ބްރައިޓަން ބަލިކޮށް އާސެނަލްއިން އަހަރު ނިންމާލީ ބޮޑު މޮޅަކާއެކު

އާސެނަލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ----

އިނގިރޭސި ޕްރިމިއާ ލީގުގައި 2022 ވަނަ އަހަރު އާސެނަލްއިން ކުޅުނު ފަހު މެޗުގައި ބްރައިޓަންގެ މައްޗަށް ހޯދި މޮޅާއެކު، ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި އާސެނަލްއިން އެ ޓީމު ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އާސެނަލްގެ ފަރާތުން އެޓޭކިންގް މޮޅު ގޭމެއް ފެނިގެންދިޔައެވެ. އެ ޓީމުން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ފަށައިގެން އެއް މިނެޓާއި ހަ ސިކުންތުގެ ތެރޭގައި އާސެނަލްއިން ލަނޑެއްޖަހައި މެޗުގައި ލީޑު ނެގިއެވެ.މިއީ ބްރައިޓަންގެ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބުކާޔޯ ސަކާ ޖެހި ލަނޑެކެވެ. މިއީ 2013 ވަނަ އަހަރު ކިއުޕީއާރުއާ ދެކޮޅަށް އާސެނަލްއިން ކުޅުނު މެޗެއްގައި ތިއޯ ވޮލްކޮޓް 20 ސިކުންތުގެ ތެރޭގައި ޖެހި ލަނޑަށްފަހު، އެ ޓީމުން ޕްރިމިއާ ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

މި ހާފުގައި އެ ޓީމުން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ 39 ވަނަ މިނެޓުގައި އޭރިއާގެ ރޮނގުމަތިން ފޮނުވާލި ހަމަލާއަކުން މާޓިން އޮޑެގާޑް ކާމިޔާބުކުރި ލަނޑެކެވެ.

ދެ ލަނޑުގެ ލީޑަކާއެކު އާސެނަލްއިން ދެވަނަ ހާފު ފެށިއިރު، މި ހާފު ފަށައިގެން ވެސް ދެވަނަ މިނެޓުގައި އާސެނަލްއިން އިތުރު ލަނޑެއް ޖެހިއެވެ. ގަބްރިއެލް މާޓިނެލީ ފޮނުވާލި ބާރު ހަމަލާއެއް، ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ފައިގައި ޖެހިފައި ނިކުތުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އެޑީ އެންކެޓިއޭއެވެ.

އާސެނަލް އަދި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން----

ތިން ލަނޑުގެ ލީޑެއްގައި އޮވެ އާސެނަލްއިން އިތުބާރާއެކު ކުޅެމުންދަނިކޮށް، މެޗުގެ 65 ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކައޯރޫ މިޓޯމާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަ މިނެޓުފަހުން އާސެނަލްއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. ކައުންޓަ އެޓޭކެއްގައި އެ ގޯލު ޖެހީ މާޓިނެލީއެވެ.

ބްރައިޓަންއިން މެޗުގައި ދެވަނަ ލަނޑެއް ޖެހީ 77 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިވާން ފާގަސަންއެވެ.

މި މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 16 މެޗު ކުޅެ 36 ޕޮއިންޓު ހޯދައިގެންނެވެ. މީގެއިތުރުން މެޗުން ބަލިވި ބްރައިޓަން ތާވަލުގެ އަށްވަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް