އެކްރެޑިޓްނުކުރާ ޕްރޮގްރާމެއް ނުހިންގަން، އެއީ އިޝްތިހާރު ހެދުމުގެ ކުށެއް: އެވިޑް ކޮލެޖު

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝާތާގު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެމްކިއުއޭގެ އެކްރެޑިޝަނާ ޚިލާފަށް ކޯހުގެ މުއްދަތުގެ މައުލޫމާތު ހިމަނާފައި އޮތުމާއެކު، އެކްރެޑިޓް ނުކުރާ ކޯސްތަކެއް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އަންގައި އެ އިދާރާއިން ނޫސް ބަޔާނެއް ވަނީ ނެރެފައެވެ.

އެ ބަޔާނާ ގުޅިގެން އެވިޑުން ނެރުނު ނޫސް ބަޔާނެއްގައިވަނީ އެ ކޮލެޖުން އިޝްތިހާރު ކުރުމުގައި ކުށް ލިޔެވުނު ކޯސްތަކުގެ މައުލޫމާތު އިސްލާހުކުރުމަށް ފަހު އާންމުކޮށްފައެވެ.

އެގޮތުން އޭސީސީއޭ އެޕްލައިޑް ނޮލެޖަކީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ހިންގާ ލެވެލް ފަހެއްގެ ކޯހެކެވެ. އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ލެެވެލް ހަތެއްގެ ޕްރޮގްރާމެކެވެ.

އެވިޑުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް އެމްކިއުއޭއިން އެކްރެޑިޓްކޮށް، ހިންގަން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށެވެ.

ނަމަވެސް އެ ކޯސް އިޝްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށް އެ ކޮލެޖުގެ ސަމާލުކަމަށް އެމްކިއުއޭއިން ގެނައީ، އެ ކޯހާ ގޫޅޭގޮތުން ބަޔާނެއް ނެރެ، ކުށް އިސްލާހުކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނުދީކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.

"މި ގޮތަށް އެމްކިއުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް، ފުރުސަތު މި ކޮލެޖަށް ގެއްލި ދިޔައެެވެ. ހަަމައެހެންމެ، ނުނިޔަތެއްގައި، އިޝްތިހާރު ކުރި ކަމުގައި ދޭހަވާފަދަ ގޮތަކަށް ނޫސް ބަޔާން ނެރެފައިވާތީ ވެސް މި ކޮލެޖުން ހިތާމަކުރަމެވެ،" އެ ކޮލެޖުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، އެއީ ފަށަން ތައްޔާރުވަމުން އަންނަ ކޯހެއް ކަމަށާއި އެ ކޯސް އަދި ނުހިންގާ ކަމަށް ވެސް އެވިޑުން ބުންޏެވެ.

comment ކޮމެންޓް