އަންނަ އަހަރު ރާއްޖޭން ބައިވެރިވާނީ ފަސް ގޭމެއްގައި

2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ބައިވެރިވި ރާއްޖޭގެ އެތުލީޓުން--- ފޮޓޯ/ ގެޓީ އިމޭޖްސް

އަންނަ އަހަރު ރާއްޖޭން ބައިނަލްއަގްވާމީ ފަސް ގޭމެއްގައި ބައިވެރިވާނެކަމަށް މޯލްޑްވިސް އޮލިޕިކް ކޮމެޓީ (އެމްއޯސީ)އިން ބުނެފިއެވެ.

އެ ކޮމެޓީން ބުނީ ރާއްޖޭން އަންނަ އަހަރު ބައިވެރިވާނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ކަމަށެވެ.

އެ ގޭމްސްތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮންނާނީ ކޮމަން ވެލްތު ޔޫތު ގޭމްސްއެވެ. އުމުރުން 14 އަހަރާއި 18 އަހަރާއި ދެމެދުގެ އެތުލީޓުންނަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތް ފަށާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވަން ބާއްވާ ކޮމަން ވެލްތު ޔޫތު ގޭމްސް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހެވެ.

ކޮމަން ވެލްތު ޔޫތު ގޭމްސްގައި ރާއްޖޭގެ ޒުވާން އެތުލީޓުން ގައުމު ތަމްސީލު ކުރަމުންދާއިރު ރާއްޖޭގެ ސީނިއާ އެތުލީޓުން އެނޮކް ބީޗު ގޭމްސްގައި ގައުމު ތަމްސީލު ކުރާނެއެވެ. އިންޑޮނޭޝިއާގެ ބަލީގައި ބާއްވަން ތާވަލުކޮށްފައިވާ އެ މުބާރާތް ފަށާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެ މުބާރާތް ނިމޭނީ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގައެވެ.

އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ރާއްޖޭން ބައިވެރިވުމަށް އެމްއޯސީއިން ވަނީ ނިންމައިފައެވެ. މަޑަގަސްކަރައިގައި ބާއްވާ އެ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން އެ އަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން، އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ބައިވެރިވާން ވަނީ ނިންމައިފައެވެ. އަަންނަ އަހަރު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށް ބާއްވާ އޭޝިއަން ގޭމްސްއަކީ މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ މުބާރާތެކެވެ. ޗަައިނާގައި ބޭއްވަމަށް ނިންމާފައިވާ އެ މުބާރާތް އަންނަ އަހަރަށް ފަސްކުރީ އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މިއަހަރު ވެސް މުޅިން ރަނގަޅު ނުވާތީއެވެ.

އަންނަ އަހަރު ރާއްޖޭން ބައިވެރިވާނެ އެންމެ ފަހު ގޭމަކީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްއެވެ. ތައިލެންޑްގެ ޗޮމްބޫރީ އާއި ބެންކޮކްގައި ބާއްވާ އެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ މުބާރާތް ނިންމާލާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އަންނަ އަހަރު ބާއްވާ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރާއްޖެއަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ އަންނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން، ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރުމާ ގުޅިގެން ރާއްޖޭން އެ ފުރުސަތު ވަނީ ދޫކޮށްލައިފައެވެ.

މިއަހަރު ވެސް ރާއްޖޭން ވަނީ ފަސް ގޭމްސްއެއްގައި ވާދަކުރުމަށް ތާވަލުކޮށްފައެވެ. ނަމަވެސް މިއަހަރު ރާއްޖެއަށް ބައިވެރިވެވިފައިވަނީ އެންމެ ދެ ގޭމްސްގައެވެ. އެއީ ރާއްޖޭން ވާދަކުރީ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެވެ.

comment ކޮމެންޓް