ޔާމީނަށް ރިޝްވަތު ދެއްވި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް

ރައީސް ޔާމީން އަދި ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމް ކޮށްފަ ----

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ދެއްވިކަން ސާބިތުވެފައިވާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ދެ ދައުވާ ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ދައުލަތުން އެދުނީ ޔޫސުފް ނައީމް އަށް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, އެ ކުށުގެ އަދަބު މަތިކޮށް ދަށްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެއްވި ފުރުސަތުގައި ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ, ދައުލަތުން އެދިފައިވަނީ އޭނާގެ މުވައްކިލަށް ބޮޑު ހުކުމެއް އިއްވުމަށް ކަމަށެވެ. އަދި އެދުނީ ފަނޑިޔާރަށް ލިބޭ އިހްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ ދަށް ކޮށްދިނުމަށެވެ.

އެގޮތުން ޔޫސުފް ނައީމަށް މީގެ ކުރިން އެއްވެސް ބާވަތެއްގެ ހުކުމެއް ކޮށްފައިނުވާކަން ފާހަގަކޮށް ހަމްޒާ ލަތީފް ވިދާޅުވީ, އޭނާގެ މުވައްކިލުގެ އެއްވެސް ބާވަތެއްގެ ކްރިމިނަލް ރިކޯޑެއް ނޯންނާނެ ކަމަށެވެ. އަދި އުމުރުން 52 އަހަރުގެ ޔޫސުފް ނައީމަކީ ބަލި ހާލަތު ދެރަ ޖިސްމާނީ ގޮތުން ހާލަތު ދަށް މީހެއް ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން އަޅުގަނޑުގެ މުވައްކިލަށް ކަނޑައެޅިގެންދާ އަދަބުގެ އެއްބައި އަދި އަޅުގަނޑު ހުށަހަޅާ ގޮތުން ބޮޑު ބައި ބަދަލު ކޮށްދޭން ގޭ ބަންދަށް," ހަމްޒާ ވިދާޅުވިއެވެ.

ގޭ ބަންދުގެ އިތުރުން އަދަބުގެ ބަޔެއް ޖޫރިމަނާއަށް ބަދަލު ކޮށްދިނުމަށް ވެސް ޔޫސުފް ނައީމްގެ ފަރާތުން އެދުނެވެ. އަދަބަކާ ގުޅިގެން ކުރާ ޖޫރިމަނާ ދެއްކުމުގެ ގާބިލްކަން ޔޫސުފް ނައީމަށް ލިބުނު ނަމަވެސް އޭނާއަކީ އެކަމުގެ ސަބަބުން ލިބޭ އާމްދަނީއަށް އަސަރު ނުކުރާހާ ތަނަވަސް ބޭފުޅެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މުވައްކިލުގެ މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ އެއްލައްކަ ފަންސާސް ހާސްކަން އަޅުގަނޑު ފާހަގަކުރަން," ހަމްޒާ ވިދާޅުވިއެވެ.

އެހެންކަމުން ދިފާއުން އެދުނީ ޔޫސުފް ނައީމްގެ މައްޗަށް އިއްވާ ހުކުމް އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ އަދަބު ދަށް ކޮށްދިނުމަށެވެ. އެއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހެވެ. އޭގެ ބޮޑުބައި ގޭ ބަންދަށް ބަދަލުކޮށް ޖޫރިމަނާ ކޮށްދިނުމަށް ވެސް ވަކީލް އެދިވަޑައިގަތެވެ.

ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވަނީ މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާ ހަވާލާ ދެއްވާފައެވެ. އެގޮތުން ޔޫސުފް ނައީމްގެ ހާލަތާ ދާދި އެއް އެއް ހާލަތެއްގައި ހުރި މީހެއްގެ ހުކުމް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދުނު ނަމަވެސް ހައިކޯޓުން ބުނެފައިވަނީ ކުށުގެ އަދަބުގެ ބައެއް ގޭ ބަންދަށް ބަދަލުކުރުމަކީ ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ކަމަށެވެ.

"ދައުލަތުން ދެކޭ ގޮތުގައި މި މައްސަލައިގައި އެކުލެވޭ ފައިސާގެ އަދަދަށް ބަލާއިރު ވެސް މި ފަރާތްތަކަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅިގެން ދިއުމަކީ އެއީ ހަގީގީ އަދަބަކަށް ނުވާނެ," ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

comment ކޮމެންޓް