްގެ ގޮތުގައި، އެ ގައުމަކީ ދިރުމެއް، ވިންދެއް އަމުދުން ނެތް ގައުމެއް ކަމެވެ. އަމިއްލަވަންތަކަމަށް ކުފޫ ހަމަ ނުވާ ގައުމެއް ކަމެވެ.

މިހާރު ދިވެހި ކުދީން ކުޑައިރުއްސުރެ ނުވަރަފުރައިގެ އަހަރުތައް ނިމިގެން ދާ އިރު ވެސް، ކިޔަނީ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ވާހަކަތަކެވެ. ހަމައެއްނަމައެއް ނެތި ޖިންސީ ފާހިޝް ކަންކަން ކުރާ ވާހަކަތަކާއި، ލާދީނީ ސަގާފަތްތަކާއި ފިކުރުތަކުގެ ވާހަކަތައް ލިޔެފައި ހުންނަ ވާހަކަތަކެވެ. ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު އުއްމީދު ކުރަނީ، ދިވެހި ކުދީން ކިޔާނެ ފެންވަރު ރަނގަޅު ދިވެހި ފޮތްތަކެއް އުފެއްދުމަށް ސަރުކާރުން ޚާއްސަ ބަޖެޓެއް އެކުލަވައިލައްވާނެ ކަމަށެވެ. ދިވެހި ބަހުން، އިސްލާމީ އަގުތަކާ އެއްގޮތަށް ކުޑަކުދީންގެ އެކިއެކި ޓީވީ ޕޮރުގުރާމުތައް ތައްޔާރު ކުރުމަށް ޓަކައި ވެސް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މި ރޮނގުން، ދިވެހި ސަގާފަތާއި، ދިވެހީންގެ ސަގާފީ މިނިވަންކަމާ ބެހޭގޮތުން ދެއްކިދާނެ އެތައް ވާހަކައެއް އަދިވެސް ހުރީއެވެ. ދިވެހި ކެއުމުގެ ދާއިރާއަށް ބެލިޔަސް، މިޔުޒިކުގެ ދާއިރާޔަށް ބެލިޔަސް، ކުރެހުމުގެ ދާއިރާޔަށް ބެލިޔަސް، އަތްތެރިމަސައްކަތްތަކުގެ ފަންނުތަކަށް ބެލިޔަސް، އިމާރާތް ކުރުމުގެ ފަންނަށް ބެލިޔަސް، އަޅުގަނޑުމެންގެ ގައުމުން ފެންނަނީ މާޔޫސް ވާން ޖެހޭ ފަދަ މަންޒަރުތަކެވެ.

އިގުތިސާދީ މިނިވަންކަން

އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދު ވެވިފައި ނެތް ގައުމަކީ ވެސް ފުރިހަމަ މާނައިގައި މިނިވަން ގައުމަކަށް ނުވާނެއެވެ. ބޭރަށް ދަރަނިވެރި ވެފައި ވާ، ބޭރުން އެތެރެ ކުރާ ތަކެއްޗަށް ރޭރު ވެގެން އުޅޭ، އަމިއްލަ އުފެއްދުންތެރިކަން އިންތިހާޔަށް ދަށް އެއްވެސް ގައުމަކީ ހަގީގަތުގައި މިނިވަން ގައުމެއް ނޫނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތަށް ބަލައިލުމުން ވެސް ފެންނަނީ ހިތާމަ ކުރާން ޖެހޭ ފަދަ މަންޒަރެކެވެ. ރާއްޖޭގެ ބިމާއި ކަނޑުތަކުގައި ހުރި ވަސީލަތްތަކުގެ ބަޔަކުން ބައެއް ވެސް އިސްތިއުމާލެއް ނުކުރެވެއެވެ. އެއްމެ މިސާލު ދަންނަވައިލާނަމެވެ. ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ހަމަޔަށް، ރާއްޖޭގެ އެއްހާސް އެތައް ރަށެއްގައި ހުރި އެތައް ލައްކަ ދިވެހި ރުކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަން އަޅުގަނޑުމެން ބޭނުން ކުރަނީ ކިހިނެއްތޯއެވެ؟ އެ ރުއްތަކުގެ މުލުން ފެށިގެން، ކުރުނބާ އާއި ކާށްޓާއި ގަބުޅިއާ ހަމަޔަށް، ބޭނުން ނުކުރެވޭ އެކައްޗެއް ވެސް ރުކުގައި ނުހުރެޔޭ ދިވެހި މުސްކުޅީން ބުނެއުޅުނެވެ. އެކަމަކު އޭގެ ތެރެއިން އަޅުގަނޑުމެން ބޭނުން ކުރަނީ ކޯއްޗެއްތޯއެވެ؟ އެ ރުއްތަކުގެ ކާށިން ތެޔޮ ހިޔާ ނަމަ، އެއީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ސިނާއަތަކަށް ނުހެދޭނެ ބާވައެވެ! އެ ރުއްތަކުގެ ކާށިން ކިރު އުފައްދައިގެން، އެ ކިރު ބަންދު ކޮށްގެން ބޭނުން ކުރާ ނަމަ، ނުވަތަ މުޅި ގައުމަށް ފުދޭ ވަރަށް ގައުމުގައި ވިއްކާ ނަމަ، އެ ސަލާމަތް ކުރެވުނީ ކިތައް މިލިއަން ރުފިޔާ ތޯއެވެ؟

