މޭޔަރު މުއިއްޒު ހައްޔަރުކުރުން: ސިޓީ ކައުންސިލުން ސިފަކުރީ މޭޔަރުގެ ބާރު ކަނޑުވާލަން ކުރި ކަމެއްގެ ގޮތުގައި

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި އިދިކޮޅުން މަގުތަކަށް --- ސަންފޮޓޯ/ ނާއިލް ހުސައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކުރީ، މޭޔަރުގެ ބާރު ކަނޑުވައިލައި، އަޑު ކަނޑުވާލުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަކުރިކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަކީ، "ހަރާމް ހުކުމެއް" ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވައިލައެވެ.

މިރޭގެ މުޒާހަރާ ތެރެއިން މޭޔަރު މުއިއްޒު ހައްޔަރުކުރިއިރު، އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މިއީ، ޤާނޫނުއަސާސީއިން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މާލެ ސިޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިޚާބުކޮށްފައި ހުރި މޭޔަރުގެ ބާރު ކަނޑުވާލައި، އަޑު ކަނޑުވާލުމަށް ހިންގި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އަދި މިއީ ދިމިޤްރާތީ ވެއްޓެއްގައި ކަން ހިނގާންޖެހޭނެ ގޮތް ނޫންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއާއެކު މޭޔަރު މުއިއްޒު ވަގުތުން ދޫކޮށްލުމަށް ގޮވާލާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާއިރު، މި މުޒާހަރާތަކުގެ ތެރެއިން ގިނަބަޔަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން މިރޭގެ މުޒާހަރާގެ ތެރެއިން ޖުމްލަ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް، "ސަން"އާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް