އެވަޓަންއިން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ސިޓީން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓައިންއިން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ސިޓީންނެވެ. އެ ޓީމުން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިދީފައިވަނީ މި ސީޒަންގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާލަންޑެވެ. ރިޔާދު މަހްރޭޒް އޭރިއާ ބޭރުން ތިރިތިރިން ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލަކީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި 21 ވަނަ ގޯލެވެ.

އެވަޓަންއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

މެޗުގައި އެވަޓައިން ފޮނުވާލި ހަމަހައެކަނި ހަމަލާއިން ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ޑެމަރާއި ގްރޭއެވެ.

ސިޓީއަށް އެވަޓަން އަތުން މޮޅު ނުވެވުމުން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދުގައި އޮތް ފަރަގު ވަނީ ބޮޑުވެފައެވެ. ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 16 މެޗުން 36 ޕޮއިންޓު ހޯދައިގެންނެވެ. އަދި އެއްވަނައިގައި އާސެނަލް އޮތީ 16 މެޗު ކުޅެ 43 ޕޮއިންޓު ހޯދައިގެންނެވެ. މީގެއިތުރުން 17 މެޗު ކުޅެ ލިބުނު 15 ޕޮއިންޓާއެކު އެވަޓަންއަށް ލިބެނީ ތާވަލުގެ 16 ވަނައެވެ.

comment ކޮމެންޓް