ރޮނާލްޑޯ ބާކީ ކޮށްލީ ފަލަސްޠީނާ އެއްކޮޅަށް ބަސްބުނާތީ: އުރުދުޣާން

ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ގައުމީ ޓީމުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްލައި، ފުރުސަތު ނުދޭން ފެށީ އޭނާ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނާތީ ކަމަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިފަދައިން ވިދާޅުވީ، ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ވާދަވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ތުރުކީގެ އެރްޒުރަމް ޕްރޮވިންސްގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އިވެންޓޭއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވަނީ، ރޮނާލްޑޯއަށް ގައުމީ ޓީމުން ފުރުސަތު ނުދޭކަން ފާހަގަކުރައްވައި، އެއީ ސިޔާސީ ގޮތުން ކުރިމަތި ކުރުވާ ހުރަހެއް ކަމަށް ވިދާޅުވެފައެވެ. "އެ މީހުން ވަނީ ރޮނާލްޑޯ ބޭކާރުކޮށްލާފަ. ހިތާމައަކީ މިއީ އެމީހުން އޭނާއާ ދެކޮޅަށް ސިޔާސީ ގޮތުން ކުރިމަތިކުރުވި ފިއްތުމަކަށް ވާތީ". އިވެންޓުގައި ޒުވާނުންނާ ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވަނީ ރޮނާލްޑޯއާ މެދު ޕޯޗުގަލްއިން ކަންކުރި ގޮތާއި، އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ކުރާނެ އަސަރުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. " މެޗު ނިމެން 30 މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ފަދަ ފުޓުބޯޅަ ކުޅުންތެރިއަކު ދަނޑަށް ފޮނުވުމުން އޭނާއަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެ. އޭނާގެ ބުންވަރާއި ހަކަތައަށްވެސް އެކަމުގެ އަސަރު ކުރާނެ" އުރުދުޣާން ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރާއީލުން ފަލަސްޠީނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާކަން ރޮނާލްޑޯ ދައްކައިދީފައިވާކަން އުރުދުޣާން ފާހަގަކުރެއްވިއެވެ.

ފަލަސްޠީނާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ސަބަބުން ރޮނާލްޑޯ ބާކީކޮށްލާފައި ވާކަމަށް އުރުދުޣާން ވިދާޅުވިއިރު، ރޮނާލްޑޯ އަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކުޅުންތެރިއެކެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން ރޮނާލްޑޯއަށް ލިބުނު ރަން ބޫޓެއް ނީލަމުގައި ވިއްކާލުމަށްފަހު، އޭގެއިން ލިބުނު 1.5 މިލިއަން ޔޫރޯ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހަދިޔާ ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެ ފަހުން ރަމަޟާން މަހަކާ ދިމާކޮށް ފަލަސްތީނުގެ ގާޒާގެ ރައްޔިތުނަށް 1.5 މިލިޔަން ޑޮލަރުގެ ދީލަތި އެހީއެއް ރޮނާލްޑޯ ވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މީގެއިތުރުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާކަން ހާމަކޮށް ރޮނާލްޑޯ މީގެކުރިން ވީޑިއޯއެއް ވެސް އާންމުކޮށްފައިވެއެވެ.

މިފަދަ އެތައް ސަބަބުތަކަކާ ގުޅިގެން ރޮނާލްޑޯ ބާކީކުރީ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއިރު، މި މަހުގެ 18 ވަނަ ދުވަހު ނިމުނު ފީފާ ވޯލްޑް ކަޕް 2022 މުބާރާތުގެ ދެވަނަ ބުރުން ފެށިގެން ރޮނާލްޑޯއަށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.

ގުރޫޕު ސްޓޭޖުގެ ތިން މެޗުގައި ފުރަތަމަ 11 ގައި ހިމެނި އެއް ލަނޑު ކާމިޔާބުކުރި ރޮނާލްޑޯއަށް، ރައުންޑް އޮފް 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުތް މެޗުގައިއާއި، ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރުސަތު ދީފައިވަނީ ދެވަނަ ހާފުގައެވެ.

ކުއާޓާ މެޗުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލްއަށް މުބާރާތް ނިމުނުއިރު، މެޗަށްފަހު ރޮނާލްޑޯ ދަނޑުން ފޭބިއިރު ހުރީ ރޮވިފައެވެ. މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެފައިވާ ރޮނާލްޑޯއަށް، މި ފަހަރުގެ ވޯލްޑް ކަޕަކީ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ "ބާކީކޮށްލާފައި"ވާއިރު އޭނާއަކީ ޕޯޗުގަލްއިން ފުޓުބޯޅައިގައި ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރެވެ. ފުޓުބޯޅައިގެ ހައިބަތު ބޮޑު މުބާރާތެއްގައި މީގެކުރިން އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާ ޕޯޗުގަލްއަށް 2016 ވަނަ އަހަރު ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި، އެފަހުން ނޭޝަންސް ލީގު ކާމިޔާބު ކުރެވުމުގައި ރޮނާލްޑޯގެ ދައުރު ބޮޑެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް 118 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ އަކީ އެ ޓީމުގެ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް، ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ގައުމީ ޓީމުގެ ފުރަތަމަ 11 އިން ރޮނާލްޑޯއަށް ފުރުސަތު ގެއްލުނުއިރު އޭނާ މިވަގުތު ހުރީ ކުލަބެއްގެ ކޮންޓްރެކްޓެއްގައެއް ނޫނެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ޕިއާސް މޯގަންގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން އޭނާ ކުޅެމުން އައި މެންޗަސްޓާ ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.

ޔޫރަޕުގެ ޓީމަކުން ރޮނާލްޑޯގެ ސޮއި ހޯދުމަށް އުޅޭކަމުގެ ޚަބަރެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިނުވާއިރު، އޭނާ ގެނައުމަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކުލަބުން ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ. 200 މިލިއަން ޔޫރޯގެ މި ހުށަހެޅުން ރޮނާލްޑޯ ގަބޫލުކޮށްފި ނަމަ، އޭނާ ވާނީ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް