އާޖެންޓީނާގެ ކޯޗުކަމުގެ މަގާމުގައި ސްކަލޯނީ ދެމިހުންނާނެ

ސްކަލޯނީ ވޯލްޑް ކަޕުގެ ޓްރޮފީއާއެކު --ފޮޓޯ/ގެޓީ އިމޭޖަސް

އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި، އެ ޓީމާއެކު ވޯލްޑް ކަޕް 2022 ކާމިޔާބުކުރި ލިއޮނެލް ސްކަލޯނީ ދެމިހުންނާނެ ކަމަށް އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޓަޕިއާ ބުނެފިއެވެ.

މިކަން ހާމަކޮށް ޓަޕިއާ ބުނީ، ކޯޗުކަމުގެ މަގާމުގައި ސްކަލޯނީ ދެމިހުންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. އަދި އޭނާއާއި ސްކަލޯނީ އަކީ ވެސް ބަހުގެ އިތުބާރު ހިފަހައްޓާ ދެ މީހުން ކަމަށާއި، މަގާމުގައި ދެމިހުރުމަށް އަނގަބަހުން ސްކަލޯނީ އެއްބަސްވެފައިވާ ކަމަށް ޓަޕިއާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ، ވޯލްޑް ކަޕަށްފަހު ސްކަލޯނީ އަންނަނީ ޗުއްޓީ ހޭދަކުރަމުން ކަމަށާއި، ޗުއްޓީއަށްފަހު އެނބުރި އައިސް ރަސްމީ އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ ކަމަށެވެ.

އުމުރުން 44 އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ އެފްއޭއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ.

އޭނާ އެންމެފުރަތަމަ އާޖެންޓީނާގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަގުތީ (ކެއާޓޭކާ) ކޯޗެއްގެ ގޮތުގައެވެ. އޭނާއަށް ދާއިމީ ކޮންޓްރެކްޓެއްދީ، ރަސްމީކޮށް އެ މަގާމު ހަވާލުކުރީ ޖެހިގެން އައި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާއިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރުމާއި، ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފިނަލިސިމާ މެޗު ކާމިޔާބު ކުރުމުގެ އިތުރުން، 36 އަހަރަށްފަހު އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕުގެ ތަށި އުފުލާލީ ވެސް ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ.

comment ކޮމެންޓް