ދަތް ކޮއްޓާ އިލޮށި އުފައްދަނީ ސަންޕާއޮނުންނެވެ. އޮނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރަނގަޅަށް ހެދޭ އެއްޗެކެވެ. އޮނަކީ ވެސް ދަތް ކޮއްޓާ އިލޮށީގެ އިތުރުން، މިޔުޒިކު ކުޅޭ ބައެއް އާލާތްތައް ފަދަ އެތައް އެއްޗެއް އުފައްދާން ދުނިޔޭގައި ބޭނުން ކުރާ އެއްޗެކެވެ. އެކަމަކު ދިވެހިރާއްޖޭގައި އޮނު ހެއްދި ރަށްރަށުން އޮނު ހުސް ވެ، އެއްވެސް އޮނު ފީންޏެއް ނުފެންނަ ހިސާބަށް ގޮސްފައި ވާ އިރު، އެއްކަލަ ދަތް ކޮއްޓާ އިލޮށި ވެސް މިހާރު ރާއްޖެ ގެންނަނީ ބޭރުންނެވެ.

މި ދެންނެވި ދަރަޖަޔަށް ބޭރުގެ ތަކެއްޗަށް ރޭރު ވެފައި ދިވެހި ގައުމު އޮތް އިރު، ގައުމުގެ ދަރަނި އެހައި ބޮޑެވެ. ގައުމުގެ ވަސީލަތްތަކާއި ފައިސާގެ އިސްރާފު ކުރެވެނީ ދެކޭ މީހުން އަޖާއިބު ވާ މިންވަރަށެވެ. ސަރުކާރުގެ ސައިޒު، ގައުމުގެ އިގުތިސާދަށް ނުކަތާހައި ބޮޑެވެ. މާލޭގެ ބިންވެރީން ކުރެ އެތައް ބަޔަކު، މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ މުސާރަ އެކީގައި ކުއްޔަށް ނަގައިގެން، އެ ފައިސާގެ ބޮޑު ބައެއް އޮސްޓްރޭލިޔާ އާއި މެލޭޝިޔާ އާއި އިނގިރޭސި ވިލާތް ފަދަ ތަންތަނުގައި އެމީހުން ދިރިއުޅޭ ޕޮޝް ދިރިއުޅުމަށް ޓަކައި ގައުމުން ބޭރަށް ޕަންޕު ކުރާ އިރު، އެކަން ހުއްޓުވާނެ މީހަކު ހުރި ކަމަކަށެއް، ހުއްޓުވޭނެ ގޮތެއް އޮތް ކަމަކަށެއް ނުވެއެވެ. ސަރުކާރަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް، ދިރިއުޅޭން ދެވުނު ބަންޑާރަ ގޯތިތަކުގައި މިލިއަން ރުފިޔާގެ ވިޔަފާރި އިމާރާތްތައް ބިނާ ކޮށްގެން، އެ ވިޔަފާރިތަކުން މިލިއަން ރުފިޔާގެ ފައިދާ ހޯދައިގެން، ސަރުކާރަށް ދާދި ކުޑަކުޑަ އެއްޗެއް ދީގެން އެތައް ހާސް ބަޔަކު އުޅޭ އިރު، އެކަމާ ދެކޮޅަށް ކުރެވުނު، ކުރެވޭ އެއްވެސް ކަމެއް ނެތެވެ. މުޅި ގައުމުގެ އިގުތިސާދު، އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެ، އަޅުގަނޑުމެންގެ އަތްތަކުން، އެންމެ ސިނާއަތެއްގެ މައްޗަށް، އެންމެ ތަނބެއްގެ މައްޗަށް އުފުލައި ދަމައިލާ އިރު، އެ ސިނާއަތަކީ އަޅުގަނޑުމެންގެ ކޮންޓްރޯލުގެ ދަށުގައި ބާއްވާން އެންމެ އުނދަގޫ ސިނާއަތް ކަން ހަނދާނެއް ނެތެވެ. މާދަމާ ވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ތަނބު ބިންދައިގެން ގޮސްފި ނަމަ، ދިވެހި އިގުތިސާދު އިނދަ ޖެހި، މުޅި ގައުމު އިގުތިސާދީ އަނދަވަޅަކަށް ވެއްޓޭނެކަން ހަނދާނެއް ނެތެވެ.

ފަރުދީ މިނިވަންކަމާއި އަދާލަތު

ގައުމެއްގެ މިނިވަންކަން ފުރިހަމަ ވަނީ، ގައުމުގެ ރައްޔިތުންނަށް ފުރިހަމަ މާނައިގައި މިނިވަންކަމުގެ މޭވާ ލިބި، އިޖުތިމާއީ އަދާލަތު އެ ތަނެއްގައި ގާއިމު ކުރެވިފައި އޮތުމެވެ. ރައްޔިތުންނަކީ ހެޔޮގޮތުގައި ދެވޭ، އަދި ހެޔޮގޮތުގައި ލިބިގަނެވޭ މިނިވަންކަމެއްގެ ހިޔަލުގައި، މިނިވަންކަމާ އެކު ދިރިއުޅޭ ރައްޔިތުންތަކަކަށް ވެގެންނެވެ. ނުބައި ބާރުތަކުގެ އަޅުވެތިކަމުން ރައްޔިތުން މިނިވަން ވެގެންނެވެ.

ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން، ރައްޔިތުންނަށް ވަރަށް ބޮޑު މިނިވަންކަމެއް އޮތް ތަނެކެވެ.

ނަމަވެސް ފިކުރީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހީންނަކީ މިނިވަނުންނޭ ބުނެވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނެއެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ހަށިގަނޑުތަކެއްގައި ފަރަންޖީ ސިކުނޑިތަކެއް ފައްކާ ކުރެވެމުން ދާ މަންޒަރެވެ. އިގުތިސާދީ ގޮތުން ބަލާ އިރު، ދޮޅަހަކަށް މަހުޖަނުންގެ މުށުތެރޭގައި ގައުމުގެ މުއްސަނދިކަން އޮތް އިރު، ގިނަ ރައްޔިތުންތަކެއް ދިރިއުޅޭން މަޖުބޫރު ވެފައި ވަނީ ލިބޭ މުސާރަ އެއްކޮށް، މާލޭގެ ބިންވެރީންނަށް ދީގެން، މާލީ އަޅުވެތިކަމެއްގައެވެ. ނުހަނު ބޮޑު މިންވަރެއްގެ ރިބާ ދައްކައިގެން، އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ނޫން ގޮތަކަށް އަމިއްލަ ގެދޮރެއް ހޯދޭނެ ގޮތެއް ނެތަތީ، ގެދޮރު ނެތް އާދައިގެ ރައްޔިތަކަށް ގެދޮރު ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ފައިސާ ހޯދުމަށް ޓަކައި ހަރާމެއް ހަލާލެއް ނުބަލައި، ރިބާ އާއި ވައްކަމާއި ޓެކުން ފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުން އާއްމު ވެގެން ގޮސްފައި ވުމަކީ އަޅުވެތިކަމުގެ އެންމެ ދަށު އެއް ދަރަޖައެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންނަށް މިނިވަންކަމުގެ މޭވާ އާއި، އިޖުތިމާއީ އަދާލަތު ފޯރު ކޮށްދިނުމުގެ މަސައްކަތް އަދި އޮތީ ވަރަށް ޅަފަތުގެ ހަރުފަތެއްގައެވެ.

މިއީ މިއަދު ދިވެހީން ވިސްނާން ޖެހޭ ކަންތައްތަކެވެ. މި ކަންތައްތަކާ މެދު މިއަދު އަޅުގަނޑުމެން ނުވިސްނައިފި ނަމަ، މާދަމާ އަޅުގަނޑުމެންގެ މިނިވަންކަމެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ދަރީން ވާނީ އަނެއްކާވެސް އަޅުވެތިކަމުގެ ހިލިހިލާތަކެއްގެ ކަސްތޮޅުގައި ތިބޭ ބަޔަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް