ޔުނައިޓެޑު ރަނގަޅު ފޯމެއްގައި، ގަދަ ތިނެއްގެ އުންމީދު ބޮޑުކޮށްފި

ޔުނައިޓެޑާއި ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގައި މިފަހުން ޔުނައިޓެޑުން ރަނގަޅު ފޯމެއްގައި އޮވެ، މެޗުތަކުން ފުރިހަމަ ކާމިޔާބީއެއް ހޯދައި، ލީގު ތާވަލުގެ ގަދަ ތިނެއްގެ އުންމީދު ބޮޑުކޮށްފިއެވެ.

ލީގު ތާވަލަށް ބަލާލާއިރު އެއްވަނައިގައި 17 މެޗުން 44 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ އޮތީ 16 މެޗުން 36 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ނިއުކާސަލްއާއި ހަތަރުވަނައިގައި އޮތް މެންޗަސްޓާ ޔުނައިޓެޑަށް 35 ޕޮއިންޓު ލިބިފައިވާއިރު، ޔުނައިޓެޑުން ކުޅެފައިވަނީ 17 މެޗެވެ. ނިއުކާސަލްއިން އެއް މެޗު އިތުރަށް ކުޅެފައިވެއެވެ.

ޔުނައިޓެޑަށް ލީގުގައި ކުރިއަށްދެން އޮތީ މުހިންމު މެޗެކެވެ. އެއީ ދެވަނައިގައި އޮތް މެންޗަސްޓާ ސިޓީއާ ދެކޮޅަށް މި މަހުގެ 14 ވަނަ ދުވަހު ކުޅޭ މެޗެވެ. ސިޓީއަށް އެ މެޗަށް ނުކުންނަ އިރު ހަމަޖެހިލެވެން އޮތީ ބުރާސްފަތި ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދައިގެންނެވެ.

ސިޓީއާ ދެކޮޅަށް ނުކުންނަ މެޗު ކާމިޔާބު ކޮށްލައިގެން ޔުނައިޓެޑަށް ރަނގަޅު ކުރިއެރުމެއް ހޯދެން އެބައޮތެވެ.

މި ފުރުސަތު އެ ޓީމުން ތަނަވަސްކޮށްފައި މިވަނީ އަންގާރަ ދުވަހުގެރޭ ބޯންމަތުއާ ދެކޮޅަށް ކުޅޭ ފަސޭހަކަމާއެކު މެޗު ކާމިޔާބު ކުރުމުންނެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން މި މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޔުނައިޓެޑުގެ ފަރާތުން ޓީމެއްގެ ގޮތުގައި ކުޅެ މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިހާފުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިމިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އެ ޓީމާ ގުޅުނު ކަސެމީރޯ އެވެ. މިއީ އެ ޓީމާ ގުޅުނުފަހުން ކަސެމީރޯ ޖެހި ދެވަނަ ލަނޑެވެ.

ޔުނައިޓެޑާއި ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓުގެ ތެރޭގައި އެޓީމުން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޫކް ޝޯއެވެ.

ޔުނައިޓެޑާއި ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޔުނައިޓެޑުގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފޯޑެވެ. މިއީ ބްރޫނޯ ފަނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ.

މި މޮޅާއެކު ޔުނައިޓެޑުން ލީގުގައި ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްކުރިއިރު، އެ ޓީމުން އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު ޕްރިމިއާ ލީގުގެ ހަތަރު މެޗުގައި ވެސް ބަލިވެފައެއް އަދި ބައިކޮޅަށް ލަނޑެއް ވަދެފައިވެސް ނުވެއެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެ ޓީމުން ލީގުގައި، އަމިއްލަ ދަނޑުގައި ކުޅެ ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. އެ ޓީމުން ވަނީ 2017 ވަނަ އަހަރު މިގޮތަށް ހަ މެޗު ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް