ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ޝިމާޒް، ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ--- ފޮޓޯ

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޝިމާޒް އަލީ މަޤާމުން ވަކިކުރެއްވުމަށް މިނިސްޓަރު އައިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވާފައިވަނިކޮށް, ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޝިމާޒް ބަދަލުކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޝިމާޒް ހަމަޖައްސަވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ، ޝިމާޒް އަލީ މަޤާމުން ވަކިކުރުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ސިޓީ ފޮނުއްވާފައިވަނީ، މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

އެ ސިޓީ ފޮނުއްވާފައިވާއިރު، ޝިމާޒް ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއް ވެސް އެދުވަސްވަރު އޭސީސީން ވަނީ ބަލާފައެވެ.

ޝިމާޒުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭގޮތުން އޭނާ ވިދާޅުވެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ނޭނގި މިނިސްޓްރީގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނޭ ކަމަށެވެ.

މިކަންތައްތަކުގެ ތެރޭގައި ބަޔަކު ވަނީ ޝިމާޒަށް ހަމަލާވެސް ދީފައެވެ. ހަމަލާއާ ގުޅޭގޮތުން ޝިމާޒް ވިދާޅުވެފައިވަނީ އޭނާއަށް ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެއް ކަމަށެވެ.

ޝިމާޒަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގައެވެ.

comment ކޮމެންޓް