ވިނީޝިއަސްގެ ފާޑުކިޔުން ލަލީގާއަށް: އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެއްވެސް ކަމެއްކުރާ ބައެއް ނޫން

ބްރެޒިލްއާއި ރެއާލް މެޑްރިޑުގެ ހުނަރުވެރި ފޯވާޑް ވިނީޝިއަސް ޖޫނިއާ --ފޮޓޯ/ގެޓީ އިމޭޖަސް

ސްޕެއިންގެ ފުޓުބޯޅައިގެ އެންމެ މަތީ ޑިވިޝަނުގެ ލީގު، ސްޕެނިޝް ލަލީގާ އަކީ ނަސްލީ ތަފާތުކުރުމާއި، ނަސްލީގޮތުން ދިމާކުރުމާ ދެކޮޅަށް އެއްވެސް ކަމެއްކުރާ ބައެއް ނޫންކަމަށް އެ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ތަރި ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.

ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އަދި އޭގެފަހުން ވެސް ލަލީގާގައި ރެއާލްއިން ކުޅޭ މެޗުތަކުގައި ވިނީޝިއަސްއަށް، ނަސްލީގޮތުން ދިމާކޮށް، އޭނާ ރާމާމަކުނެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުން ފުރައްސާރަކޮށްފައިވެއެވެ.

މި މައްސަލަ ބޮޑުވެ ލަލީގާއިން ވަނީ މީގެކުރިން އެފަދަ މީހެއްގެ މައްސަލަ ސްޕެއިންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހަޅާފައެވެ.

ރެއާލްއިން ހުކުރު ދުވަހުގެރޭ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށްކުޅެ މޮޅުވި މެޗުގައި، އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ވިނީޝިއަސްއާ ނަސްލީގޮތުން ދިމާކޮށްފައެވެ. މި މައްސަލަ، މީގެކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކެކޭ އެއްގޮތަށް ބަލައި، ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ލަލީގާއިން ވަނީ ބުނެފައެވެ. އަދި ލަލީގާގައި ނަސްލީ ތަފާތުކުރުމުގެ ޖާގަ ނުދޭނެ ކަމަށާއި، އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެ ލީގުން ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އުމުރުން 22 އަހަރުގެ ވިނީޝިއަސް ބުނީ، ދުނިޔޭގައި އޮތް އެންމެ ހައިބަތު ބޮޑު ކުލަބު ކުޅޭ މެޗުތައް ބެލުމުގެ ފުރުސަތު، މިފަދަ "ރޭސިސްޓުން"ނަށް އަދިވެސް ލަލީގާއިން ދޭ ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ނުވަތަ މިފަދަ ކަންކަން ހުއްޓުވުމަށް އެ ލީގުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

އެހެންނަމަވެސް މިފަދަ ފުރައްސާރަތަކުގެ ސަބަބުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ކުރިއަށްދާނީ އިސް އުފުލައިގެންކަމަށް ވިނީޝިއަސް ވަނީ ބުނެފައެވެ. އަދި އޭނާގެ ކާމިޔާބީތަކާއި ޓީމަށް ލިބޭ ކާމިޔާބީތައް ދެން ވެސް ފާހަގަކުރާނީ އުފަލާއެކުކަމަށް އޭނާ ބުންޏެވެ.

ރެއާލާ ދެކޮޅަށް ކުޅޭ ކުލަބުތަކުން ވިނީޝިއަސްއަށް ވަކިން ފުރައްސާރަކުރަނީ، ލަނޑުޖެހުމަށްފަހު އޭނާ އެކަން ފާހަގަކޮށް އުފާފާޅުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެއެވެ. ބްރެޒިލްއަށް ނިސްބަތްވާ ވިނީޝިއަސް، ލަނޑު ޖެހުމަށްފަހު އާންމުގޮތެއްގައި ބްރެޒިލްގެ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން، އުފާ ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ސަގާފީ ނެށުމެއް ކަމުގައިވާ "ސަމްބާ ޑާންސް" ކުރެއެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ބައެއް ކުޅުންތެރިން --ފޮޓޯ/ގެޓީ އިމޭޖަސް

އަނެއްކާ ވެސް ވިނީޝިއަސްއަށް ފުރައްސާރަކުރި މައްސައެއް ފެންމަތިވެފައިވާއިރު، މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްއިން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު ނެށުމުން، ހުޅަނގުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އެހެންނަމަ ވެސް ހައިބަތު ހުރި ޝަހްސިއްޔަތުން ވަނީ ބްރެޒިލްގެ ކުޅުންތެރިންގެ ދިފާއުގައި ނުކުމެ، ބަސް ބުނެފައެވެ.

comment ކޮމެންޓް