އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވުލްވްސްގެ މައްޗަށް ކުރި ހޯދައި ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.
ވުލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވަގެން ދެއްކި އިތުރުވަގުތުގެ އެއް މިނެޓުގެ ތެރޭގައި ޔުނައިޓެޑުގެ އެންޓޮނީއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރޭގައި ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިފައުކުރީ ވޯލްވްސްގެ ކީޕަރު ޖޯސޭ ސާއެވެ.
ލަނޑެއް ޖެހުމަށް ޔުނައިޓެޑުން ކުރި މަސައްކަތުގައި ކާމިޔާބުވީ ދެވަނަ ހާފުގައި މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ ބްރުނޯ ފަނާންޑޭޒް އޭރިއާ ބޭރުން މާކޮސް ރަޝްފޯޑަށް ދިން ޕާހެއް ހިފައިގެން ވުލްވްސްގެ އޭރިއާ ތެރެއަށް ވަދެ އެ ޓީމުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޖެހި ގޯލެކެވެ.

ރަޝްފޯޑު ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---
މި މޮޅާއެކު ޔުނައިޓެޑުން މިހާތަނަށް ކުޅުނު 16 މެޗުން ހޯދި 32 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ތާވަލުގެ ފަސްވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓު ހޯދާފައިވާ ޓޮޓެންހަމް އެވެ. ތާވަލުގެ ތިންވަނައިގައި އޮތީ މި ދެ ޓީމަށްވުރެ އިތުރަށް އެއް މެޗު ކުޅެ، 34 ޕޮއިންޓު ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ.
މެޗުން ބަލިވި ވުލްވްސް އޮތީ ރެލިގޭޝަން ޒޯނުގައި ތާވަލުގެ 18 ވަނައިގައި 17 މެޗުން 13 ޕޮއިންޓާއެކުއެވެ.
މިދިޔަ ސީޒަނުގައި ގަދަ ހަތަރެއްގައި ނުހިމެނި، ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުން ޔުނައިޓެޑަށް ކުޅެން ޖެހުނީ ޔޫރަޕާ ލީގުގައެވެ. އެހެންކަމުން މި ސީޒަނަށް އެ ޓީމުން ނުކުތީ ވަރުގަދަ އަޒުމެއްގައެވެ.